މަޠީން ފިޔަވައި އެހެން ކެނޑިޑޭޓަކަށް ޖަވާބުދޭން ނުކެރުނު

އިމަގު މަޖިލިސް ބަހުސްގައި ހަތަރު ކެނޑިޑޭޓުން ޕާފޯރމްކުރަނީ / ފޮޓޯ: އިހަވަންދޫޑޮޓްކޮމް
ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާ ކުރުމަށް އިހަވަންދޫޑޮޓްކޮމްގެ ކިޔުންތެރިން ފޮނުވި ސުވާލުތަކަށް، އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ޖަވާބުދާރީވާން ކެރިވަޑައިގަތީ ހއ. އިހަވަންދޫ، އެރޯމާ މުޙައްމަދު މަޠީނަށެވެ.
ކިޔުންތެރިންގެ ސުވާލުތައް ހޯދުމަށް އިހަވަންދޫޑޮޓްކޮމުން ހުޅުވާލި ފުރުޞަތުގައި ކިޔުންތެރިން ފޮނުވި ސުވާލުތަކާއި، އިހަވަންދޫޑޮޓްކޮމުން ކަނޑައެޅި ސުވާލުތައް މި މަހުގެ 4 ވަނަ ދުވަހު ކެނޑިޑޭޓުންނަށް ވާނީ ފޮނުވާފައެވެ. ތަފާތު އެކިފަހަރު މަތިން ތަކުރާރުކޮށް ދަންނަވައިގެން، ޖަވާބު ދެއްވުމަށް އިޖާބަދެއްވީ ހަމައެކަނި މަޠީނެވެ. އަނެއް ތިން ކެނޑިޑޭޓުންގެ ޚަބަރެއް މިހާތަނަށް ވެފައި ނުވެއެވެ.
ސުވާލުތަކަށް ޖަވާބުދެއްވުމަށް ފަސްޖެހުނު ކެނޑިޑޭޓުންނާ ކުރެވުނު ސުވާލުތައް ތިރީގައި އެ ވަނީއެވެ.
ހުރިހާ ކެނޑިޑޭޓުންނާ ވެސް އެއްގޮތަކަށް ކުރެވުނު ސުވާލުތައް:
- ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، ނަސަބާއި ހަސަބުގެ ތަފްޞީލް؟
- އަނބިދަރިންނާ ބެހޭ މަޢުލޫމާތު؟
- ތަޢުލީމީ ފެންވަރާއި، ބައިވެރިވެފައިވާ ތަމްރީން ޕްރޮގްރާމްތަކާއި، މި ނޫންވެސް މިފަދަ ކަންކަން؟
- އަދާކުރި ވަޒީފާތަކާއި، މަޤާމުތައް އަދި ދިރިއުޅުމުގެ މި ނޫންވެސް މަސައްކަތުގެ ތަޖުރިބާތައް؟
- ޙާސިލްކޮށްފައިވާ ކާމިޔާބީތައް؟
- ދިރިއުޅުމަށް މިހާރު ކުރަނީ ކޮން މަސައްކަތެއްތޯ؟
- މަޖިލިސް މެމްބަރުކަމަށް ކުރިމަތިލީ ކީއްވެ؟
- މަޖިލިސް މެމްބަރު ކަމަށް ތިބާ ހޮވަންވީ ކީއްވެ؟
- ތިބާ އަށް އިތުބާރު ކުރަންވީ ކީއްވެ؟
- ރައްޔިތުންނަށް ވާ ވަޢުދު ތަކަކީ ކޮބާތޯ؟
- މަޖިލިސް މެމްބަރެއްގެ ޒިންމާތައް އަދާކުރުމުގައި ތިބާ ގެންގުޅުއްވާނެ ހަމަތައް ބަޔާންކޮށްދެއްވާ؟
- އިހަވަންދޫއާ މެދު ގެންގުޅުއްވާ ޚާއްޞަ ތަޞައްވުރެއް އެބައޮތްތޯ؟ ތަފްޞީލް ދެއްވާ!
- މަރުގެ އަދަބު ތަންފީޒް ކުރުމަށާއި، ރަޖަމް ކުރުމަށާއި، ވައްކަން ކުރާ މީހުން އަތްކަނޑުން ފަދަ ޝަރުޢީ ޙުކުމްތައް ތަންފީޒް ކުރުމަށް ތާއީދު ކުރައްވަންތޯ؟ އަދި މި ޙުކުމްތައް ތަންފީޒް ކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރައްވާނަންތޯ؟ ސާފު ޖަވާބެއް ބޭނުން!
- އިހަވަންދޫގެ ރައްޔިތުންނަށް މިވަގުތު އެންމެ ދަތިވެފައިވާ ކަންކަމަކީ ކޮބައިތޯ؟ ރައްޔިތުންގެ ޙާލަތާއި ވިންދު ބަޔާންކޮށްދެއްވާ!
- އިހަވަންދޫގައި ފެތުރެމުންދާ މަސްތުވާކެތީގެ ވަބާއާއި، ވަޒީފާއެއް ނެތި މަގުމަތީ ބިއްޖެހިފައި ތިބި ޒުވާނުންގެ ޙާލަތު ރަނގަޅުކުރުމަށް މަނިކުފާނު ގެންގުޅުއްވާ ތަސައްވަރަކީ ކޮބައިތޯ؟
- މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަ ކުރަން ފެނޭތޯ؟ ފެންނަ ނަމަ ކިހާ މިންވަރަކަށްތޯ ކުޑަ ކުރަންވީ؟
- ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ކިހާ މިންވަރަކަށް ފަރިތަތޯ؟ ޤާނޫނީ ނިޒާމުގައިހުރި އިސްލާހު ކުރަން ޖެހޭ ޤާނޫނުތައް ކަމަށް މި ވަގުތަށް ފެންނަން ހުރި މުހިއްމު ޤާނޫނުތަކަކީ ކޮބައިތޯ؟ އަދި މި ހިނދަށް ކޮންމެހެން ވެސް ބޭނުންވެފައި ހުރި ޤާނޫނުތަކަކީ ކޮބައިތޯ؟
- ރުޅި އަންނަ ހިނދު ރުޅި މައިތިރިކުރުމަކީ ތިބާ އަށް އުނދަގޫ ކަމެއްތޯ؟ ރުޅިއައިސްގެން ދުވަހަކުވެސް މުދަލަކަށް އަދި އެއްވެސް މީހެއްގެ ޖިސްމަށް ޙަމަލާއެއް ދެވިފައި ވާނެތޯ؟
- ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަންމަނިކަކީ "ބާޣީ"އެއްކަމަށް ބުނެފައި ވާނެތޯ؟ އަދި އެއްވެސް މީހަކުގެ ނަފްސަށް އެ މީހަކު ނުރުހޭ ބަސްތަކުން މުޚާތަބުކޮށްފައި ވާނެތޯ؟
- އާބާދީ އެއްފަސް ކުރުމާމެދު ހިޔާލަކީ ކޮބާތޯ؟ މިގޮތުން މޮޅަދޫ ރައްޔިތުން އިހަވަންދޫއަށް ބަދަލު ކުރުމާމެދު ޚިޔާލަކީ ކޮބާތޯ؟
- އެހެން ކެނޑިޑޭޓުންނާ އަޅާ ކިޔުއްވާ ތިބާ ހޮވަންވީ ސަބަބު ސާބިތުކޮށްދެއްވާ!
- ދާއިރާގެ ގޮނޑިއަށް އިންތިޚާބުވިޔަސް ނުވިޔަސް ރައްޔިތުންގެ ތަރައްޤީއަށް ކޮށްދިނުމަށް ވަޢުދުވާ ކަމެއް އެބައޮތްތޯ؟
- ނިންމާލަމުން ރައްޔިތުންނަށް ދޭނެ މެސެޖަކީ ކޮބައިތޯ؟
މުޙައްމަދު ޢަބްދުﷲ (މުހައްމާ) އަށް ޚާއްޞަ ކުރެވުނު ސުވާލުތައް:
- މަޖިލިސް މެމްބަރަކީ ދާއިރާގެ ރައްޔިތުން ތަމްސީލް ކުރައްވާ ފަރާތެއް ކަމުގައިވީހިނދު، ތިބާ އިސްކަން ދެއްވާނީ ޕާރޓީން ނެރޭ ވިޕްލައިނަށްތޯ ނުވަތަ ރައްޔިތުން އެދޭ ގޮތަށްތޯ؟ އަދި މަޖިލީހުގެ ކަންކަމުގައި ރައްޔިތުން އެދެނީ ކޮންގޮތެއްކަން ހޯދުމަށްޓަކައި ކަންކުރައްވާނީ ކިހިނެއްތޯ؟
- އަބަދު ޕާޓީ ބަދަލު ކުރަނީ ކީއްވެތޯ؟ އެކި ޕާޓީތަކުން ފެންނަނީ ކީއްވެތޯ؟ އަސްލު ފިކުރަކީ ކޮބައިތޯ؟
- ހިލޭ އަންހެނުންނާ ގައިގޯޅިވެ އުޅުމަކީ ދީނާ ޚިލާފު ކަމެއް ނޫންތޯ؟ މަޖިލިސް މެމްބަރުކަން ނުލިބިއްޖެ ނަމަ އަނެއްކާ ވެސް ފިލްމުކުޅުއްވާނީތޯ؟
- ވަގުނޫޓުގެ މައްސަލައެއްގައި ޖަލަށް ލެވުނު ނޫންތޯ؟ އެއީ ކިހިނެއް ހިނގާދިޔަ ކަމެއްތޯ؟ މިކަމާ ގުޅިގެން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ؟
އަޙްމަދު ޢަބްދުﷲ އަށް ޚާއްޞަ ކުރެވުނު ސުވާލުތައް:
- މަޖިލިސް މެމްބަރަކީ ދާއިރާގެ ރައްޔިތުން ތަމްސީލް ކުރައްވާ ފަރާތެއް ކަމަށް ވީހިނދު، އަޙްމަދު އިސްކަން ދެއްވާނީ ޕާރޓީން ނެރޭ ވިޕްލައިނަށްތޯ ނުވަތަ ރައްޔިތުން އެދޭ ގޮތަށްތޯ؟ އަދި މަޖިލީހުގެ ކަންކަމުގައި ރައްޔިތުން އެދެނީ ކޮންގޮތެއްކަން ހޯދުމަށްޓަކައި ކަންކުރައްވާނީ ކިހިނެއްތޯ؟
- ކުޑަކުދިން ޕާކަށް ދާދިފަހުން ގެނެވުނު ޕާރކްސެޓް ހޯދުމުގައި އަޙްމަދު އެއްވެސް މާލީ އެހީއެއް ވެދެއްވިންތޯ؟
- އިހަވަންދޫގައި އަޅުމުންދާ ޕްރީސްކޫލަށް އަޙްމަދު ވެދެއްވާ އެހީގެ ތަފްޞީލް ދެއްވަފާނަންތޯ؟ އެހީގެ ޖުމްލަ މިންވަރު ބަޔާންކުރެއްވުން އެދެން؟
- މި ދައުރު ނިމުމާ ހަމައަށް އައި އިރު، އަޙްމަދުގެ އަމިއްލަ ޚަރަދުގައި ދާއިރާގެ ރަށްރަށުގެ ތަރައްގީއަށް ވެދީފައިވާ އެހީތަކަކީ ކޮބައިތޯ؟ އަދި އެހީތަކަށް ޖުމްލަ ކިހާ ޚަރަދެއް ކުރެވިފައިވޭތޯ؟
- ވޭތުވެދިޔަ ފަސް އަހަރު، ދާއިރާގެ ރައްޔިތުންގެ ޟަރޫރަތްތަށް ފުއްދާ ދިނުމަށާއި، ރަށްރަށުގެ ތަރައްޤީއަށް ޖުމްލަ ކިހާ ފައިސާއެއް ޚަރަދުކުރެވިފައިވޭތޯ؟ އަދި އެ ފައިސާ ހޯދީ ކޮން ގޮތަކަށްތޯ؟
- މަޖިލިހަށް އަޙްމަދު އިންތިޚާބުވުމުގެ ކުރިން އިހަވަންދޫއަށް އަހްމަދު ކޮށްދިނީ ކޮން ޚިދުމަތެއްތޯ؟
- މަޖިލީހުގެ ހާޒިރީ އެންމެ ރަގަޅު މެމްބަރުންގެ ތެރޭގައި އަޙްމަދު ހިމެނޭހިނދު، މަޖިލީހުގައި އެހާބުރަކޮށް އުޅުއްވަމުން ދާއިރާގެ ރަށްތަކަށް އެހާގިނައިން ދަތުރު ކުރަން ވަގުތު ހޯދަނީ ކިހިނެއްތޯ؟
- މަޖިލިސް މެމްބަރުންގެ އިމްތިޔާޒުގެ ބިލް ފާސްކުރުމަށް އަޙްމަދު ވޯޓުދިނިންތޯ؟ އެއީ ކީއްވެތޯ؟
- މަރުގެ އަދަބު، އުމުރު ދުވަހުގެ ޖަލު ޙުކުމަށް ބަދަލު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް ފާސްކޮށްފައިވާ "މަޢާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު" ފާސްކުރުމަށް އަޙްމަދު ވޯޓު ދިނިންތޯ؟ އެއީ ކީއްވެތޯ؟
- އިހަވަންދޫ ދަރިން އިހަވަންދޫދެކެ ވާ ލޯތްބަށް ވުރެ ބޮޑަށް މިދާއިރާދެކެ ލޯބިވާތީތޯ އަމިއްލަ ދާއިރާއަށް ކުރިމަތި ނުލައްވައި މި ދާއިރާއަށް ކުރިމަތި ލައްވަނީ؟
- ތިން ވަނަ ދައުރަކަށް ވެސް މި ދާއިރާ އަށް ކުރިމަތިލައްވަން ގަސްދުކުރައްވަންތޯ؟ އެއީ ކީއްވެތޯ؟
އަޙްމަދު ޝާފިޢު އަށް ޚާއްޞަ ކުރެވުނު ސުވާލުތައް:
- ޝާފިޢުގެ ކެމްޕެއިނަށް ޕީޕީއެމުން ޚަރަދު ކުރާކަމަށް އަޑުއިވޭ! ތެދެއްތޯ؟ އަދި ޕީޕީއެމާ އޮންނަނީ ކޮން ގުޅުމެއްތޯ؟
- ޝާފިޢު މަޖިލިސް ގޮނޑިއަށް ކުރިމަތިލީ މަޤާމެއް ނުވަތަ ފައިސާކޮޅެއް ހޯދުމުގެ ގަސްދުގައި ކަމަށް ބައެއް މީހުން ބުނޭ! ތެދެއްތޯ؟
- މުހައްމަދު ޢަބްދުﷲ އާއި، އަޙްމަދު ޢަބްދުﷲގެ ތެރެއިން ތާއީދު ކުރައްވާނީ ކޮން ކެނޑިޑޭޓަކަށްތޯ؟
- މެމްބަރުކަމަށް އިންތިޚާބު ކުރެއްވިއްޖެ ނަމަ އެއްވެސް ޕާޓީއަކަށް ސޮއިކޮށްފާނަންތޯ؟
ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރެއްވުމަށް ކޮންމެ ކެނޑިޑޭޓަކުމެ ވަޢުދުވަމުން ގެންދަވާއިރު، ރައްޔިތުން، ކެނޑިޑޭޓުންނާ ކުރެއްވި ސުވާލުތަކަށް މީޑިއާގެ ކުރިމަތީ ޖަވާބުދާރީވުމަށް ފަސްޖެހުމަކީ އެ ކެނޑިޑޭޓުންގެ އިޚްލާޞްތެރިކަމާއެކު ސުވާލު އުފެއްދިދާނެކަމެއް ކަމަށް އިހަވަންދޫޑޮޓްކޮމުން ދެކެއެވެ.
ޚިޔާލު ފައުޅުކުރުން