ނަމާދު — Ihavandhoo.com

ނަމާދު

30 އޭޕުރީލު 2013 2

ނަމާދުގެ މާނައަކީ "ދުޢާ" އެވެ. އެހެންނަމަވެސް ނަމާދަކީ ހަމައެކަނި ދުޢާއެއް ނޫނެނެވެ. ދުޢާ ކުރުމުގެ އިތުރަށް އުޅެންވީ ގޮތުގެ އިރުޝާދުތައްވެސް ނަމާދުގައި އެކުލެވިގެންވެއެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ނަމާދަކީ ޕުރޮގްރާމިންއެކެވެ. ޕުރޮގްރާމިންގެ ވާހަކަ ދެއްކުމުން އެންމެ ފުރުތަމަވެސް ހިތުގެ ތެރައަށް ވަންނާނީ ކޮންޕިއުޓަރެވެ. އިންސާނުންނަކީ ކޮންޕިއުޓަރު ކަހަލަ މެޝިނެއް ކަމަށް ބައްލަވަމާ ހިންގަވާށެވެ. އެހެންކަމަށް ވާނަމަ އިންސާނުން ވަނީ މިދުނިޔޭގައިވާ އެންމެ މޮޅު އަދި އެންމެ ފުރިހަމަ މެޝިނަށެވެ. މާތްﷲ ވަޙީކުރަށްވައިފައިވާ ބަސްފުޅެއްގެ މާނަގައި ވެއެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ޞޫރައިގައި އިންސާނާ ހެއްދެވިއެވެ". (އައްތީން ސޫރަތުގެ 4 ވަނަ އާޔަތް)

ނަމާދުކުރާއިރު އެހެން ހިޔާލުތަކުން ދުރުވާނީ ކިހިނެއް؟

ސައިކޮލޮޖިސްޓުން ބުނާގޮތުން އަހަރެމެން އިންސާނުންގެ ހިޔާލުތައްވަނީ އަހަރެމެންގެ އަމިއްލަ ބާރުގެދަށަކު ނޫނެވެ. އެހެންނަމަވެސް އަހަރެމެންގެ ހަށިގަނޑުވަނީ އަހަރެމެންގެ ބާރުގެ ދަށުގެއެވެ. އަހަރެމެން ކަނާއަތް ހިއްލާލަން ބޭނުންނަމަ ހިއްލާލެވެއެވެ. ވައަތް ހިއްލާލަން ބޭނުންނަމަ ހިއްލާލެވެއެވެ. ނަމާދުގައި އެހެން ހިޔާލުތައް އަންނަނީ މިދެންނެވިސަބަބާ ހުރެއެވެ. މިސާލަކަށް ކިޔަވައި ދެއްވާ މުދައްރިސަކު ނަމާދަށް ހުންނަ އިރު ކިޔަވައިދެވުނު ފިލާވަޅާމެދު ހިޔާލުކުރެވުން އެކަށީގެން ވެއެވެ. ދަރިވަރަކު ކިޔަވަމުންދާ ފިލާވަޅުތަކާމެދު ނަމާދުގައި ހުރެގެން ވިސްނުން ބެހެއްޓެވުމަކީ ވެދާނެ ކަމެކެވެ. ނޫނީ ގޭރާނާ މީހަކު ނަމާދުގައި ހުރެގެން މިހާރު އިމާރާތްކުރާ ގޭގެ ފާރެއްގައި ސިމެންތި ޖަހާނެގޮތާމެދު ހިޔާލުކުރެވޭ ފަހަރުވެސް އާދެއެވެ. ހިޔާލުތައް ކުރެވުމުގެ ސަބަބަކަށް ވަނީ އެއްވެސް ހިޔާލެއްނެތި އިންސާނާއަށް ނުހުރެވޭނެތީއެވެ.

އަހަރެމެންނަށް ޤުރުއާނުގެ ބައެއް ސޫރަތްތައް ހިތުން އެނގެއެވެ. މިސާލަކަށް ސޫރަތުލް ފާތިޙާ އަހަރެމެން ކޮންމެ މީހަކަށްވެސް އިނގެއެވެ. އަދި ނަމާދުގައި މިކިޔާ ކުރު ސޫރަތްތައްވެސް ގިނަ މީހުންނަށް އެނގެއެވެ. އަހަރެމެން ނިދާން އޮވެފައި، ހޭލުމުން މީހަކު ސޫރަތުލް ފާތިޙާ ކިޔަވާށޭ ބުނެފިނަމަ އަހަރެމެންނަށް ވަރަށް ފަސޭހަކަމާއެކު ކުށެއްނުޖެހި ސޫރަތުލް ފާތިޙާ ކިޔާލަން އެނގޭހާ މިންވަރަށް ފާތިޙާސޫރަތް އަހަރެމެންނަށް އެނގެއެވެ. އެހެންނަމަވެސް އަހަރެމެންނަށް ޢަރަބިބަސް ނޭނގުމުގެ ސަބަބުން އަހަރެމެންނަކަށް ޤުރުއާނުގެ އާޔަތްތަކުގެ މާނައެއް ނޭނގެއެވެ. ނަމާދުގައިވެސް މިކަން މިދިމާވަނީ ހަމަ މިބީދައިންނެވެ. ޢަރަބިބަސް ނޭނގޭތީވެ ޤުރުއާނުގެ އާޔަތްތައް އިމާމާ ކިޔަވާ ވިދާޅުވާއިރުވެސް އަހަރެމެން މިތިބެނީ ދުންޔަވީ ހިޔާލުތަކުގައެވެ. އެހެންނަމަވެސް އަހަރެމެން ދިވެހި ބަސް ދަންނަމުއެވެ. އަދި އަހަރެމެންގެ ތެރެއިން ވަރަށް ގިނަބަޔަކު އިނގިރޭސި ބަސްވެސް ދަންނަމުއެވެ. ވީމާ ޤުރުއާނުގެ އާޔަތް ތަކުގެ މާނަ އެމީހެއް ދަންނަބަހަކުން އިމާމާ ކިޔަވާ ވިދާޅުވާއިރު ހިތަށް ގެންނާށެވެ. މިސާލަކަށް ސޫރަތުލްފާތިޙަ ކިޔާވާނަމަ، އިމާމާ ކޮންމެ އާޔަތެއް ކިޔަވާވިދާޅުވާއިރު އެއާޔަތެއްގެ މާނަ ހިތަށްގެންނާށެވެ. ނަމާދުގައި ކިޔަވާ ސޫރަތްތަކާއި ނަމާދުގައި ކިޔާ ދުޢާތަކާއި ޒިކުރު ތަކުގެ މާނަ ދަސްކޮށް ހިތަށް ގެނައުމަކީ ނަމާދުކުރާއިރު ކުރެވޭ ބޭކާރު ޙިޔާލުތަކާ ތިބާ ދުރަށް ދިއުމަށް ކޮށާލެވޭ މަގެކެވެ.

އެހެންކަމުން މިކަން މިގޮތަށް ކޮށްފިނަމަ ނަމާދުގައި ކުރެވޭ ބޭކާރު ޙިޔާލުތަކާ ދުރުވެވި ޚުޝޫޢަތްތެރިކަމާއެކު ނަމާދު ފުރިހަމަ ކުރެވުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ އަހަރެމެންނަށް ދެ ކަމަކަށް ފުރިހަމައަށް ފިކުރުކުރުމަކީ ވާނޭ ކަމަކަށް ނުވާނެތީއެވެ. ސަތޭކަ ޕަރސެންޓް ދެކަމަކަށް ހިޔާލުކުރުމަކީ އިންސާނާއަށް ކުރެވޭނެކަމެއް ނޫނެވެ. ނަމާދުކުރާއިރު ބޮޑަށް ހިޔާލުކުރެވޭނީ އާޔަތް ތަކުގެ މާނައަށް ވިސްނުމުގައެވެ. އަދި މިގޮތަށް މާނައަށް ވިސްނާނަމަ އެހެން ހިޔާލުތަކަމާމެދު ވިސްނޭނެ ތަންވަޅެއް ނާންނާނެއެވެ.

ނަމާދުގައި ހެއްދެވި ފަރާތުގެ އިރުޝާދުތަށް ލިބެނީ ކިހިނެއް؟

ނަމާދުގައި އަހަރެމެންނަށް އުޅެންވީ ގޮތާއި، ރަނގަޅުކަންތައްތަކާއި، މަނާ ކުރަށްވައިފައިވާ ކަންތައްތައް ދަސްވެއެވެ. ކުރުގޮތަކަށް ބުނާނަމަ ހެއްދެވި ފަރާތުގެ އިރުޝާދުތަށް ލިބެއެވެ. ކީރިތި ޤުރުއާނަކީ އިންސާނުން އުޅެންވީގޮތް އަންގަވައިފައިވާ ފޮތެވެ. އަހަރެމެން މިފޮތުގެ މޫރިތި އާޔަތްތައް ކޮންމެ ނަމާދެއްގައި ފާތިޙާ ސޫރަތަށްފަހު ކިޔަވަމެވެ.

އިމާމާ ސޫރަތުލް ފާތިޙާ ކިޔެވުމަށް ފަހު ބަޤަރާ ސޫރަތުގެ 219 ވަނަ އާޔަތް ކިޔަވާވިދާޅުވެދާނެއެވެ.

"ރަލާއި ޖުވާއާމެދު އެއުރެން ސުވާލުކުރަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގެއި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށްވުރެ، އެ ދެކަމުގެ ފާފަވެރިކަން މާބޮޑެވެ. އަދި އެއުރެން ހޭދަކުރަންވީ ކޮންއެއްޗެއްތޯ ކަލޭގެފާނަށް އެއުރެން ސުވާލުކުރަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ހޭދަކުރަންވީ) އިތުރުވި އެއްޗެކެވެ. އެފަދައިން ﷲގެ ޙުކުމް ތައް ބަޔާން ކޮށްދެއްވަނީ، ތިޔަބައިމީހުން ފިކުރުކުޅައުމަށްޓަކައެވެ".

ނޫނީ އަލްމާއިދާ ސޫރަތުގެ 90 ވަނަ އާޔަތް ވިދާޅުވެދާނެއެވެ.

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރަލާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބުހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ އަމަލުތަކުގެ ތެރެއިންވާ ހަޑިމުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ".

ނުވަތަ އިމާމާ އަންނިސާއު ސޫރަތުގެ 122 ވަނަ އާޔަތް ކިޔަވާވިދާޅުވެދާނެއެވެ.

"އަދި ކުށެއް ނުވަތަ ފާފައެއްކޮށް (އެކަމުގެ) ކުށެންނެތްމީހެއްގެ ބޮލުގައި އެކަން އަޅުވައިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ".

މިހެން ކިތަންމެ މިސާލެއްވެސް ދެއްކިދާނެއެވެ. މިއިން ކޮންމެ އާޔަތެއްގައިވެސް ﷲގެ އިރުޝާދުތައް އައިސްފައިވެއެވެ. ފުރަތަމަ އާޔަތުގައި އެވަނީ ޖުވާ އާއި ރަލުގެ ވާހަކައެވެ. ދެން އެވަނީ ރަލުގެ އިތުރުން ބުދާއި ނަޞީބު ބެލުމަށް ބޭނުންކުރާ ދުނިދަނޑިތަކުގެ ވާހަކައެވެ. އެއަށްފަހު ދެން އިން އާޔަތުގައި އެވަނީ ކުށެއްކޮށް އެކަން އެހެންމީހެއްގެ ބޮލަށް ޖަހާމީހާގެ ވާހަކައެވެ. މިގޮތައް ވަރަށް ގިނަ އިރުޝާދުތަށް ނަމާދުގައި އަހަރެމެންނަށް ލިބެއެވެ.

ފަސްވަގުތު ނަމާދުކުރަން ޖެހެނީ ކީއްވެ؟

ކޮންޕިއުޓަރަށް ޕުރޮގްރާމް ކުރަންޖެހެނީ އެއްފަހަރުއެވެ. އަހަރެމެން ބޭނުންވާ ގޮތައް ކޮންޕިއުޓަރު މަސައްކަތްކުރާނެވެ. ވައިރަހެއް ނުވަންނަހާ ހިނދު ކޮންޕިއުޓަރުގެ ޕުރޮގްރާމްތައް މަސައްކަތް ކުރާނެއެވެ. އެހެންނަމަވެސް އަހަރެމެން ދުވާލަކު އެތައްފަހަރަކު ޕުރޮގްރާމް ކުރަންޖެހެވެ. އަހަރެމެންނަށް ދުވާލަކު އެތައް ފަހަރަކު ވައިރަސްތައް ޖެހެއެވެ. އަހަރެމެން މިއުޅެމުންދާ މުޖުތަމައުން އެތަށްފަހަރަކު ގޯސްކަންތައްތަކުގެ އަސަރުކުރެއެވެ. އެތައް ފަހަރަކު މީހުން ވައްކަން ކުރާމަންޒަރުތަކާއި ޣީބަ ބުނާ މަންޒަރުތައް ފެނެއެވެ. މިކަންކަމުން ސަލާމަތްވުމަށް އަހަރެމެން ދުވާލަކު އެތައް ފަހަރަކު ޕުރޮގްރާމް ކުރުން މުހިންމެވެ.

އަހަރެމެން ދުވާލަކު މަދުވެގެން 3 ފަހަރު ކަމެވެ. ބައެއް މީހުން 4 ފަހަރުކައެވެ. އެނެއް ބަޔަކު 5 ފަހަރުކައެވެ. އަހަރެމެން ގަޑި ގަޑިން ކާނަމަ އަހަރެމެންގެ ސިއްހަތު ރަނގަޅުވާނެއެވެ. ހަމަ މިގޮތައް ގަޑި ގަޑިން ނަމާދުކުރާނަމަ އަހަރެމެން ތަޤުވާވެރިކަން އިތުރުވާނެއެވެ. އަހަރެމެން ގަޑި ގަޑިން ނުކާނަމަ އަހަރެމެންގެ ސިއްހަތުދެރަވެ ބަލިތައް ޖެހޭނެއެވެ. ހަމަ މިބީދައިން ނަމާދު ނުކުރާނަމަ އަހަރެމެން ނުބާ ފާޙިޝް ކަންތަށް ތަކަށް މަގުފަހިވާނެއެވެ. ހަމަކަށަވަރުން އިބިލީހަކީ ނުބައިކަން ބޮޑުވެގެންވާ އެއްޗެކެވެ. ނަމާދު ކުރުމުގައި ފަރުވާކުޑަކޮށްފިނަމަ އިބިލީސް ބޭނުންވާގޮތަށް ތިބާ އަނބުރާލުމުގެ ބާރުވެރިކަން އެއިބިލީސް ލިބިގަނެއެވެ.

ހުރިހާނަމާދެއް އެއްފަހަރާ ކުރެވޭ ނަމަޔޭ އަހަރެމެން ހިތަށްއަރެވެ. ކެއުން ވަކިވަގުތު ތަކަކަށް ނުބަހައި ހުރިހައި ކެއުމެއް އެއް ކެއުމަކަށް ހަދައި އެއްވަގުތު، އެހުރިހާ ވަގުތެއްގެ ކެއުން ކާންވެއްޖެނަމަ ވާނެގޮތް ވިސްނާލަބައްލަވާށެވެ؟ ހަމައެގޮތަށް ހުރިހައި ނަމާދެއް އެއްފަހަރާ ކުރަންވެއްޖެއްޔާ ވާނެގޮތް ވިސްނާލަބައްލަވާށެވެ؟ ހުރިހައި ކެއުމެއް އެއް ކެއުމަކަށް ނުހެދޭ ފަދައިން ފަސް ނަމާދު އެއް ވަގުތެއްގައި ނުކުރެވޭނެވެ.

ކީރިތި ޤުރުއާނުގައި ނަމާދުކުރަންވީ ވަޤުތުތަކާއި ނަމާދުގެ އަދަދުތައް އައިސްފައިވެއެވެ. އެގޮތުން ހޫދު ސުރަތުގެ 144 ވަނަ އާޔަތާއި ބަނީއިސްރާއީލް ސުރަތުގެ 78 ވަނަ އާޔަތާއި ތާހާ ސުރަތުގެ 130 ވަނަ އާޔަތް އަދި އައްރޫމް ސުރަތުގެ 17-18 ވަނަ އާޔަތުގައިވެއެވެ. "ފަހެ، ތިޔަބައިމީހުން ރޭގަނޑުގެ ތެރެއަށް ވަންނަހިނދުގައްޔާއި، ފަތިހުގެ ތެރެޔަށް ތިޔަބައިމީހުން ވަންނަހިނދު، ﷲ އަށް ތަސްބީޙަ ކިޔައި ނަމާދުކުރާށެވެ!". (އައްރޫމް ސޫރަތުގެ 17 ވަނަ އާޔަތް)

އަހަރެމެންނަށް ފަސްވަގުތު ފަސްނަމާދުކުރުމަށް ފަރުޟުވެވިގެންވެއެވެ. އެގޮތުން އަހަރެމެން ދުވަސް ފަށްޓަނީ ފަތިސްނަމާދުންނެވެ. ދެން މެންދުރު އިރުމެދުވުމުން ކުރަނީ މެންދުރުނަމާދެވެ. އެއަށްފަހު ކުރަނީ ޢަޞުރުނަމާދެވެ. ދެން ހަތަރުވަނަޔަށް އިރު ފެނުޖެހުމުން ކުރަނީ މަޣްރިބްނަމާދެވެ. ދެން އަހަރެމެން ދުވަސްނިންމާލަނީ ޢިޝާނަމާދުންނެވެ. އަހަރެމެންނަށް މިހުރިހާ ނަމާދެއް ބަރާބަރަށް ވަގުތުގައި އަދާކުރެވޭނަމަ އަހަރެމެންގެ ދުވަސްތައް ބާއްޖަވެރިވާނެވެ.

ބަންގިއަކީ ކިހާމުހިއްމު އެއްޗެއްބާ؟

އެކި ދީންތަކުގެ މީހުން އެމީހުން އަޅުކަންކުރުމަށް ގޮވައިލަނީ އެކި އެއްޗެހި ބޭނުންކޮށްގެނެވެ. ނަޞާރާއިން އެމީހުން ބޭނުންކުރަނީ ރަނގަބީލެވެ. ބައެއް ނަޞާރާއިން ބެރު ބެނުންކުރާކަމަށްވެސް ވެއެވެ. އެކަމަކު އެހުރިހައި އެއްޗަކާ ޚިލާފަށް އަހަރުމެން މުސްލިމުން ބޭނުން މިކުރަނީ އަހަރުމެންގެ އަމިއްލަ އަޑެވެ. ބެރާއި، ރަނގަބީލަށްވުރެއް އިންސާނުންގެ އަޑު މާއަސަރުކުރުވަނީ ކީއްވެގެންބާއެވެ؟

އަހަރުމެންގެ ތެރެއިން ބައެއް މީހުންނަށް ބަންގީގެ އަސަރު ކުރާވަރު ނޭނގިފައި އޮވެދާނެއެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު ބަންގީގެ ސަބަބުން އެމީހުންގެ ހިތްތައް ކަތިލެވެމުންދެއެވެ. އެތަބަޔަކު އިސްލާމް ވެފައި އެބަހުއްޓެވެ. އަދި އެތައް ބަޔަކު އިސްލާމްވަމުން އެބަދެއެވެ. ސަބަބަކަށްވަނީ ބަނގީގެ މާނައެވެ. އަދި އެބަންގީގެ ރާގެވެ. ބަންގީގެ ރާގަކީ ހިތައް އަސަރުކުރަނިވި އެހާމެ ފަށުވި އެއްޗެކެވެ.

އަހަރެމެންގެ ތެރެއިން ބަންގީގެ މާނަ އެނގެނީ ކިތައްމީހުންނަށްތޯ ވިސްނާލަބައްލަވާށެވެ؟ ޢަރަބިބަސް ނޭނގޭތީ ބަންގީގައި ކިޔާއެއްޗެއްވެސް ނޭނގެނީއެވެ. ބަންގީގައި ރީތި، ހިތަށް އަސަރުކުރަނިވި ރާގުތަކެއްގެ އިތުރުން ވަރަށް މުހިއްމު މެސެޖެއްވެސްވެއެވެ. އަހަރެމެން ކޮންމެމީހަކުވެސް ބަންގިން އަހަރެމެނަށް ލިބޭ މެސެޖެ ހޯދަމާ ބަހީއެވެ!

ވުޟޫކުރުން

ވުޟޫއަކީ ސާފުތާހިރުކަމުގެ ނިޝާނެކެވެ. އަހަރެމެނެން ނަމާދަކުރުމަށް އަތާއި ފަޔާއި މޫނު ދޮންނަން ޖެހެއެވެ. މިވާހަކަ ކީރިތި ޤުރުއާނުގައި އަލްމާއިދާ ސޫރަތުގެ 6 ވަނަ އާޔަތުގައި އަންގަވައިފައިވެއެވެ.

"އޭ އީންމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމައަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާ ހަމައަށް ދޮންނާށެވެ!".

ސާފުތާހިރު ކަމުގެ އިތުރަށް ވުޟޫއަކީ އެއާއި ނުލައި ނަމާދު ޞައްޙަނުވާ ކަމެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަރަށް ފުރިހަމަ ލިޔުމެއް.

– 30 އޭޕުރީލު 2013 2

ސުވާލުކުރީމައި ޖަވާބްލިބޭހެން ހިއްދަވާ... (:

– 16 މާރިޗު 2014 1