މުއްސަނދި ވިޔަފާރިވެރިޔާ..! އަދި އޭނާގެ ޒުވާން ސެކެރެޓަރީ..

12 ސެޕްޓެމްބަރު 2013 2

މިފަހަރު މުޅިން އެހެން ކަމެކެވެ. މުއްސަނދި މަހުޖަނު، ވިޔަފާރި ވެރިޔާ ވިސްނަމުން އެދަނީ އޭނާގެ ޕާރސަނަލް ސެކެރަޓަރީއަކަށް ލާނޭ މީހަކާ ދޭތެރޭގައެވެ. މުއްސަންޖަކަށްވާތީ ދޭނޭ މުސާރައަކާ ދޭތެރޭގައި ވިސްނާނޭ ކަމެއް ނެތްތާއެވެ. އެހެނިހެން މުއްސަނދިންނެކޭ އެއްގޮތަށް މީނާވެސް ބޭނުންވީ، ތަންކޮޅެއް ޒުވާން ލޫޅާފަތި، ހިމަތޮޅި އަންހެން ކުއްޖެއް އޭނާގެ ޕާރސަނަލް ސެކެރެޓަރީއަކަށް ލާށެވެ.

އެހެންކަމުންތާއެވެ. އެކަމަށް ޢިއުލާނު ކޮށްލިއިރު އެންމެ ފުރަތަމަ ޝަރުތަކަށްވަނީ، އުމުރުން 25 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ވުމެވެ. ބައެއްމީހުން މިޢިއުލާނެއް ކިޔާފައި ފާޑުފާޑުގެ ޗުކުޗުކު ލެއްވިއެވެ. ނަމަވެސް އަނެއްބަޔަކު ބުނަނީ ސެކެރަޓަރީން ކިޔަނީ އަންހެނުންނަށޯލައެވެ. ޙާއްޞަކޮށް އެކަމަށް ޒުވާން އަންހެން ކުދިން ނެގުމަކީ ޝަރުތެކޯލައެވެ.

ކޮންމެއަކަސް މުއްސަނދި ވިޔަފާރިވެރިޔާގެ ސެކެރަޓަރީއެއްގެ މަޤާމަށް އެތައްކުދިންނެއް ކުރިމަތި ލިއެވެ. 65 އަހަރުނުވެގެން ބައެއް މީހުން ކޯޓްތަކުގައި ދަޢުވާކުރާ ބީދައިން 25 އަހަރު ފުރިގެން ބައެއް އަންހެން ކުދިން ކޯޓްތަކުގައި ދަޢުވާވެސް ކުރިކަމުގައިވެއެވެ. މުއްސަނދި މަހުޖަނެއްގެ ސެކެރަޓަރީއަކަށް ވުމަށް ބޭނުންވާލެއް ބޮޑުކަމުންނެވެ.

ކޮންމެއަކަސް ޝަރުތުހަމަވާ ކުދިން އިންޓަވިއުއަށް ގެނެވިއްޖެއެވެ. އިންޓަވިއު ކުރަމުންދަނީ ޙުދު މުއްސަނދި ވިޔަފާރިވެރިޔާއެވެ. މިގޮތަށް އެތައް ކުދިންނަކާ އިންޓަވިއު ކުރަނިކޮށް ރަނގަޅު ކުއްޖެއް ފެނިއްޖެއެވެ. އުމުރުން 19 އަހަރެވެ. އޭލެވެލް ފެންވަރަށް ކިޔަވައިގެން ހުރި ކުއްޖެކެވެ. ލޫޅާފަތި ޒުވާން ޖިންސުންލަޠީފެކެވެ.

މުޙިއްމު ލިޔެކިޔުންތަކާ ސިޓީތައް މިހާރު ލިޔަމުންދަނީ މިސެކެރެޓަރީއެވެ. ބޮޑުމީހާގެ ވިޔަފާރި ކުންފުނިތަކާ އޮފީސްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވަނީވެސް ހަމަ މިކުއްޖާއެވެ. ނަމަވެސް އެއްދުވަހަކު ވަރުގަދަ ކަމަކާ ލައްވާލައިފިއެވެ. ފެކުސްއެއް ފޮނުވަން ބުނެފައި، ރައްޓެސަކާއެކު ބޮސް ކޮފީއަކަށް ހިނގައްޖެއެވެ. ނަސީބަކުން ފެކުސްކުރާނޭ ގޮތް މިކުއްޖާއަށް ބުނެދިނެވެ.

ކޮފީއަށްގޮސް، ރައްޓެހި ރަޚްމަތްތެރިޔާއާއި އެކުގައި ކޮފީބޯން ތިބެގެން ދައްކާ ވާހަކައަކީ، އަލައްގެނާ ސެކެރެޓަރީގެ ވާހަކައެވެ. ހީވާގި ކަމުގެ ވާހަކައެވެ. ކަންތައްތައް ދަންނަކަމުގެ ވާހަކައެވެ. އިރުކޮޅަކުން މިހެން ތިއްބާ، ފެކުސް ލިބެންޖެހޭ އޮފީހުގެ ލިޔެކިޔުން ބަލަހައްޓާ މީހާ ގުޅައިފިއެވެ.

އެކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ. “ބައްލަވާ އެއްލިޔުމެއް ތަކުރާރުކޮށް ތިޔަފޮނުއްވަނީ ކީއްވެގެން ތޯއެވެ؟” ވިޔަފާރިވެރިޔާ ބުންޏެވެ. “ފަހަރެއްގަ ސެކެރެޓަރީއަށް އޮޅިގެން ފޮނުވުނީކަމަށް ވެދާނެއެވެ.؟” މިހެން ބުނުމަށް ފަހު ލިބޭ ޖަވާބަކަށް ބެލުމެއް ނެތި ވިޔަފާރިވެރިޔާ ފޯނު ކަނޑައިލިއެވެ. 5 ވަރަކަށް މިނިޓްފަހުން އަނެއްކައިވެސް ގުޅައިފިއެވެ. “މިހާރު ތިރީސް ފަހަރު އެއްލިޔުމެއް އަތުވެއްޖެއެވެ.”

ޖަވާބު ދިނުމެއްނެތި ވިޔަފާރިވެރިޔާ ދިޔައީ އޮފީހަށެވެ. ރަޚްމަތްތެރިޔާވެސް، ފަހަތުން ދިޔައެވެ. ވިޔަފާރިވެރިޔާ އޮފީހަށް ދިޔައިރުވެސް، ސެކެރެޓަރީ ފެކުސް މެޝިންކައިރީގައި ހުއްޓެވެ. ހަމަ އެކަރުދާސްގަނޑު ހިފައިގެންނެވެ. ދިޔަގޮތަށްގޮސް ސުވާލުކުރިއެވެ. “އަދިވެސް ނުނިމެނީހެއްޔެވެ؟” ސެކެރެޓަރީ ޖަވާބު ދިނެވެ. “ނެޓްވޯރކް މައްސަލައެއް ކަންނޭގެއެވެ. އަދިވެސް ފޮނުވޭ ގޮތެއް ނުވެއެވެ. މިހާރު ސާޅީހަކަށް ފަހަރު މަސައްކަތް ކުރެވިއްޖެއެވެ.”

“އެކަމަކު އެކޮޅުން ބުނަނީ މިހާރު އެތަނަށް ތިރީހަށް ވުރެ ގިނަފަހަރު ތިޔަލިޔުން ލިބިއްޖެ ކަމުގައެވެ.” މުއްސަނދިމީހާ ހައިރާން ކަމާއެކުގައި ބުނެލިއެވެ. “އެކަމަކު ތިޔަހެން ވާނީ ކިހިނެއް..؟ ލިޔުން މިއޮތީ އަހަރެން އަތުގައެވެ. ބޮސްއަށްވެސް އެބަ ފެނެއެއް ނޫންހެއްޔެވެ؟ އަހަރެން އެއްކޮޅުން ލައްވާފައި ނަންބަރު ޖަހާފައި، ސެންޑް ކޮށްލާއިރަށް އަނެއްކޮޅުން ނިކުންނަނީއެވެ.” ސެކެރެޓަރީ ބުނެލިއެވެ.

ފަހަތުގައި ވަދެހުރި ރަޚްމަތްތެރިޔާ ކަކަ އަޅާފައި ހޭން ފެށިއެވެ. މުއްސަނދި މީހާ، ބޮލުގައި ހިފާއްޓާފައި ހަޅޭއް ލަވާގަތެވެ. “ބޯހަލާކު…!”. ސެކެރެޓަރީ ވާއެއް ނުވާއެއް ނޭންގިފައި ހުއްޓެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސަޅި

– 12 ޖެނުއަރީ 2015 1

މީ އަޅުގަނޑު ލިޔުނު އާދަޔާޚިލާފް ފެކްސް މެޝިންގެ ވާހަކަ އެހެން ގޮތަކަށް ބަދަލުކޮށްލާފަ، މި ދެންނެވި ވާހަކަ އަޅުގަނޑު ޖަހާފަ އިންނާނެ․ ދިއްގަރު․ކޮމް، އާއި، ފަންވަތް․ ކޮމް ގަވެސް މީ ހަގީގަތް ބައްލަވާ ލައްވަވާ، މި ކޮމެންޓް ޖަހާދިނުން އެދެމެވެ․އެޗް․ޑީ

– 26 މެއި 2015 1