މުހައްމާ ކަޕް އިމަގު ވޮލީމުބާރާތް ކުޅިމަގު ވޮލީޓީމު ކާމިޔާބު ކޮށްފި
އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ އާއި ގުޅިގެން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ އިން ) ކުރިއަށްގެންދިޔަ މުހައްމާ ކަޕް ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅިމަގު ވޮލީޓީމު ހޯދައިފިއެވެ.
ކުޅިމަގު ވޮލީޓީމު، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ހޯރަފުށީ ޔޫތު ޑިވޮލޮޕްމަންޓް ސޮސައިޓީ (ހައިޑްސް) އާއި ބައްދަލުކޮށް 3 ސެޓު 1 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. ރޭގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓު ކުޅިމަގު ވޮލީޓީމުން ކާމިޔާބު ކުރީ 25 -21 އިން ނެވެ. ދެވަނަ ސެޓު ހައިޑްސް އިން 25 -22 އިން ގެންދިޔަ ނަމަވެސް ތިންވަނަ ސެޓާއި 4 ވަނަ ސެޓު ބޮޑު ތަފާތަކުން ކުޅިމަގު ވޮލީޓީމު ކާމިޔާބު ކޮށްފައި ވަނީ 25 – 14 އަދި 25 – 16 އިން ނެވެ.
ރޭގެ މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތައް ހޯދި ކުޅުންތެރިންނަށް އިނާމު ދިނުން އޮތެވެ. ރޭގެ ހަފުލާ ޝަރަފުވެރިކޮށްދެއްވާފައި ވަނީ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ އެވެ.
ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ކުޅިމަގު ވޮލީޓީމުގެ ޖ.5 އަލީ ނިޒާމު ހޮވުނު އިރު މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހައިޑްސްގެ ޖ.9 ހުސެއިން ރައްޒާން އެވެ. ބަޔަށް އެންމެ ފައިދާހުރި ކުޅުމެއް ކުޅުނު ކުޅުންތެރިޔަކަށް ހޮވުނީ ކުޅިމަގު ޓީމުގެ ޖ.8 ޗަނާރު މަޑުސަންކާ އެވެ. މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ކުޅިމަގު ޓީމުގެ ކޯޗު، މަހަމޫދު ޢަލީ އެވެ.
ޚިޔާލު ފައުޅުކުރުން