ކިހައްޑިޔަ: "މުޙައްމަދު މުންޒިރަ"ށް އިންޒާރެއް!

ކައުންސިލަރ މުޙަމަދު ރަޝީދު - ފޮޓޯ ފޭސްބުކް
ޒިންމާދާރު މަޤާމެއްގައި ހުރެ، އަދި ކަންކުރެވޭނެ ބާރުވެރިކަން ވެސް ހުރެމެ، ކައުންސިލް މެމްބަރ އާސިމާމަންޒިލް، މުޙައްމަދު ރަޝީދު (މުޙައްމަދު މުންޒިރު) ވަނީ ރައްޔިތުންނަށް ބޮޑު ވަޢުދެއް ވެފައެވެ.
ގެވަޅު ދޫކުރުން ވަޅު ޖެހިފައި ވާތީ އެކަން ގޮސްފައިވާ ހިސާބެއް ސާފުކުރުމަށް ރެޑްސްޓަރ، ޢަލީ ރަޟީދު ފޭސްބުކް ގައި ކުރި ސުވާލަކާ ގުޅިގެން ކައުންސިލް މެމްބަރ މުޙައްމަދު ރަޟީދު ކުރި ކޮމެންޓެއްގައި އޭނާ ބުނެފައި ވަނީ "ވެރީ ސޫން (ވަރަށް އަވަހަށް)" ގެވަޅު ދޫކުރާނެ ކަމަށާއި، މި އަހަރުގެ ޖޫން މަހުގެ ކުރިން ގެވަޅު ދީ ނިންމާނެ ކަމަށާއި، "ހަމަ ނޭވާ ލާނީ މިކަން ކޮށްފައި" ކަމަށެވެ.
ޖޫން މަހުގެ ކުރިއަށް ދެން އޮތީ މެއި މަސް އެކަންޏެވެ. ރައްޔިތުން ތިބީ އިންތިޒާރުގައެވެ.
ގޯތި ދިނުމުގެ މަސައްކަތް އެނބުރެމުންސެނބުރެމުން ޖެހިވަޅަށް ޖަހާންވެސް އުޅެފާނެއެވެ. އަނެއްކާވެސް އުނބަށްވެސް ޖަހާފާނެއެވެ. ރައްޔިތުން ތިބީ ފިސާރި ލޯބޮޑު ކޮށްގެނެވެ. ހަމަހިލާ ބޯދަމައި ނުގަނެވޭނެއެވެ.
ވަޢުދު ނުފުދުމަކަށް ޢުޒުރެއް ދެއްކޭކަށް ނެތެވެ. ވެރިކަމުގެ ބާރު ހިތަކަށެވެ. މަޖިލިސްމެމްބަރުގެ ރުހުމެވެ. ކައުންސިލްގެ އަޣުލަބިއްޔަތެވެ. ނޫނެކެވެ. ގޯތި ދިނުމަށް ކައުންސިލްގެ ހުރިހާ މެމްބަރުން އިއްތިފާޤުވެއެވެ. ވީމާ ތޯތޯ ނުކުރާށެވެ.
އަދި ދަންނަވަމެވެ. ދެ ދަރިން ތިބިހާ މީހަކަށް، އިތުރު އެހެން އެއްވެސް ޝަރުތަކަށް ރިޢާޔަތް ނުކޮށް ގޯތި ކަށަވަރު ކުރުމާމެދު ވެސް ދެ ވަނަ ވިސްނުމަކަށް ދިއުން ބުއްދިވެރިއެވެ. ރައްޔިތުން ގުނބޯ ހެއްދޭ ޒަމާން މާޒީވެއްޖެއެވެ. މިއީ 21 ވަނަ ގަރުނެވެ.
އަދިވެސް ދަންނަވަމެވެ. ގޯތި ދިނުމުގެ ކަންތައް އޮޅެމުން އޮޅުވަމުން ދިޔަޔަކަސް ތިޔަ ވެގެން އުޅޭގޮތް ރައްޔިތުންނަށް އޮޅިފަކާ ނެތެވެ. ވަރަށް ސާފެވެ.
މުޙައްމަދު މުންޒިރަށް އިޙްތިރާމާ އެކު ދަންނަވަމެވެ. ރަނގަޅަށް ހަނދުމަ ބަހައްޓާށެވެ. ވަޢުދު ނުފުއްދާފައި ދެ ވަނަ ދައުރަކަށް ކުރިމަތިލާން ހިތަށް ވެސް ނުގެންނާށެވެ. ނުހޮވޭނެއެވެ. ނުހޮވާނަމެވެ. މިއީ ރައްޔިތަކު ކުރާ އިންޒާރެކެވެ. ގިނަ ރައްޔިތުންގެ ހިތުގެ ޝިކާޔަތެވެ. އެ ޝިކާޔަތުގައި ކޮޅުފައިން ޖެހި މީހަކަށް އެ ހިތެއް މާފެއް ނުދޭނެއެވެ. އިންޒާރެއްގެ ވިއްޔާ ދެފަޅި އޮންނާނެކަން ވެސް ބުއްދިކޮށް ސަލާމަތުގެ ފަޅި ޚިޔާރު ކުރާނެ ކަމަށް އުންމީދުކުރަމެވެ. ވެދުމެވެ.
ޚިޔާލު ފައުޅުކުރުން