އެމްޑީޕީ މެމްބަރުން މިޤައުމުން ނެތިކޮށްލަން ގޮވާލައިފި

10 އޮކްޓޫބަރު 2017 0

އެމްޑީޕީގެ މެމްބަރުން މި ގައުމުން "ނެތިކޮށް، ފޮހެލަން" ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް މިއަދު ގޮވާލައްވައިފި އެވެ.

މެމްބަރު މުޙައްމަދު އިސްމާއިލް މިހެން ގޮވާލައްވާފައި ވަނީ ހިއުމަންރައިޓްސް ކޮމިޝަނުގެ ނައިބު ރައީސް އައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމުހުރިއްޔާ މަޖިލީހަށް ހުށައަޅުއްވާފައިވާ ނަންފުޅަށް މިނިވަން މުވައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީން ދިރާސާ ކުރައްވާ ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިދިކޮޅު މެމްބަރުން އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށް ބޭއްވި ޖަލްސާގައި މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި އެމްޑީޕީން ހިންގަމުން ދާ ލާއިންސާނީ މަސައްކަތްތައް ރައްޔިތުންނަށް ފެންނަމުންދާކަމަށާއި އެ މެމްބަރުން މަސައްކަތްކުރައްވަނީ "ގެރި ކޮއްޓަކަށް ގެރިތަކެއް ވަދެގެން" އުޅޭހެން އަދަބެއް ނެސް މަސައްކަތް ކުރަމުން ދާކަމަށެވެ.

"މިފަދަ ލާއިންސާނީ ބޭބޭފުޅުން މަޖިލީހަށް ހޮއްވެވީތީ އަޅުގަނޑުމެން އަޖައިބުވަން" ކަމަށް ވިދާޅުވެ، "އަޅުގަނޑު ހަމަ ގޮވާލަން ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެމް.ޑީ.ޕީ އޭ ކިޔާ މިމީހުން މިގައުމުން ނެތިކޮށްލަން، ފޮހެލަން." މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއިކުރެއްވި ފަހުން ބާއްވަމުން އަންނަ ކޮންމެ ޖަލްސާއެއްގައި އިދިކޮޅު މެމްބަރުން ގެންދަވަނީ އަޑުގަދަކުރައްވަމުންނެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުގައި މެޖޯރިޓީ މެމްބަރުންގެ އިތުބާރު ނެތުމުން މަސީހަކީ މަޖިލިހުގެ ރައީސް އެއް ނޫނެވެ.  

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ