މައި ކަޕް 2015: އަރާދުވާ އަދި ހޭސް އަށް ތަފާތުބޮޑު މޮޅެއް — Ihavandhoo.com

މައި ކަޕް 2015: އަރާދުވާ އަދި ހޭސް އަށް ތަފާތުބޮޑު މޮޅެއް

13 ޑިސެމްބަރު 2015 0

މާރަންދޫ ޔޫތު ކޯޕަރޭޝަން އަދި އައިކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން

އިހަވަންދޫ ހުރަވީ ދަނޑުގައި މިހާރު ކުރިޔަށްދާ މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގައި ގްރޫޕް 1 ގެ އައި-ކުލަބާއި މާރަންދޫ ޔޫތު ކޯޕަރޭޝަނުގެ ކުރިމަތިލުން އެއްވަރުވިއިރު ގްރޫޕް 2 ގައި ހިމެނޭ އަރާދުވާ އަދި ހޯރަފުށި އެޑްވާންސްމެންޓް ސޮސައިޓީ (ހޭސް) އަށް ތަފާތު ބޮޑު މޮޅެއް ލިބިއްޖެއެވެ.

އިއްޔެ ހަވީރު އައި-ކުލަބާއި މާރަންދޫ ޔޫތު ކޯޕަރޭޝަން ބައްދަލުކުރި މެޗު ނިމުނީ 0-0 ން ދެޓީމު އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާރަންދޫ ޔޫތު ކޯޕަރޭޝަނުގެ މުޙައްމަދު ރަމީޒް، 11 އެވެ. ގްރޫޕް 1 ގެ ކޮންމެ ޓީމެއް އެއްމެޗު ކުޅެފައިވާއިރު އެގްރޫޕްގެ 1 ވަނާގައި އޮތީ މުބާރާތުގެ ފުރަތަމަ މެޗުގައި އެންވީކޭ އަތުން 1-0 ން މޮޅުވި ތުރާކުނު އައިލެންޑް ޑިވްލޮޕްމެންޓް ސޮސައިޓީއެވެ.

ރޭ ކުޅެވުނު ގްރޫޕް 2 ގެ ފުރަތަމަ މެޗުގައި އަރާދުވާ ވަނީ އަރުދުވާ ކުރިމަގު މައްޗަށް 6-0 ގެ ނަތީޖާއަކުން ތަފާތުބޮޑު މޮޅެއް ހޯދައިފައެވެ. އަރާދުވާގެ ފުރަތަމަ ގޯލް ޖަހައިދިނީ އެޓީމުގެ މޫސާ އިމްރާން 10، އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަރާދުވާގެ މައުރޫފް ޙުސައިން 11، ވަނީ 3 ގޯލް ޖަހައި މިއަހަރުގެ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދައިފައެވެ. އަރާދުވާގެ އަނެއް ދެގޯލް ޖަހައދިނީ މުޙައްމަދު ނަދީމް 7، އެވެ.

ރޭ ކުޅެވުނު މި ގްރޫޕްގެ ދެވަނަ މެޗުގައި ހޯރަފުށި އެޑްވާންސްމެންޓް ސޮސައިޓީ (ހޭސް) ވަނީ 5-0 ން ކޮފަލި ބަލިކޮށް އެޓީމުގެ ފެށުން ރަނގަޅުކޮށްފައެވެ. ހޭސް އަށް މެޗުގެ ލީޑު ނަގައިދިނީ ފުރަތަމަ ހާފުގައި އެޓީމުގެ ޙަސަން އިރުޝާދު 5، އެވެ. ދެވަނަ ހާފުގައި ހޭސްވަނީ އިތުރު ހަތަރު ގޯލް ޖަހައި ކޮފަލި ޓީމުގެ މައްޗަށް ތަފާތު ބޮޑު މޮޅެއް ހޯދައިފައެވެ. މި ގޯލްތައް ޖަހައިދިނީ ޙުސައިން އިރުފާން 9، ޢަލީ ފާއިޒު 10، އަޙްމަދު ނަސީމް 12، އަދި ޢަބްދުﷲ ރައުފާން 15، އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހޭސް ގެ އަޙްމަދު ހަމީދު 8، އެވެ.

މި މުބާރާތުގެ ތިން މެޗު މިއަދާއި މިރޭ ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ހަވީރު ގްރޫޕް 3 ގެ ނިކަ ޗެއިނާއި އެފްސީ ބޮޑުމަގުގެ ކުރިމަތިލުން އޮންނާނެއެވެ. މިގްރޫޕް ދެވަނަ މެޗުގައި މިރޭ ކުޅިމަގު ނިކުންނާނީ ސެންސިޓީ ފޭންސް އާ ދެކޮޅަށެވެ. މިރޭގެ ފަހު މެޗުގައި ގްރޫޕް 4 ގެ ޔުނައިޓެޑް ޔޫތު އަދި ޖަންގަލް ޑާކު ޕޮއިންޓްގެ ކުރިމަތުލުން އޮންނާނެ އެވެ.

 

މައިކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ