ނޮޅިވަރަންފަރު ގިމަން (4)

24 ސެޕްޓެމްބަރު 2014 0

އަމިއްލަ ވަޒަނަށް އަލުން އެނބުރި ދިއުމުގެ ވަގުތު ކައިރިވަމުންދެއެވެ. ފޮހެނުލެވޭނެ އެތައް ހަނދާންތަކެއް ހިތުގައި ބިންވަޅު ނަގައިފައިވެއެވެ. އޭގެތެރެއިންވެސް އެންމެ ގަދަޔަށް ހިތުގައި ހިފައިގަތް އެއްކަމަކީ ޕެނަމާ އާއިލާ އަހަރެންނާމެދު ކަންތައް ކުރި ހެޔޮލަފާ ގޮތްތަކާއި އަހަރެންނަށް އެއާއިލާއިން ކީ މަރުޙަބާއާއި، ބެހެއްޓި އޯގާތެރިކަމާއި، އެއާއިލާއިން ލިބުނު މިންނެތް ލޯތްބެވެ. ގޭގެ އެންމެނާ ސަލާންގަލާންކޮށް، ރައްދުކުރަންޖެހޭ ސަލާންތައް ބަލައިގަނެގެން، ގެއިން ނުކުތީ ހިތުން އެތަކެއް ޝުކުރެއް އެ އާއިލާއަށް ރައްދުކުރާ ޙާލުގައެވެ. އެނބުރި ފަހަތް ބަލައިލިއިރު އާތިފްގެ މަންމައާއި، ދައްތައެއްގެ ދަރި، "ކޮއްކޮ" ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. މަގު އަޅައިދެން އެގޮތުގައި އެމީހުން ތިބުމުން އަހަރެންނަށްވެސް ހިނގަމުން ދެވުނީ އަތުން ހަނާއަޅަމުންނެވެ.

އަތިރިމަތިވަނީ ތޮއްޖެހެން ކައިރިވެފައެވެ. ފުރުވައިލަން އައިސްފައިވާ މީހުންގެ ޢަދަދު ގިނަކަމުންނެވެ. އާތިފްގެ ބައްޕަ ދިން ހަދިޔާތަކަށް ޝުކުރުކޮށް، ސަލާންކޮށްލީމެވެ. އާތިފްގެ ބައްޕަ އެދެމުންދިޔައީ އަދިވެސް އެރަށަށް އައުމަށެވެ. މަގަތު ފާލަމުން ފެރީ ބަރުކުރަމުން ދާތީވެ އެރަށުން ރަޙްމަތްތެރިވި ބައެއް ކުދިންނާ ސަލާންކޮށް، ދެވެން އޮތް ނަޞޭޙަތެއްވިއްޔާ ރައްދުކުރަމުން ދިޔައީމެވެ. އިސްބޭފުޅުންނާ ސަލާންކޮށް ހީސަމާސާ ކުރަމުން ދިޔައީމެވެ. ޝުކުރުން ބަސްތައް އަމުނަމުން ދިޔައީމެވެ. އެހެންނަމަވެސް ނޮޅިވަރަންފަރުން ލިބުނު ފުރިހަމަ މެހެމާންދާރީއަށް އެއްވެސް ވަރަކަށް ޝުކުރުގެ ބަހެއް ބުނެނުލެވޭތާ ފިއްޔެއް ނުވަތަ އަކުރެއްގެ ހާހިސާބުވެސް ބުނެނުލެވޭފަދައެވެ. އެއީ އެއަގުނުކުރެވޭނެ ވަރުގެ މެހެމާންދާރީއަކަށް ވުމުންނެވެ. އާތިފްއާ ސަލާންކޮށް ކިޔެވުމަށް ނަޞޭޙަތްތެރިވުމަށްފަހު، އެންމެފަހުން ޕުރިންސިޕަލާ ސަލާން ކުރުމަށްފަހު ޝުކުރުގެ ދެތިން ބަހެއް ރައްދުކޮށް ފާލަމުން ފައިހިއްލައިލާ ކުރިކީލަ ފެރީއަށް އެރުނުއިރު ގަޑިން 3:15 ވާން މާކަގިނައިރުތަކެއް ނެތެވެ.

އަހަރެންގެ ދަބަސް ފެރީގެ ގޮނޑިއަކަށް ގުޅަކޮށްލުމަށްފަހު އެންމެ މަތީ ފަންގިފިލައަށް އެރުނުއިރު ފެރީގެ ވައު، ނޮޅިވަރަންފަރު ފާލަމުން މޮހައިލައި އިހަވަންދޫއާ ދިމާއަށް މިސްރާބު ބަހައްޓަނީއެވެ. ލިބުނު ރަޙްމަތްތެރިންނަށް އަވަހަށް ހަނާ އަޅައިލީމެވެ. އެކުދިންތައްވެސް އަހަރެމެން އެންމެނާ ދިމާއަށް އެއް ޖޯޝެއްގައި ހަނާއަޅަމުން ދިޔައެވެ. ވަކި ކޮޅަކުން ނާޅައޭ ބުނާނެ ކޮޅެއްނެތެވެ. ރަށުގެ ނެރުން ނިކުމެވި ރަށަށް ފުސްއަރަންދެއްވެސް ފާލަމުގައި ބައެއް މީހުން މަޑުކޮށްލައިގެން ތިއްބެވެ. ނޮޅިވަރަންފަރަށް ދިޔައިރު ސިފަކުރެވުނުގޮތް އިދިފުށަށްޖަހައި ނޮޅިވަރަންފަރު ކުޑަވަމުން ކުޑަވަމުންގޮސް ގެއްލިއްޖެއެވެ. ނޮޅިވަރަންފަރު ލޮލުކޮޅަށް ނުފެނުނުކަމުގައި ވީނަމަވެސް އެހަނދާންތައް ހިތުގައި އާވެ އާވެލައި ހުއްޓެވެ.

ޖެހެމުންދާ ފިނި ރޯޅިތަކުން، ބައެއް ކުދިންގެ ލޯތަކަށް ނިދީގެ އަސަރު ފޯރައި މަތީ ފަންގިފިލާގައި ފުރޮޅި ފުރޮޅި ތިބީ ކަނޑުގެ ލޮނުގަނޑު ހިމޭން ނުވުމުގެ ސަބަބުންނެވެ. އެހާގަދައެއްވެސް ނޫނެވެ. އަދި އެހާ މަޑެއްވެސް ނޫނެވެ. ކަނޑުގައި ކިރިޔަ ކިރިޔާ ބޮޑު ރާޅެއް އުފައްދައިލިޔަސް، ކަނޑުމައްޗަށް ބަލި ކުދިންތައް، ބަނޑަށް ލާފައިވާ އެއްޗެއްނަމަ ބޭރުކޮށްލަފާނެއެވެ. އެތެރޭގައި ބައެއް އަންހެން މުދައްރިއްސުންވެސް ބޯ އަނބުރައި ހޮޑުލެވޭތީވެ އެހެން މުދައްރިއްސުންގެ އެހީތެރިކަން ހޯދަމުން ދިޔައެވެ. ވަކިން މުދައްރިއްސެއް ނުވަތަ ދަރިވަރެއް ނޫނެވެ. އަންހެން ޖިންސްލަތީފަކަށް ވެއްޖެނަމަ ބެލެނިވެރިންވެސް އެ ބޮޑު މާލޫދުގައި ބައިވެރިވެ، ނަގައި ކިޔަމުން ގެންދިޔައީ ގަދައަޅައި ހިތްވަރު ކުރަމުންނެވެ. މާލޫދުގައި ކިރިޔާވެސް ބައިވެރިވެއްޖެ މީހަކަށް، ފުރިހަމަކޮށް އެހީތެރިވެދިނުމާއި ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމުގައި ފިރިހެންވަންތަ ދެތިން މުދައްރިއްސަކާއި ދަރިވަރުންތަކެއް މުރާލިވެލައިގެން އުޅުނެވެ.

މަތީފަންގިފިލާ މުޅިން ތަފާތެވެ. އެއްވެސް މީހަކު ބޯއަނބުރައި ހޮޑުލެވިދާނެތީއެއް ނޫޅެއެވެ. ހީސަމާސާކުރުމާއި މަޖާކުރުމުގައި ވަގުތުތައް ގުނަމުން ދަނީއެވެ. ކުރެވުނު ތަޖުރިބާތަކާއި ފެނުނު ހިތްގައިމް މަންޒަރުތަކުގެ އިތުރުން އެމީހަކަށް ލިބުނު ފޮނި މެހެމާންދާރީއަށް ޝުކުރުކޮށް، ހިނިތުންވެ އުފާފާޅުކުރަނީއެވެ. ދިމާވި ހާދިޘާތަކާއި އެކަންތައްތަކުން ލިބުނު ފޮނިކަމުގެ ރަހައިގެ ވާހަކައިން އެހެންމީހުންނަށް ދެރަދެނީއެވެ. އަހަރެންވެސް އަނަރެންނަށް ލިބުނު އާތިފްގެ އާއިލާގެ ރަނގަޅުކަމުގެ ވާހަކަ ދައްކައިލަ ދައްކައިލާ އިނީމެވެ. އެހެން އެންމެންނަށް ދެވޭ ވަރުގަދަ ރައްދެއް ފަދައިންނެވެ. އެވަގުތު އެރަށުން ލިބުނު ބައެއް ދަތުރުމަތީގެ ހަދިޔާތައް އެއްބަޔަކު އަނެއްބަޔަކަށް ފޯރުކޮށްދީ އިންސާފުކުރަމުން ދިޔައެވެ. މައިލޯއާއި، ކޭކާއި، ބިސްކޯދުގެ އިތުރުން ތެލުލި ކައްޓަލައާއި، ތެލުލި ފޮތިކޭލުން ނަންހުސްކޮށް ބަހަމުން ގެންދިޔައެވެ. ކެއުމަށް ނިމުމެއް ގެނައި ނޮޅިވަރަންފަރުގެ ބިމަށް އުފަން، ފޮނިފޮނި ބޮޑު ކަރައަކުންނެވެ.

މާގިނައިރުތަކެއްނުވެ، ބަނޑު ދަމާލުމަށްޓަކައި ދިގަށާއި، ހުރަހަށް އެކި ދިމަދިމާގައި ވީއްލެން ފަށައިފިއެވެ. އޭރުވެސް ސާއިރައޮތީ، އެއްވެސް ކަޅުކަމެއްނެތި، ވަރަށް ސާފުކޮށެވެ. އަހަރެންވެސް އޮށޯވެލީމެވެ. ރަނގަޅަށް ހަމަނުޖެހިވެގެން އުޅޭތާ އިރުކޮޅެއްނުވެއެވެ. ބުރަކަށްޓަށް މަޑުމަޑު ތެތްފިނިކަމެއްގެ އަސަރުކުރުވިއެވެ. ބޭއިޚްތިޔާރުގައި، ރާޅެއްގެ އަސަރުތޯ ބަލައިލުމަށް ތެދުވެލިއިރު ކަމަކުދާކަށެއްނެތެވެ. އެއީ ލޮނުގެ އަސަރުނެތް ފެނުގެ ތޫފާނަކަށް ނުވިތާގައި، އެއީ ކުޑައީދު، ނޫނީ ބޮޑުޢީދެއްވެސް ނޫނެވެ. އެއީ ހަމަ ފެނުގެ ކުޅިވަރެކެވެ. އިސާހިތަކު އެއްބަޔަކު އަނެއްބަޔަކަށް ފެނުގެ ހަމަލަތަކާއި ފެނުގެ އުންޑަތައް ބަދަލުކުރަން ފަށައިފިއެވެ. އެއީ ބަޑިބުރާސްފަތި ނޫނީ ބަޑިހުކުރުދުވަހެއްވެސްނުމެ ނޫންމެއެވެ. އެއީ ދުނިޔޭގެ ބޮޑު ހަނގުރާމައެއްވެސް ނޫނެވެ. އެއީ ހަމަ ދަތުރު މަޖަލެކެވެ. ފަނިވަމުން، ފޫހިވަމުން، ގިރިވަމުންދިޔަ ކުދިންކޮޅު މޯޅިވެދިޔަނުދީ ނެގެހެއްޓުމަށްޓަކައި ފެށި ފެނުގެ ހަނގުރާމައެކެވެ. ފަންގިފިލާމަތީގައި ދުވެ، ފުމެ، ފެނުން ރެކެން އުޅުނު އިރު، ކަނޑުމަތިކަންވެސް ގިނަ ބަޔަކު ހަނދާނެއްނެތެވެ. އަހަރެންނަކީ ކަރުދާސްކޮޅަކަށް ނުވިނަމަވެސް ތެމެން ބޭނުން ނުވާތީވެ އެމީހުން ޖަހަމުންދިޔަ ސަކަރާތަށް ހެމުން، ހެމުން ސިޑިން ތިރިއަށް ފޭބީމެވެ.

އޭރުވެސް މަތީގައި އަޑުމަޑުވެފައި، އަލުން ބަލުން އަޑުގަދަވެލަ، ގަދަވެލާ ހުއްޓެވެ. ބައެއް ފަހަރަށް ސީލިންގު ބޯމައްޗަށް ވެއްޓިދާނެކަމުގެ ބިރުވެސް ހީވެއެވެ. އެކަމަކުވެސް ޖަހަމުންދިޔަ ސަކަރާތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މަތީގައި ވަރުގަދަ އެތިފަހަރުތައް އެއްބަޔަކު، އަނެއްބަޔަކަށް ދެމުން ގެންދިޔައިރު، ހަމަ މައުލޫދު ކިޔަވާ، ޝާއްބަ އަންހެންކުދިންތައް އަޑުން އަޑުނަގައި ކިޔަވަނީއެވެ. އެކަމަށްވެސް ދެވޭނެ ފަރުވާއެއް އޮތެއްކަމަކު އެފަރުވާވެސް ވެގެން ދަނީ ފެނަށެވެ. އެމީހުން ރަނގަޅުވާނެކަމަށް ޤަބޫލުކުރެވެނީ އިހަވަންދޫގެ ބިމުގައި ދެފައިޖެހޭ ސާއަތުންނެވެ. އެނޫންގޮތެއް ހަމަ ނެތީއެވެ. މަތީގައި ހިނގަމުންދިޔަ ކޯޅުންގަނޑުގެ އަޑު މަޑުވުމުން އަހަރެން ފެރީގެ ދިނރުބާކޮޅަށް ނުކުތީމެވެ. އިހަވަންދޫގެ ގަސްކަރަ ވަރަށް ހާމައަށް ފެންނާންއޮތެވެ. ރަށުގައި އެކި ފުރާގެ އެކިމީހުން މަސްވެރިކަމާއި އެހެނިހެން މަސައްކަތުގައި އަވަދިނެތި އުޅެމުންދެއެވެ. އެއިރު ދިނރުބާކޮޅުގައި ހަސަން ޒާހިރު މުދައްރިސް ދެއަތް އުރައިލައިގެން ހުއްޓެވެ. ހީވަނީ ޖެހެމުންއައި ތެތްފިނި ވަގައި މަސްތުވެފައި ހުރިހެންނެވެ. ކުއްލިއަކަށް ފެނުގެ ޞާއެއް އަހަރެންނާއި މުދައްރިސް ތެންމާލިއެވެ. ދެން އިވުނީ މަތީގައި ކޯޅެމުންދިޔަ، ކޯޅުންގަނޑު ފަތުއަޑު ކިޔައިފައި ރޯވި އަޑެވެ. އިރުކޮޅެއްނުވެ އެސަކަރާތްގަނޑަށް ފުރިހަމަ އިންޤިލާބެއް ގެނައީ ފެރީގެ ވެރިފަރާތް އަދި ބޮޑުމާލިމީ އިބްރާހިމްބެއެވެ. އެއިރު އިހަވަންދޫގެ ބަނދަރަށް ފެރީ ވަދުމުގެ ހުރިހާ ތައްޔާރީތަކެއް ވަމުން ދަނީއެވެ.

ސާއަތުން ބަރާބަރު 6:30 ވީއިރު އަމިއްލަ ރަށުގެ ނެރުން ފެރީގެ ދެބައިކުޅަ އެއްބައި ވަދެގެން ދަނީއެވެ. ފެރީގޮސް ބަނދަރުކޮށް މީސްކޮޅާއި މުދާތައް ބާލަން ފެށިއިރުވެސް އަހަރެންގެ ގައިން ލޮނުފެން ނުހިކެއެވެ. ދަބަސް ކޮނޑުގައި އަޅުވަމުން ފެރީއިން ނުކުމެވުނުއިރު ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އިހަވަންދޫ ސުކޫލުގެ ޕްރިންސިޕަލް ކާޝިފް ރަޒާ ޒަޢިދީ، ދަތުރުވެރިންނަށް މަރުޙަބާ ދަންނަވަމުންދާ މަންޒަރެވެ. ލިބުނު ހަދިޔާތައް ދޫކޮށް އަތް ދިއްކޮށްލައިގެން ހުރެ، ގޮސް ޕުރިންސިޕަލްއާއި ސަލާންކޮށްލީމެވެ. އެއިރު އަހަރެން ބަލައި "ޓެކްސީ" އައިސްފައި އޮތެވެ. އަހަރެންގެ ދަބަހާއި، ޕެނަމާ އާއިލާއިން ދިން ބޮޑު ދޮންކެޔޮގަނޑާއި، ހަދިޔާ ފޮށިގަނޑުތައް ޓެކްސީއަށް ލުމަށްފަހު، އިރުކޮޅަކުން ގެއަށް ދެވޭނެކަމަށް ބުނުމަށް، އަހަރެންގެ ބޮޑުދައިތަ ދަރި ހައްސާނު ގާތުބުނެ، އެތަކެތި އޭނާއާއި ހަވާލުކުރީމެވެ.

ދުނިޔެމަތި ދިޔައީ އަނދިރިވަމުންނެވެ. މަޣްރިބު ވަގުތުވަނީ ވަދެފައެވެ. ނޮޅިވަރަންފަރުން ގެނައި ހަނދާނީ ލާމިގަސް އިންދުމަށްޓަކައި އޭގެ އޮފިކޮޅުތައް އަތުއަޅުވައިލައިގެން، އަހަރެންނާއި، ކުލާސް ކުއްޖެއްކަމަށްވާ މުޙައްމަދު އަޙުމީމްއާއެކު ދިޔައީ ސީދާ ސުކޫލަށެވެ. ސުކޫލަށް ވަދެވުމުން އެއްވެސް ވަގުތެއް ނަގައި ނުލައި އަވަހަށް އަހަރެންނާއި އަޙުމީމްވެގެން ވަޅުގަނޑެއް ކޮންނަން ފެށީ، ފަތުޙުﷲ މުދައްރިސްގެ އިރުޝާދާއެކުގައެވެ. އިރުކޮޅެއްނުވެ އަހަރެންގެ ކުލާހުގެ ހަތަރު ދަރިވަރަކު އެތަނަށް ޙާޒިރުވެ އެމަސަކަތުގައި އަމަލީގޮތުން ބައިވެރިވިއެވެ. ބިސްމިނުގެ ބަރަކާތުން ގަސް އިންދައި، ނޮޅިވަރަންފަރުގެ ހަނދާން ފޮހެނުލެވި އެގަސް ބޮޑުވުމަށް ދުޢާކުރެވުނުއިރު ގަޑިން 6:50 ވީއެވެ. އަސުރުނަމާދާއި މަޣްރިބް ނަމާދުގެ މަތިން ހަނދާންވުމުން އަވަސްވީގޮތުގައި ގެޔާ ދިމާއަށް ހުރިހާ ކުދިންތައް ހިނގައިގަތެވެ. ގޭގެ ދޮރުން އެތެރެއަށް ފިޔަވަޅު އެޅިއިރުވެސް ނޮޅިވަރަންފަރު ގިމަންގެ ހަނދާންތައް ހިތުގައި އާވެ، އާލާވެ ބިންވަޅު ނަގަމުން ދިޔައެވެ.

(ނިމުނީ)

ދަތުރުނާމާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ