މުހައްމާ ޕާޓީ ބަދަލުކުރީ މާތްﷲ ގަންދީ ކޮށްގެން ހުރި ހުވާ އުވާލުމަށްފަހު: ޖޭޕީ — Ihavandhoo.com

މުހައްމާ ޕާޓީ ބަދަލުކުރީ މާތްﷲ ގަންދީ ކޮށްގެން ހުރި ހުވާ އުވާލުމަށްފަހު: ޖޭޕީ

11 ޖުލައި 2014 2

މުޙައްމަދު ޢަބްދުﷲ (މަހައްމާ) އިހަވަންދޫގެ ބައެއް އިއްޒަތްތެރިންނާއި ސަލާންކުރަނީ ފޮޓޯ:އިހަވަންދޫ.ކޮމް

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޢަބްދުﷲ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކުރީ އެކަން ކުރުމުގެ އެއްވެސް ހައްޤެއް ނެތިކަމަށާއި އަދި މާތްﷲ ގަންދީ ކޮށްގެން ހުރި ހުވާ އުވާލުމަށްފަހު ކަމަށް ޖޭޕީން ބުނެފިއެވެ.

ރޭ އެޕާޓީން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން، އެޕާޓިގެ ޤައުމީ ހިންގާ ކޮމެޓީން މުހައްމާއަށް އިހަވަންދޫ ދާއިރާގެ ޓިކެޓް ދިނުމަށް ނިންމާފައިވަނީ އެހެނިހެން ކެނޑިޑޭޓުންނެކޭ އެއްފަދައިން، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގަތަސް އަދި ނުގަތަސް  އެޕާޓީގައި ދެމި ހުރުމަށާއި، އެ ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށާއި، ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން ނިންމާ ނިންމުންތަކާއި، އަދި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާ ނިންމުންތަކާ އެއްގޮތަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވަންދެން ދެމިހުރުމަށް ދެހެކިންގެ ހާޒިރުގައި، މާތް ﷲގެ ކަލާންފުޅުގައި އަތްޕުޅުލައްވައިގެން ހުރެ އެކަލާންގެ ގަންދީ ހުވާކުރައްވާ އިނގިލީގެ ނިޝާން ޖައްސަވައި އެއްބަސްވެ ވަޑައިގެންނެވި އަހުދުކަށަވަރެއް ގެ މައްޗަށްކަން މުހައްމަދު ޢަބްދުﷲ އަށް ހަނދުމަފުޅުކޮށް އަރުވާކަމަށެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ވާގޮތުން މުހައްމާ ޕީޕީއެމް އަށް ސޮއެކުރީ ޖޭޕީގެ މެންބަރުން އޭނާއަށް ކުރި އިތުބާރާއި އަދި އެގޮނޑިއަށް އޭނާ ހޮވުމަށްޓަކައި، ކޮށްދެއްވި ބުރަމަސައްކަތުގައި ކޮޅުފައިން ޖެއްސެވުން ކަމުގައިނޫނީ ނުދެކޭ ކަމަށާއި އަދި މުހައްމާ ޖުމްހޫރީ ޕާޓީ ދޫކޮށް ވަޑައިގަތުމަކީ އެ ޕާޓީގައި ދެމިހުރުމަށް ވެފައިވާ ވަޢުދާވެސް މުޅީން ޚިލާފަށް ކުރައްވާފައިވާ ނާތަހުޒީބު ދަށުދަރަޖައިގެ ނިކަމެތި ޢަމަލެއް ކަމުގައި އެ ޕާޓީން ދެކޭކަމަށެވެ.

ޖޭޕީގެ ނޫސްބަޔާނުގައި ވެރިކަންކުރާ ޕީޕީއެމް އަށްވެސް ވަނީ ފާޑުކިޔާފައެވެ. އެގޮތުން ޕީޕީއެމުން ރައްޔިތުންގެ މަޖިލީހުގެ ޖޭޕީ މެންބަރުންނަށް، އެކިކަންކަން މަތިކޮށް ނުކޮށްދެވޭވަރުގެ ބޮޑެތި ހުށަހެޅުންތައް ހުށަހަޅައި، އެ މެންބަރުންނަށް މާއްދީ ފައިދާތައް ލިއްބައިދޭ ކަންކަމަށް މަގުފަހިކޮށް މަޖިލީހުގެ މެންބަރުން އެޕާޓީއަށް ސޮއިކުރުވަމުން ދާދިއުމަކީ މި ސަރުކާރު ގެނައިމަށްޓަކައި، ރައްޔިތުންގެ ކުރިމަތީގައި ވެފައިވާ ވަޢުދާއި ޚިލާފަށް ކުރާކަމެއްކަމަށް ޖޭޕީގެ ނޫސްބަޔާނުގައި ވެއެވެ.

ޖޭޕީގެ މެންބަރުން ޕީ.ޕީ.އެމްއަށް ގެންދިޔުމަށް އެތައް މިލިޔަން ރުފިޔާއެއްގެ ނާޖާއިޒް ފައިސާގެ މުޢާމަލާތްތައް ހިންގާކަމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތުހުމަތުގެ އިނގިލި ދިއްކުރާ  ކަމާމެދު ޖޭޕީން ހިތާމަކުރާކަމަށާއި އަދި ޖޭޕީން ދެކޭގޮތުގައި ޤައުމު ތަރައްޤީވާނީ ނުވަތަ ދާއިރާތައް ތަރައްޤީވާނީ އަދި ތައްރައްޤީވާންޖެހޭނީ ވެސް އެދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ސަރުކާރު ހިންގާ ޕާޓީއަށް ގޮސްގެން ނުވަތަ ހަމައެކަނި އެޕާޓީގައި ތިބެގެން ނޫން ކަމަށާއި އެކަން އެގޮތަށް ހިންގާނަމަ، އެއްވެސް ޤައުމެއްގައި މަލްޓިޕާޓީ ޑިމޮކްރަސީ އެއް ހަރުދަނާއެއް ނުވާނެ ކަމަށާއި އަދި މިއީ ރައްޔިތުން ބޭނުންވާ އަދި އެދޭނެ ގޮތެއްކަމުގައިވެސް ޖޭޕީން ނުދެކޭކަމަށް ޖޭޕީގެ ނޫސްބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

މުޙައްމަދު ޢަބްދުﷲ ޕީޕީއެމް އަށް ސޮއިކުރެއްވުމާއެކު އެޕާޓީއަށްވަނީ 43 ތިންގޮނޑިއާއެކު މަޖިލީހުގެ ސާފު މެޖޯރިޓީ ލިބިފައެވެ.

މުހައްމަދު އަބުދުﷲ, ޖޭޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އޭ މުހައްމަދު އަބްދުﷲ އެވެ. އަވަހަށް ކައްފާރާ ދޭށެވެ. ކުރެވުނު ކުށަށް ތަޢުބާ ވާށެވެ...

– 11 ޖުލައި 2014 1

) ތިހެދީހަމަ ރަގަލަން ލާރިލިބިއްދެއްނު އޯކޭވާނެ

– 11 ޖުލައި 2014 0