ނަޢީމުބޭއަކީ ޚިދުމަތްތެރި އޯގާތެރި މަދަދުގާރެއް - ޣަނީކަތީބު — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

29 ދުވަސް

ނަޢީމުބޭއަކީ ޚިދުމަތްތެރި އޯގާތެރި މަދަދުގާރެއް - ޣަނީކަތީބު

4 މާރިޗު 2016 1

ނަޢީމުބޭގެ ދެ ކަނބަލުން / ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް

ތިރީގައި އެވަނީ ދިލްކުޝާގޭ ޢަބްދުﷲ ނަޢީމް (ނަޢީމުބޭ) ނިޔާވުމާ ގުޅިގެން، އިހަވަންދޫގެ ކުރީގެ ކަތީބު އަލްފާޟިލް ޢަބްދުލްޣަނީ ޙުސައިން މި ނޫހަށް ފޮނުއްވާފައިވާ ތަޢުޒިޔާގެ މެސެޖެކެވެ. ނަޢީމުބޭ ނިޔާވީ 2016 މާރިޗް 3 ވީ ބުރާސްފަތި ވިލޭރޭއެވެ. ނަޢީމުބޭގެ އިޚްލާޞްތެރި މަތިވެރި ޚިދުމަތް ފާހަގަކޮށް މި ނޫހުގެ ކިޔުންތެރިންގެ ނަމުގައި ނަޢީމުބޭގެ އާއިލާއަށް ތައުޒިއާ ފޮނުވަމެވެ. ނަޢީމުބޭގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!

 

"މިއަދަކީ އިހަވަންދޫގެ ތާރީޚްގައި ހިތާމަވެރި ދުވަހެކެވެ. ސަރުކާރާއި ރައްޔިތުންގެ ޚިދުމަތުގައި މެދުކެނޑުމެއް ނެތި 40 އަހަރު ޚިދުމަތް ކުރައްވާފައިވާ ޕެންޝަނަރ ޢަބްދުﷲ ނަޢީމް (ނައީމުބޭ) ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަހެވެ.

މަރުހޫމު ނައީމުބޭ އަކީ އިހަވަންދޫ ކަތީބު އާދަމް މަނިކުގެ ދަރިފުޅެކެވެ. ތަޢުލީމް ޙާޞިލްކުރެއްވީ މުޙައްމަދު އަމީންގެ ވެރިކަމުގައި މޭލެއިންނެވެ. ދާރުލްއިގާމާ އިންނެވެ. އެއީ އެދުވަސްވަރު ރާއްޖެ ތެރެއިން ހޮވާލައިގެން ގެނެވޭ ޚާއްޞަ ކުދިން ތިބުމާއި ކިޔެވުމަށް އުފައްދާފައިވާ ބޯޑިންގއެކެވެ.

ތަޢުލީމު ޙާޞިލް ކުރެއްވި ދުވަސްވަރު ކިޔެވުމުގެ އިތުރުން ކުޅިވަރުގެ ރޮނގުން ނަޢީމުބެއަކީ ވަރަށް ފުންނާބުއުސް ބޭފުޅެކެވެ. ދުވުމާއި، އުސްފުމުމުންނާއި، ބަރު އެއްލުމުން ފާހަގަ ކުރެވޭ ކުރިއެރުންތަކެއް ހޯއްދަވާފައިވެއެވެ.

ތަޢުލީމުގެ ދައުރު ނިންމަވާލެއްވުމަށް ފަހު ރަށަށް ދުރުވުމާއެކު މުދިމުކަމުގެ ވަޒީފާ ލިބިލެއްވިއެވެ. މުސާރައަކީ 40 ރުފިޔާއެވެ. މި ވަޒީފާ މެދުކެނޑުމެއް ނެތި ވިހި އަހަރު ހޭދަ ކުރެއްވުމަށްފަހު ދެން އަދާކުރައްވަމުން ގެންދެވީ ކުޑަކަތީބު ކަމުގެ މަޤާމެވެ. ދެ ޕެންޝަން ހަމަވުމަށްފަހު ވަޒީފާއިން ރިޓައަރ ކުރެއްވެވީއެވެ.

ނަޢީމުބޭއަކީ ސަރުކާރާއި ރައްޔިތުންގެ މަސައްކަތަކުގައި ކެރޭ ހިތްވަރުގަދަ ޝަޚްޞިއްޔަތެކެވެ. ޖާނާއި މާލުން ގުރުބާން ވެލެއްވި ޚިދުމަތްތެރިއެކެވެ.

ރައްޔިތު ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި އާންމު ރައްޔިތެކޭ އެއްގޮތަށް އެކަމެއްގައި ބައިވެރިވެ މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ކުރީގެ ހުކުރު މިސްކިތް ބިނާކުރި ދުވަސްވަރު ރަށްތަކަށް ދަތުރު ކުރައްވާ ލަކުޑި އާއި ރުއް ކަނޑައިގެން ރަށަށް ގެނައުމުގެ ބުރަ މަސައްކަތްތައް އިސްވެހުންނަވައިގެން ކުރެއްވިއެވެ. އިހަވަންދޫ މަދަރުސާ ޢިމާރާތް ކުރުމަށް ބޭނުންވާނޭ ގައު އަރުވާ ތެޅުމުގެ މަސައްކަތް އަމިއްލަ އަތުން ކުރެއްވިއެވެ. މަދަރުސާ ރޭނުމާއި ޕްލާސްޓަރު ކުރުމާއި މުލިދޫން ރުއްކަނޑައިގެން މަދަރުސާ ހިޔާ ކުރަން ގެނައިހާ ރުކެއް ނެރުމަށް ކޮޑުން އުފުއްލަވާ، ކާޑުގެ ފެމިލީ ހެލްތު ސެކްޝަނަކަށް ބަދަލު ކުރުމަށް ކުރެވުނު މަރާމާތާއި، އަންހެނުންގެ މިސްކިތްތަކުގެ މަރާމާތާއި، އަމީނީމަގު ކޮށާ ސާފުކުރުމުގެ މަސައްކަތްތައް ޢަމަލީގޮތުން ކުރެއްވިއެވެ. ފަޅު ފުން ކުރުމާއި ބޭރުތޮށިލުމާއި އެއްގަމު ވާޓަރުލުމާއި ފާލަން އެޅުމުގެ މަސައްކަތްތަކުގައި ރައްޔިތުންނާއެކު ބުރަކޮށް މަސައްކަތް ކުރެއްވިއެވެ.

މަރުވާ ގިނަ ފިރިހެނުން ހިނެވުމާއި ވަޅުލުމުގެ މަސައްކަތްތަކުގައި ފޫހިވުމެއް ނެތި އުޅުއްވައެވެ. ނަޢީމުބޭއަކީ އެންމެ އާދައިގެ މީހުނާވެސް ގުޅުން ބަދަހި ހިތްހެޔޮ ސަމާސާ މިޒާޖެއްގެ ބޭފުޅެކެވެ. މިއަދު ގެއްލިގެން އެދިޔައީ ޚިދުމަތްތެރި އޯގާތެރި މަދަދުގާރެކެވެ."

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ނަޢީމުބޭގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!

– 5 މާރިޗު 2016 0