މުއްސަނދި ވިޔަފާރިވެރިޔާ..! – އަދި އޭނާގެ މޮޅު ކެއުން – — Ihavandhoo.com

މުއްސަނދި ވިޔަފާރިވެރިޔާ..! – އަދި އޭނާގެ މޮޅު ކެއުން –

28 އޮގަސްޓު 2013 1

މުއްސަނދިންނަކީ އަބަދުވެސް މުއްސަނދިކަމަށް ލޯބިކުރާބައެކެވެ. މުއްސަނދިކަން އިތުރުކުރުމުގައި މުއްސަނދިން އިންވެސްޓްތައް ކޮށް ކާމިޔާބީވެސް ހޯދައެވެ. ނަމަވެސް އެއީ ބައެއްފަހަރަށް ގެއްލުން ލިބޭ ކަމެއްވެސް މެއެވެ. މުއްސަނދި ވިޔަފާރިވެރިޔާއަށް ރަނގަޅުކަމަކާ އަދިވެސް ލައްވާލާގޮތް މިވަނީ ނުވެފައެވެ. އެކައުންޓެންޓުން ހިޔާނަތްތެރިވަނީއެވެ. ސެކެރެޓަރީ އަކަށްގެނެވުނީ ބޯގްމާރެކެވެ. މިފަހަރު….

މުއްސަނދިވިޔަފާރިވެރިޔާ މިފަހަރު ހިނގާލަން ނިކުމެއްޖެއެވެ. ބޭނުމަކީ، ކާރުގައި ދުއްވާ ދުއްވުން ޞިއްޙަތަށް ރަނގަޅު ނޫންކަމުގައި އޭނާގެ ޕާރސަނަލް ޑޮކްޓަރު ބުނުއްވީމަ، ފާމަގުގައި ހިނގާލުމެވެ. މިގޮތަށް ހިނގަމުން ދަނިކޮށް ބޮޑު ރެސްޓޯރެންޓެއް ފެނިއްޖެއެވެ. އެތަނުގައި ބޮޑު ބިލް ބޯޑެއް ބަހައްޓާފައި ހުއްޓެވެ. އެބޯޑުގައި ލިޔެފައިވަނީ މިހެންނެވެ. ތިޔަބޭފުޅުން ދެއްވާ އޯޑަރަށް ކާއެއްޗެހި ނުގެނެވިއްޖެނަމަ އަޅުގަނޑުމެން ތިޔަފަރާތަށް 100،000 (އެއްލައްކަ) ރުފިޔާ ދޭނަމެވެ. ނަމަވެސް، އަޅުގަނޑުމެންނަށް އެކާނާ ގެނެވިއްޖެނަމަ، ތިޔަފަރާތުން 50،000 (ބައިލައްކަ) ރުފިޔާ ދޭންވާނެއެވެ. އަދި އެއެއްޗެއް ވާންޖެހޭނީ އިންސާނުން ކެއުމަށް ބޭނުންކުރާ އެއްޗެކަށެވެ.

މުއްސަނދި ވިޔަފާރިވެރިޔާ ވަރަށް ފުންކޮށް ވިސްނާލިއެވެ. ހަމަޔަގީނުންވެސް އެފުރިކާމީހުންގެ މިކާނާއެއް އެމީހުންނަކަށް ނުލިބޭނެއެވެ. އަހަރެންނަށް ޔަޤީނުންވެސް އެއްލައްކަ ރުފިޔާ ލިބޭނެއެވެ. މުއްސަނދިވިޔަފާރިވެރިޔާ އެރެސްޓޯރެންޓްގެ އެތެރެއަށް ވަދެއްޖެއެވެ. އަދި އެޑީލްގައި ބައިވެރިވާގޮތަށް ނިންމާ 5 ނަންބަރު މޭޒުކައިރީ އިށީނދެއްޖެއެވެ. އިރުކޮޅަކުން ދެހެކިންނާ، ވެއިޓަރަކާ އަތުވެއްޖެއެވެ.

އަދިބުންޏެވެ. ތިޔަފަރާތުން އޯޑަރު ދެއްވާށެވެ. އަހަރެމެން 30 މިނިޓް ތެރޭގައި އެއޯޑަރަކަށް ކާނާ ތައްޔާރުކޮށްދޭނަމެވެ. މުއްސަނދި ވިޔަފާރިވެރިޔާ ހިނިގަނޑެއް ޖަހައިލިއެވެ. އަދި ބުންޏެވެ. އަހަރެން މައްސަލައެއްނެތް ގަޑިއަކުއިރުވިޔަސް، އަހަރެން ބޭނުންވަނީ އެތެއް ހަނާކޮށްލައިގެން ނެވެ. ހަމަ ގައިމު ކަލޭމެންނަކަށް މާލޭން ކީއްކުރަން މުޅިދިވެހިރާއްޖޭންވެސް އެތެއް ނުލިބޭނެއެވެ.

ވެއިޓަރު ކަލޭގެ ނިތްކުރިން ދާހިއްލާލައިފިއެވެ. އަދި ވަރަށްބާރަށް ބަދިގެއަށް ދިއައެވެ. މުއްސަނދިވިޔަފާރިވެރިޔާއާއި އަދި ދެހެކިން އެތަނުގައި އިށީއިނދެ ތިއްބެވެ. ފަނަރަ މިނިޓް ފަހުން ވެއިޓަރު އައިސް ބުންޏެވެ. ކުޑަކުޑަ އެތެއްހެއްޔެވެ؟ ނުވަތަ މެދުމިނުގެ ނުވަތަ ބޮޑުބޮޑު އެތެއްހެއްޔެވެ؟ ކޮންމެވަރެއްވިޔަސް މައްސަލަނެތްކަމުގައި މުއްސަނދިވިޔަފާރިވެރިޔާ ބުންޏެވެ. ކަލޭމެން މޮޅީއާ ތިޔަގެނެސްބަލާށެވެ.

ތިރީސްމިނިޓްވާން މިހާރު އިނީ 5 ވަރަކަށް މިނިޓެވެ. ކޮބާ އަހަރެންނަށް އެނގޭ އެމީހުންނަކަށް ނުލިބޭނެކަން، އެމީހުނަށް މިފަހަރު ޖެހޭނީ އެއްލައްކަ ރުފިޔާ ދޭށެވެ. މުއްސަނދިވިޔަފާރިވެރިޔާ މިހެންބުނެ ނުނިމެނީސް އެތަނަށް އެއްކަލަ ވެއިޓަރު އަތުވެއްޖެއެވެ. އަދި އެހިއެވެ. ބޯނޭ އެއްޗެއް ނުގެންނާނެ ތޯއެވެ؟ ވިޔަފާރިވެރިޔާ ޖަވާބު ދިނެވެ. އަހަރެން އޯޑަރުދިން ކާއެއްޗެއް މިތަނަށް ގެންނާށެވެ. ވެއިޓަރު ބުންޏެވެ. އެހެރަ އަންނަނީއެވެ. އިރުކޮޅަކޮށް މަތިޖަހާފައިވާ ފަސްވަރަކަށް ފޫޓު ފުޅާ ތައްޓެއް ގެނައެވެ. އަދި ވެއިޓަރު އޭގެ މަތި ނެގިއެވެ.

މުއްސަނދި ވިޔަފާރި ވެރިޔާ އާޝޯހުވެ ބަލަހައްޓައިގެން އިނެވެ. އަދި ބުންޏެވެ. މިއީ ކޮންއެއްޗެއްހެއްޔެވެ؟ ވެއިޓަރު ޖަވާބު ދިނެވެ. ތިއީ ހަމަ އޯޑަރު ދެއްވިގޮތަށް އެތެއް ހަނާކޮށްފައެވެ. ފަނަރަ މިނިޓް ނުވަނީސް އާރޓިފިޝަލް ބީޗްގަ ހުރި ރުކެއް ކަނޑާ ވައްޓާލައިފިން، އެކަމަށް ޚަރަދުވީ 10،000 ރުފިޔާއެވެ. އަދި އަޅުގަނޑުމެން އެރުކުން އެތްތަކެއްގެނެސް ތައްޔާރުކުރުމަށް މިނެގީ 10 ވަރަކަށް މިނިޓެވެ. އެކަމަށް ޚަރަދުވީ ގާތްގަނޑަކަށް 600 ރުފިޔާއެވެ. ނަމަވެސް، މިޚަރަދުތަށް އަޅުގަނޑުމެން ނުލާނަމެވެ. އަޅުގަނޑުމެން މިވަނީ މިތިއްބެވި ހެކިންގެ ކުރިމަތީގައި، ތިޔަބޭފުޅާދެއްވި އޯޑަރަށް ކާއެއްޗެހި ތައްޔާރުކޮށްގެން ގެނެސްފައެވެ. ބިލަށް އެރީ 50،000 (ބައިލައްކަ) ރުފިޔާއެވެ. އެއްމެފަހުން ދެހެކިންގެ ކުރިމަތީގައި މުއްސަނދިވިޔަފާރިވެރިޔާއަށް ޖެހުނީ 50،000 (ބައިލައްކަ) ރުފިޔާގެ ޗެކެއްލިޔެފައި ދޭށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަޅެ ދިވެއްސެއްގެ ފޮޓޯ ޖަހާލިނަމަ...

– 16 ފެބުރުއަރީ 2014 1