މިއަހަރު އައިހެވަން މަޝްރޫއުގެ ބިން ހިއްކަން ފަށާނަން: ރައީސް


ރައީސް ޔާމީނަށް މިއަދު ހޯރަފުށިން ވަރަށް ހޫނުމަރުހަބާއެއް ދެންނެވި: ފޮޓޯ އިހަވަންދޫ.ކޮމް

އުތުރުގައި ހަދާ ސްޕެޝަލް އިކޮނޮމިކް ޒޯން، އައިހެވަން ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހޯރަފުށީގެ ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ދުވަސްވަރު އައިހެވަންގެ އަޑު ނީވެނީ "އެއީ ހިޔާލީ ފޮލާއަކަށް ވާތީ ނޫން" ކަމަށާއި ކުރަންޖެހޭ ބައެއް ކަންކަން އަދިވެސް ކުރިއަށް ދާތީ ކަމަށެވެ.

"އެ މަޝްރޫއު އިރާދަކުރެއްވިއްޔާ ހަގީގަތަކަށްވާނެ. މި މަޝްރޫގެ އަމަލީ މަސައްކަތް ބިން ހިއްކުމުގެ މަސައްކަތް، ބިން ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭ ފަށާނަން. މިއަހަރު ހުސްވުމުގެ ކުރިން އަޅުގަނޑުމެން ފަށާނަން،" ހޯރަފުށީގެ ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޮޑެތި ފަޅުތަކާއި ރަށްތަކެއް ރާއްޖޭގައި އޮންނަ އިރު ބިން ހިއްކުމުގެ ނަފާ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށާއި ބިން ބޮޑު ކުރުމަކީ ކުރިޔަށް އޮތްތާނގައި ރާއްޖޭގެ ރައުސުލްމާލަށް އިތުރު ކުރެވޭ އެންމެ ބޮޑު ރައުސޫމާލު ކަމަށެވެ. އެހެން ކަމުން އޭގެ ބޮޑު ފައިދާއެއް ލިބޭނީ އަމިއްލަ ކުންފުނިތަކާއި އެ މަސައްކަތް ހަވާލުކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވީ ގޮތުގައި ހުޅުމާލޭގެ ބިން ހިއްކި ކުންފުނި ފެންވަރުގެ ބޮޑު ކުންފުންޏަކަށް އެމްޓީސީސީ ހަދަން މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން އެމްޓީސީސީން ބަންނަ ޑްރެޖަރު ގެނެސް އައިހެވަންގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އެއިން ކުރާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމުހުރިއްޔާ ވިދާޅުވީ މީ 4.5 ބިލިއަނަށް ވުރެ ކުޑަ ނޫން މަޝްރޫއެއް ކަމަށާއި މިމަޝްރޫޢު އަށް ޝައުޤުވެރިކަން ހުށައަޅާފައިވާ ބޭރުގެ ސަރުކާރުތައް އެބަތިބި ކަމަށެވެ. އެއީ ކޮން ޤައުމު ތަކެއްކަން ހާމަނުކުރައްވާ، އެއިގެ ތެރެއިން އެއްސަރުކާރުން މިއަހަރުގެ ސެޕްޓެމްބަރު މަހު ފ. އަތޮޅު ސަރަހައްދުގައި އައިހެވަން މަޝްރޫޢުއާއި އެއްވަރގެ ބޮޑު މަޝްރޫޢުއެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިރަސްމިއްޔާތުގައި އިޢުލާން ކުރެއްވިއެވެ.

އައިހެވަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ