އިހަވަންދޫ ޑޮޓް ކޮމްގެ އެޑިޓަރުގެ މަގާމަށް ޢަބްދުލްމާނިޢު — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

93 ދުވަސް

އިހަވަންދޫ ޑޮޓް ކޮމްގެ އެޑިޓަރުގެ މަގާމަށް ޢަބްދުލްމާނިޢު

21 ޖެނުއަރީ 2013 1

އިހަވަންދޫ ޑޮޓްކޮމްގެ ލޯގޯ

އިހަވަންދޫ ޑޮޓް ކޮމްގެ އެޑިޓަރުގެ މަގާމަށް، ހއ. އިހަވަންދޫ ޢަންބަރީގެ، އަލްއުސްތާޛް ޢަބްދުލްމާނިޢު ޙުސައިން ޢައްޔަނުކޮށް، އިހަވަންދޫ ޑޮޓް ކޮމްގެ ހިންގުން ރަސްމީކޮށް އޭނާއާ ޙަވާލުކޮށްފި އެވެ. އިހަވަންދޫ ޑޮޓް ކޮމްގެ މަސްޢޫލުވެރިޔާ، ހއ. އިހަވަންދޫ ހަސްތީ، އަލްފާޟިލް ޢަބްދުﷲ ޙަމީދު ވިދާޅުވީ އެޑިޓަރުގެ މަޤާމަށް ޢަބްދުލްމާނިޢު ޙުސައިން ޢައްޔަން ކުރުމުން، އެކަން މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗާއިން 12 ޑިސެމްބަރ 2012 ވަނަ ދުވަހު އެޕްރޫވް ކޮށްފައިވާ ކަމަށާއި ރަސްމީކޮށް އޭނާއާ މަސްޢޫލިއްޔަތު ޙަވާލުކޮށްފައި ވަނީ މިއަދު ކަމަށެވެ.

އިހަވަންދޫ ޑޮޓް ކޮމްގެ އެޑިޓަރުކަމާ މިއަދު ޙަވާލުވި ޢަބްދުލްމާނިޢު ޙުސައިން އަކީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ބެޗްލާރސް ޑިގްރީ (އޮނާރސް) ޙާޞިލްކޮށްފައިވާ ޒުވާން ޤާނޫނީ ވަކީލެކެވެ. އިހަވަންދޫ ޑޮޓް ކޮމްގެ އެޑިޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވީ ހއ. އިހަވަންދޫ، އިރަމާގެ، އަލްފާޟިލް މުޙައްމަދު ޒާހިރެވެ.

އިހަވަންދޫ ޑޮޓް ކޮމްގެ މަސްޢޫލުވެރިޔާ ޢަބްދުﷲ ޙަމީދު ވިދާޅުވީ ޢަބްދުލްމާނިޢު ޙުސައިންއާ އިހަވަންދޫ ޑޮޓް ކޮމްގެ އެޑިޓަރުކަން ޙަވާލުކޮށްފައި ވަނީ އިހަވަންދޫ ޑޮޓް ކޮމްގެ ވެބްސައިޓަށާއި، ހިންގުންތެރި ކަމަށް މިހާރު ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން ކަމަށެވެ. އަދި އޭނާ އެ މަޤާމަށް ޢައްޔަން ކުރީ އޭނާގެ މޭސްތިރިކަމުގެ ދަށުން އިހަވަންދޫ ޑޮޓް ކޮމް އަށް ކާމިޔާބު ބަދަލުތަކެއް ގެނެސްދޭނެ ކަމުގެ ޔަޤީން ކަމާއެކު ކަމަށެވެ. ޢަބްދުﷲ ޙަމީދު އިތުރަށް ވިދާޅުވީ އިހަވަންދޫ ޑޮޓް ކޮމްގެ ކުރީގެ އެޑިޓަރު އަލްފާޟިލް މުޙައްމަދު ޒާހިރު، އިހަވަންދޫ ޑޮޓް ކޮމް ރަޖިސްޓްރީކޮށްދިނުމުގަ އާއި އިހަވަންދޫ ޑޮޓް ކޮމް ހިންގުމުގައި ވެދެއްވި އެހީތެރި ކަމަށާއި، ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރަޖިސްޓްރީ ކުރެވިގެން އިހަވަންދޫގައި ހިންގަން ފެށުނު ފުރަތަމަ އޮންލައިން ނޫހުގެ އެޑިޓަރުކަމާ ހަވާލުވުމަށްފަހު ޢަބްދުލްމާނިޢު ޙުސައިން ވިދާޅުވީ އިހަވަންދޫ ޑޮޓް ކޮމްގެ މަސްޢޫލުވެރިޔާ އެދެމުންދާ އަދި ކިޔުންތެރިން އިންތިޒާރު ކުރަމުންދާ ފަދަ ބަދަލުތައް އިހަވަންދޫ ޑޮޓް ކޮމް އަށް ގެނައުމަށް، ތައްޔާރަށް ހުންނެވި ކަމަށާއި، އިހަވަންދޫ ޑޮޓް ކޮމް އަކީ މިހާރަށް ވުރެ ކިޔުންތެރިންގެ މެދުގައި މަގުބޫލު އަދި ކިޔުންތެރިންގެ އެއްބާރުލުން ލިބިފައިވާ މަޖައްލާއަކަށް ހަދައިދޭނެ ކަމަށާއި، އިހަވަންދޫ ޑޮޓް ކޮމް ހިންގުމުގައި ކޮންމެ ފަރުދަކަށް ވެސް ބައިވެރިވެވޭނެ މަގު ފަހިކޮށްދޭނެ ކަމަށާއި، ކޮންމެ މީހެއްގެ ވިސްނުން ހާމަކޮށް، އުފެއްދުންތެރިކަން ޙިއްޞާ ކުރެވޭނެ ފަސޭހަ، ހުޅުވާލެވިފައިވާ މަޖައްލާއެއް ގޮތަށް އިހަވަންދޫ ޑޮޓް ކޮމްގެ ހިންގުން ބައްޓަން ކުރާނެ ކަމަށާއި، އަދި އިހަވަންދޫ ޑޮޓް ކޮމް އަކީ އިހަވަންދޫގެ ލާމެހިފައިވާ ޖަމާޢަތުގައި މުޙިއްމު ބައިވެރިއަކަށް ވާނެ ކަމަށާއި، އަދި ހަމައެހެންމެ އިހަވަންދޫ ޑޮޓް ކޮމް ހިންގަމުން ދާނީ ރޭވުންތެރި ތަރުތީބު ހަމައެއްގެ ދަށުން ކަމަށެވެ. މިގޮތުން މި ހަފްތާ ތެރޭގައި އިހަވަންދޫ ޑޮޓް ކޮމްގެ ހިންގުން އެކުލެވިފައިވާ ގޮތުގެ ގަވާއިދެއް އެކުލަވާލެވި ޝާއިޢު ކުރާނެ ކަމަށާއި، އަދި އަންނަ ހަފްތާގައި އިހަވަންދޫ ޑޮޓް ކޮމްގެ އެޑިޓޯރިއަލް ބޯޑު އެކުލަވާލައި އިޢުލާނު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިހާރު އެންމެ ބުރަކޮށް ކުރެވެމުންދާ އިހަވަންދޫ ޑޮޓް ކޮމްގެ އަމިއްލަ ވެބްސައިޓް ބިނާކުރުމުގެ މަސައްކަތުގެ މައިގަނޑު ބައިތައް މި މަހުގެ ނިޔަލަށް ނިންމާލުމަށް އެ މަސައްކަތުގައި އުޅުއްވާ ފަރާތްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިހަވަންދޫ ޑޮޓް ކޮމް އަކީ 2011 މާރޗް 17 ވަނަ ދުވަހު ރަޖިސްޓްރީ ކޮށްފައިވާ އޮންލައިން ނޫހެކެވެ.

 

އިހަވަންދޫ ޑޮޓް ކޮމް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މި ސައިޓުގަ ލިޔުންތެރިންލިޔުއްވުމަށް ފުރުސަތެއް ނެތް...ލިޔުން ފޮނުއްވުމަށް އިންތަނަށް ކުލިކު ކޮއްލީމަ އަރަނީ 'no input file selected' ..މިކަން ރަނގަޅުވާނީ ކޮނއްއިރަކުންތަ؟؟؟؟؟؟؟؟

– 11 އޭޕުރީލު 2013 0