ނިޔުޅި ވިހުރި އިތިވަމުންދާ ރިޔާސީ ފޯރި

ނަޝީދު އިހަވަންދޫ އަށް ދާދިފަހުން ކުރެއްވި ދަތުރުގެ ތެރެއިން / ފޮޓޯ: މުޙައްމަދު ރަޝީދު، ރާނާގެ
ދިވެހިދައުލަތުގެ ދެވަނަ ޖުމްހޫރިއްޔަތުގެ 10 ވަނަ ރިޔާސީ އިންތިޚާބު ލައިގަތީ އެވެ. ދީމިޤްރާޠީ ހަމަތަކުގެ މަތިން ބޭއްވޭ ދެ ވަނަ އިންތިޚާބެވެ. ދީމިޤުރާތީ ނަޝީދާއި، މުތަޤައްދިމް ޔާމީނާއި، ޖުމްހޫރީ ޤާސިމާއި، ފަރުދީ ވަޙީދު ޙަސަން މަނިކު އިންތިޚާބަށް ފޫގަޅައިފި އެވެ.
ނަޝީދު ހުންނެވީ އެއްބުރުން މުޖައްރިބު ކުރައްވައިގެންނެވެ. ޔާމިނު ޔަޤީން ކަށަވަރުކަން ހިއްޕަވައިގެންނެވެ. ޤާސިމް ޤައިމްވެ ނިންމަވައިގެންނެވެ. ވަޙީދު ޙަސަންމަނިކު ކުރިއަށް ޖެހިވަޑައިގެންނެވެ.
އިންތިޚާބީ ވައިރޯޅި ބާރުވެ ވިއްސާރަ ވިލާތައް ފުނިޖެހި ބާރު ބިޔަ ކޮޅިގަނޑެއްގެ ހަޅައަށް މުޅި ފަޒާ ދިލަވަމުންދާއިރު، ސިޔާސީ ހަރަކާތްތެރިންގެ ހޭލަމޭލަކަން ވަނީ އިތުރެވެ. ބިރެއްނެތެވެ. ކުލަ ފިހިތައް ހިފައިގެން ޅަވަރު ކުދިން ހިންދަމައިނުލާ ކާއްތަނީ އެވެ. ދޫހެލޭ މީހުން ހިންދިރުވައިނުލާ ސިޔާސަތޭ ގޮވަނީ އެވެ. އެކިކުލަތަކުގެ ދިދަތަކުން މަގުތައް މަތި ހިޔާކޮށްލައިފި އެވެ. ރިޔާސީ އީދަށް ރަށްރަށް ޖަރީކޮށްފި އެވެ. ހަދިޔާ ބަދިއާތައް އޮހެނީ އެވެ. މީސްތަކުންގެ ޖީބުތައް އުތުރިގެންފި އެވެ.
ޙުކުމް އިއްވާނީ ރައްޔިތުންނެވެ. ޛުލްޤާޢިދާގެ އެއްވަނަ ދުވަހު އެވެ. އެއީ ހޮނިހިރެކެވެ. އުތުރަ ނަކަތް ލައިގަންނަ ދުވަހެވެ. ހަމަގައިމު ދުވަހުގެ ރާހި ގޯހެއް ނޫނެވެ. ހަޖަމް ނުވި ބަޔަކަށް ނުވީ އެވެ. ނަސީބުވެރިޔަކީ އެކަކެވެ.
އާދަޔާ ޚިލާފު ޖޯޝަކާއެކު ނަޝީދުގެ ފަޅުވެރިން ތިބީ އެއްބުރަށް ހިފައިގެންނެވެ. އިންތިޚާބުގެ ވާދައަށް ބަލާއިރު އެންެމެ ފަހީ ނަޝީދަށެވެ. ސަބަބުތައް ގިނަ އެވެ.
އެންމެ ބޮޑު ފައްސަކީ ނަޝީދުގެ ބަހުންނަމަ ނަޝީދާ ދެކޮޅަށް ވަޙީދާއި ގާސިމާއި ޔާމީނު ކޮށްގެން ތިބި "ޙަރާމްވެގެންވާ ބޮޑު ބަޤާވާތެ"ވެ. ބަޤާވާތުގެ ޒަޚަމުވެރިންގެ ކަރުނަވީ ދުޢާ އެވެ. އެވެރިންގެ އާދަޔާ ޚިލާފު ހިތްވަރާއި ބަލިވުމެއް ފޫހިކަމެއް ނެތް ބުރަ މަސައްކަތެވެ.
ނަޝީދަށް އިންތިޚާބު އަރިވާ އަނެއް ގޮތަކީ ތާއީދު ހޯދުމުގެ ފަލްސަފީ ހަރަކާތްތަކުގެ މޫރިތިކަމާއި ސިޔާސަތުގެ ޖާދޫ އެވެ. 2008ގެ އިންތިޚާބުން ނަޝީދަށް ނަޞްރު ލިބުނު ގޮތީވެސް މިއީ އެވެ. ޖީބަށް ލާރި ނާޅައި، ސިޔާސަތެއް ނުވަތަ ވައުދެއް އިންސާނެއްގެ ހިތުތެރެއަށް ވައްދައި ހިތް ފަތަހަ ކުރުމަކީ ދަތިކަމަކަށް ވިއެއްކަމަކު، ދެމެހެއްޓެނިވި އިޚްލާޞްތެރި ވަފާތެރިން ހޯދޭނެ ގޮތަކީ މިއީކަން ނަޝީދުގެ ލަފާދާރުން އަބަދުވެސް ދެނެތިބެ އެވެ. އަދި މިފަންޑިތައިގެ ގޮތް ބާވަތް އެންމެ މޮޅަށް އުނގެނި ތިބީވެސް ނަޝީދުގެ މޭސްތިރިންނެވެ. ނަޝީދުގެ ތާއިދުވެރިންނަށް ސަފަރާ ޖެހިފައި ތިބެނީ އެހެންވެ ތޯއްޗެކެވެ.
ރާއްޖޭގެ ބޮޑެތި ދާއިރާތަކުގެ މަޖިލިސް މެމްބަރުކަމާއި ކައުންސިލްތަކުގެ އަޣުލަބިއްޔަތު ނަޝީދަށް ހުސްވެފައި އޮތުމަކީ ވަރަށް ބޮޑު ކަމެއްގެ އެންމެ ބޮޑު އަލާމާތެވެ. ނަޝީދަށްޓަކައި އެވެރިންގެ ދަރިފަސްކޮޅު ހަފުސްވާންޖެހިފައިވާ ސިޔާސީ ޖާދުލާއެކު އެއްބުރުން ނަޝީދަށް ހެޔޮކޮށް ނުލެވެންވީ މައިތިރިއެއް މިހިނދަށް ތިލަވެފައި ނެތެވެ.
ނަޝީދު އިންތިޚާބަށް ނުކުމެ ހުރީ ކިތަންމެ ތާޖަކާއި މެޑެއްޔަކާ އެކު އެވެ. އެތަކެތީގެ ވިދުވަރުން ނަޝީދުގެ ވަނަވަރު އަލިކުރެ އެވެ. އެ އަލިކަމުން އުޖާލާވެގެން އެކަނިމާ އެކަނި ނަޝީދު ހިންދެމިލައި ހުންނަ ބޮޑު މަންޒަރު ގިނަބަޔަކަށް ފެނެ އެވެ. ނަޝީދުގެ ދަބަހުގައި އެއްޗެއް އޮތްކަމަށް ވާދަވެރިން ވެސް ބުނަނީ އެހެންވެ އެވެ.
ޔާމިނަކީ ރަން ތިރީސް އަހަރުގެ ބާނީ، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އަލްއަޒްހަރީގެ ކޮއްކޯފުޅެވެ. ވީމާ ޔާމީން ޔަޤީންކުރާނެ ނޫންތޯ އެވެ!
މައުމޫން ހުންނެވީ ޔާމީނާ ލޮލާއި ބޮލުން ރުހި ޤަބޫލުވެގެންނެވެ. އެކަން ތަކުރާރުކޮށް އިޢުލާނުވެސް ކުރައްވައިފި އެވެ. ޔާމީނަށް އިންތިޚާބު ބަރުކޮށްދޭން ޖެހޭ ސަބަބަކީ އެއީ އެވެ. މައުމޫނުގެ ލޯބިވެރިން މައުމޫނުގެ ޙައްޤުގައި ކޮންމެފަދަ އަގެއްވެސް ދައްކާނެކަން މައުމޫނު ކިތަންމެ ފަހަރަކު ތަޖުރިބާކުރި އެވެ.
ޔާމީނަކީ ވަރަށް މޮޅު އިޤުތިޞާދީ މާހިރެކެވެ. އިޤުތިޞާދު ހަރުދަނާވެ ލިބޭއެތި ގިނަވެ ދިރިއުޅުން އާރޯވެގެން ދިއުމަކީ ކޮންމެ ދިވެއްސެއްގެ ވެސް އަޒުމުވެ. މިހެންވެ ޔާމީންގެ ޙިކުމަތްތެރިކަމަށް ރައްޔިތުން އެދިއެދި ތިބީ އިންތިހާއަށެވެ.
ޤާސިމަކީ ވަރަށް ބޮޑު މުއްސަންޖެކެވެ. ދިވެހި ތަހުތަކީ ޤާސިމްގެ އެންމެ ފަހު ހުވަފެން ކަމުގައި ބުނެވެ އެވެ. ހުވަފެނުގައި އުންމީދީ ކުލަޖެހުމުގެ ފުރުޞަތު ކުޑައެއް ނޫނެވެ.
އަމިއްލަ ޓީވީގެ ތަޢުރީފްގެ ބަސްތަކާއި، އަމިއްލަ ސްކޫލާއި ކޮލެޖްގެ ނޫކަށި ޒުވާނުންގެ ހިތްވަރާއި، އަމިއްލަ ރިސޯޓުތަކާއި ކާރުހާނާތަކުގެ މުވައްޒަފުންގެ އެހީތެރިކަމަކީ ޤާސިމްގެ ރިޔާސީ ރައުސުލްމާލެވެ. ޤާސިމްގެ ހިތްވަރަކީ އެއީ އެވެ.
ހުވަފެން ސީދާވުމުގެ އެންމެ އަލިކަން ގަދަ ކުލައަކީ ޖުމްހޫރީ ގުޅުމެވެ. އެ ގުޅުމުގެ އެކުވެރިކަމާއި ބަދަހިކަމެވެ. އެ ގުޅުމާއެކު އޮލަވެފައިވާ ތަފާތު ކުލަތަކާއި ފިކުރުތަކުން ފޭދިގެން އައި ރަމްޒަކީ ޤާސިމެވެ. ޤާސިމަކީ ދީނާ ޤައުމުގެ އެންމެ އުސް ކުރިބޯއްޓެވެ.
ތާއީދު ހޯދުމަށްޓަކައި ނުޖަހާކަ ބެރެއް ނެތެވެ. ނުނަށާކަ ގޮތެއް ނެތެވެ. ނުޖައްސާކަ ވަންނިއެއް ނެތެވެ. ވީހިނދު މި އިންތިޚާބުގައި ޤާސިމަށް ލިބެންޖެހޭ ޙައްޤު އިނާމު ލިބެން ޖެހޭނެ އެވެ. ހިތްވަރު ދިނުމުގެ އިނާމެއް ވިޔަސް ވެހެވެ.
ވަޙީދު ޙަސަން މަނިކަށް އަޅުގަނޑުގެ ވެސް ވެދުމެވެ. ހުރިހާ ސިޔާސީ ވެރިން ވަހީދަށް ދެންނެވި ވެދުމެވެ. ނަމަވެސް ޤައުމައިގެން ކުރިއަށް ދިއުމުގެ މާތް މަސައްކަތަށް ތަޢުރީފުކުރަން ޖެހެ އެވެ.
ހިމޭނުން ހުއްޓަކަސް ޖަހައިގަންނާނީ ބާރަށެވެ. ލިބޭ އެތި ވެސް ވަކި ކުޑައެއް ނުވާނެ އެވެ. ނިކަން ތިބެ އެ މަންޒަރު ދެކޭށެވެ.
ރައްޔިތުން ރިޔާސީ ތަހުތު ވެދުން ކުރާނީ ވަރަށް ބަލާފަ އެވެ. އެތަށް ގޮތަކަށް ކިރާފަ އެވެ. އެތައް ނަޒަރަކުން މިންކޮށްފަ އެވެ. ރައްޔިތުންގެ ނާޅިން ވަޒަންކޮށް ފަރުވާތެރިކަމާ އެކު މިނާފަ އެވެ. ރައްޔިތުންގެ ރުހުން ލިބުނީ ޔާމީންގެ ބޭބޭފުޅުގެ 30 އަހަރަށްކަން، ނުވަތަ ނަޝީދުގެ 3 އަހަރަށްކަން، ނުވަތަ ވަޙީދު ޙަސަން މަނިކުގެ 2 އަހަރަށްކަން އަދި ކިއެއްތަ ޤާސިމްގެ ކާމިޔާބު ޙަޔާތަށްކަން ދާދި އަވަހަށް ކަނޑައެޅިގެން ދާނެ އެވެ.
ގޮތް ނިންމަން އެދުވަހުން ރައްޔިތުން ނިކުންނާނެ އެވެ. އަޅުގަނޑު ވެސް ނުކުންނާނަމެވެ.
ޚިޔާލު ފައުޅުކުރުން