ހިޔާލު: ނޭނގެނީއެއް ނޫނެވެ — Ihavandhoo.com

ހިޔާލު: ނޭނގެނީއެއް ނޫނެވެ

5 ޖުލައި 2015 13

 

ޣައިރު މުސްލިމު ރައްޓެއްސެއް ގާތު ވަރަށް ޕާސަނަލް ވާހަކައެއް އަހާލުމުގެ ހުއްދައަކަށް އެދުނީމެވެ. ސުވާލުގެ ކުރިން އަހަރެން ދެއްކީ އިސްލާމް ދީނުގެ ވާހަކަ އެވެ. އަހަރެން ދެއްކި ހުރިހާ ވާހަކަތަކެއް އޭނާ ޤަބޫލު ކުރާކަމަށް ބުންޏެވެ. ހެއްދެވި ފަރާތަކީ އެއްކައުވަންތަ ފަރާތެއް ކަމަށް ޤަބޫލު ކުރާކަމަށް ބުންޏެވެ. ސުވަރުގެއާއި ނަރަކަ ވާކަމަށް ޤަބޫލު ކުރާކަމަށް ބުންޏެވެ. މަރުވުމަށްފަހު ދިރުން ވާކަމާއި ސުވަރުގެއާއި ނަރަކަ ލިބުން ވަނީ ދުނިޔެމަތީގައި އެމީހެއް ކުޅަ އަމަލު ތަކުގެ ސަބަބު ކަން ޤަބޫލު ކުރާ ކަމަށްވެސް ބުންޏެވެ. ދެން އޮތީ އަހަރެންގެ ސުވާލެވެ. ތިހުރިހާ ކަމެއް އެނގޭއިރު، މާތް ﷲ އަށް އަޅުކަން ނުކޮށް އެހެން ފަރާތަކަށް އަޅުކަން ތިކުރަނީ ކީއްވެގެން ތޯއެވެ؟... އޭނާ ޖަވާބެއް ނުދެއެވެ. ޖަވާބު ނިންމާލީ ހިނިތުންވުމަކުންނެވެ. އަހަރެންގެ ހިތައް އެރިއެވެ. މިމީހުންނަށް ހަމަ ނޭނގެނީއެއް ނޫނެވެ.

ދައްކަން މިއުޅެނީ ޣައިރު މުސްލިމުންގެ ވާހަކައެއް ނޫނެވެ. އަހަރެމެންގެ ވާހަކަ އެވެ. އަހަރެމެންނަށް ހުރިހާ ކަމެއް އެނގިހުރެ، އަހަރެމެން ޢަމަލު ކުރަމުންދާ ގޮތްތަކެއްގެ ވާހަކަ އެވެ. ޑެންގީ ހުން ފެތުރެން ފެށުމާއި އެކު މުޅި ރާއްޖެ މިވަނީ "ކުއްލި ހާލަތަކަށް" އައިސްފައެވެ. އަހަރެމެންވެސް މިތިބީ ކުއްލި ހާލަތުގައެވެ. ޑެންގޫއާ ދެކޮޅަށް މަސައްކަތް ކުރުމަށް އަހަރެމެން ޓާސްކްފޯހެއް އެކުލަވައިލީމެވެ. އެކަކު ގައިން އަނެކަކުގެ ގަޔަށް ޑެންގޫ ހުން ޖައްސާ ވައިރަސް ފަތުރަނީ ކުޑަކުޑަ ސޫތްފަކުން ކަން އެނގި ހުރެއެވެ. އިހަވަންދޫގައި މިފަދަ ސޫފި އާލާ ވަނީ ނުވަތަ ބަޔަކު ގަސްދުގައި އާލާކުރަނީ ކޮންތަންތާކު ކަމާއި ސޫފި އުފައްދާ ކާރުހާނާތައް ހުރީ ރަށުގެ ކޮންހިސާބެއްގައި ކަމާއި، ހުރީ އެފަދަ ކިތައް ތަން ކަންވެސް އޮޅިފައެއް ނެތެވެ. ސޫފިތައް އުފެދޭ ގޮތަށް އެންމެ ގިނައިން ފެންހަރުލާފައި ހުރީ ކޮންތަކެއްޗެއްގައި ކަމާއި، އެއީ ކޮންބަޔަކު ކުރާ ކަމެއްކަމާއި، އެތަކެތިން ދުވާލެއްގެ މައްޗަށް އެވުރެޖުކޮށް އުފައްދާނީ ކިހާ ސޫތްފެއްކަންވެސް އަހަރެމެންނަށް އެނގެއެވެ. އެކަމަކު، އަހަރެމެން އަހަރެމެންގެ މަސައްކަތް ކުރީ ކިހިނެއް ހެއްޔެވެ؟

އަހަރެމެންގެ ސުވާލުތައް ކުރިމަތިކުރުވީ އެހެން ބަޔަކާއި އެވެ. އަހަރެމެން މަދިރި ބިސް ހޯދަން ދިޔައީ އާންމު ރައްޔިތުންގެ ގެތަކަށެވެ. އަހަރެމެން މަދިރި ފަނި ހޯދުމަށް މަސައްކަތް ކުރީ ގޭތަކުގައި ވާރޭފެން ރައްކާކޮށްފައިވާ ހަންތަކުންނެވެ. ކިތަންމެ ވަރަށް ހޯދިޔަސް ބަންދުކޮށްފައިވާ އެ ހަންތަކުން މަދިރި ފަނި ނުފެންނާނެކަން އަހަރެމެންނަށް ނެނގެނީއެއް ނޫނެވެ. މަދިރި ޕިއުޕާއެއް ފެނޭތޯ ގެތަކުގައި ބަންޑުންޖަހާފައި ހުރި ތެލި ތަށި އުފުއްލައިގެން އަހަރެމެން ހޯދީ ރަށުގައި މަދިރި އުފައްދާ ތަންތަނަކީ ކޮބައިގެން ނޭނގޭތީއެއް ނޫނެވެ. އަހަރެމެން ކުރި މަސައްކަތް ބަލަން ރައްޔިތުން ތިއްބެވެ. އެއްބަޔަކު ބުނަނީ ހާދަހާވާ ރަނގަޅެވެ. އަނެއްބަޔަކު ބުނަނީ މިއޮއް ކުރާ ބޭކާރު މަސައްކަތެކެވެ.

އަހަރެމެން މިތިބީ "ކުއްލި ހާލަތުގައެވެ" އަހަރެމެންގެ އޮފީސްތައް ބަންދު ކުރުމެއް ނެތެވެ. އޮފީސްތައް ބަންދުކުރަންވީ ސަބަބެއް ނެތެވެ. ސޫފިތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އަވަދިނެތި މިކުރާ މަސައްކަތައް އަހަރެމެންނަށް ވެރިން ފައިސާ ދެއެވެ. އަހަރެމެންނަށް ހަޤީގަތުގައި ކުރަން ޖެހެނީ ކުޑަ މަސައްކަތެކެވެ. ރަށުގައި އުފެދޭ ސޫފިތައް ނައްތާލުމަށްޓަކައި ނައްތާލަންޖެހޭ 99.99 އިންސައްތަ ތަންތަން އަހަރެމެންނަށް އެނގެއެވެ. އެކަމަކު އަހަރެމެން އެތަންތަނަށް ގޮސް އެތަންތަން ނައްތާލާކަށް މަސައްކަތެއް ނުކުރަމެވެ. އަހަރެމެން ނައްތާލަން ހިޔާރު ކުރީ 0.01 އިންސައްތަ ތަނެވެ. "މާ އަވަހަށް" މަސައްކަތް ނިމުމުން ލިބޭނެ މާލީ ފައިދާ ތަކެއްވެސް ނެތިގެން ދާނޭތީ ކަމަށް ހީނުކުރާށެވެ. އަހަރެމެންގެ ނިޔަތް އެހާ ގޯހެއް ނޫނެވެ.

ސޫފިތައް ނައްތާލުމަށްޓަކައި އަހަރެމެން ވަރަށް މަސައްކަތް ކުރީމެވެ. ދުން ވެސް ޖެހީމެވެ. ދުންޖެހުމަކީ ހައްލެއް ނޫންކަމާއި ދުންޖެހުމުން ދުރުމުސްތަޤުބަލުގައި ސިއްހީ ބޮޑެތި މައްސަލަތައް ޖެހޭނެ ކަން އަހަރެމެންނަށް ނޭނގޭތީއެއް ނޫނެވެ. އެހެން ލިޔެފަ ހުރި މަޢުލޫމާތު ކަރުދާސްތައް ރައްޔިތުންނަށް ބެހީވެސް އަހަރެމެންނެވެ. ދުންޖެހުމުގެ ކުރިން އަހަރެމެން އެކަން ރައްޔިތުންނަށް އަންގާވެސް ނުލަމެވެ. އަންގާފި ނަމަ ގެތައް ބަންދުކޮށް ތިބެފާނެ އެވެ. އޭރުން އަހަރެމެން ދުންޖެހި ގޮތެއް ނުފެންނާނެއް ނޫންހެއްޔެވެ. ދުންޖަހާކަށް، ހެލްތު ޕޮރޮޓެކްޝަން އެޖެންސީގެ ވެކްޓަރ ކޮންޓްރޯލް ޑިޕާރޓުމެންޓުން އަހަރެމެން ހުއްދައެއް ނުހޯދަމެވެ. ޑަކުޓަރުން ދެއްވާ އެންޓި ބައޮޓިކް، އަހަރެމެން ބޭނުންހާ ގޮތަކަށް ބޭނުން ނުކުރެވޭނެކަން އަހަރެމެންނަށް ނޭނގެނީއެއް ނޫނެވެ. 2 އިރު ކާން ދީފަ ހުންނަ އެންޓި ބައޮޓިކް 1 އިރު ކެއުމުން ހަށިގަނޑުގައި ހުންނަ ޖަރާސީމުތައް އެ އެންޓިބައޯޓިކަށް ހޭނޭނެކަން އަހަރެމެންނަށް ނޭނގެނީއެއް ނޫނެވެ. ސޫފި ނައްތާލަން ދުން ޖަހާނަމަ ދުންޖަހަން ޖެހޭ މިންވަރާ ދުން ޖެހުމަށް ތައްޔާރު ވާނޭގޮތްވެސް އަހަރެމެންނަށް ނޭނެގެނީއެއް ނޫނެވެ. އެކަންކަމާ ވިސްނާނޭ ވަގުތެއް އަހަރެމެންނަކަށް ނުވިއެވެ. އަހަރެމެންނަށް މުހިއްމުވީ ދުންޖެހުމެވެ. އެކަން ގިނަ ބަޔަކަށް ފެނުމެވެ. އަހަރެމެން "ކުއްލި ހާލަތުގައި" ތިބި މިންވަރު ފެންނާނީ އޭރުން ނެއް ނޫން ހެއްޔެވެ.

ޣައިރު މުސްލިމު މީހާ އަހަރެން ކުރި ސުވާލަށް ޖަވާބު ނުދިނީ ކީއްވެ ހެއްޔެވެ؟ އޭނާއަށްވެސް ހުރިހާ އެއްޗެއް އެނގެއެވެ. އަހަރެންގެ ހިތައް އެރިއެވެ. އޭނާ މާތް ﷲ އަށް އީމާންވެ. އިސްލާމްދީން ޤަބޫލު ނުކުރަން އެހުންނަނީ ހެޔޮ ނުބައި ނޭނގޭތީއެއް ނޫނެވެ. ހަމަ ޖާހިލު ކަމުންނެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ނޭނގެނީއެއް ނޫން․ ޖާހިލުކަން ބޮޑީ․ ހަބޭސް ލިޔުމެއް․

– 5 ޖުލައި 2015 0

ސުބުހާނަﷲ

– 5 ޖުލައި 2015 0

ސޭކުސްތާނުގައި ތިކަހަލަ ކަންތައްތައްވެސް ވާނެ އެވެ

– 5 ޖުލައި 2015 0

ވަރަށް ރަނގަޅު ވާހަކައެއް․ ކައުންސިލަރު ރަމީޒުވެސް ބުނަނީ ކައުންސިލް އިދާރާ ވަނީ ބައެއްގެ އަމިއްލަ ކުންފުންޏަކަށް ހަދާފައޭ․

– 6 ޖުލައި 2015 1

ތަންކޮޅެއް ތިލަކޮށްލަ ދީބަލަ

– 6 ޖުލައި 2015 1

ތިއީ ފަހުޒަމާނުގެ އަލާމަތްތަކުގެ ތެރެއިން ކަމެކެވެ․ ރައްޔިތުންގެ ހާދިމުން ގަސްދުގާ ރައްޔިތުން މަރަނީއެވެ․

– 6 ޖުލައި 2015 0

ސަތޭކާގެ ލިޔުމެއް․ އެކަމަކު ހަގީގަތަކީ ކިތަންމެ ވަރަކަށް ލިޔުނަސް 'އަހަރެމެން' ކަހާތަން ހިރުވާވެސް ނުލާނެކަން․

– 6 ޖުލައި 2015 0

ޢިލްމު ވެރިކަން ނެތި ދިޔުމާއި ޖާހިލުކަން ފާޅުވުން․ އެއީ ޤިޔާމަތް ކައިރި ވެއްޖެ ކަމުގެ ކުދި އަލާމަތް ތަކުގެ ތެރެއިން ކަމެކެވެ․

– 6 ޖުލައި 2015 0

އަޅެ ތިރަށުގަ ވެރިންނަށް ތިބެނީ ހުސް މީދާކޭ އުނބުންތަ؟ ނޫނީ ތިރަށުގަ އޮންނަނީ އަމިއްލަ ވެރިކަމެއްތަ؟ ޕީޕީއެމްގެ ސަރުކާރަށްވެސް ހުތުރެއްނު؟

– 6 ޖުލައި 2015 0

ކޮންބައެއްތަ ތިބުނާ ސާސްފޯހެއްގަ ތިބީ․ 9 އަހަރުން ދަށުގެ ކުޑަކުދިން ތަކެއް ހެދި ފޯހެއްތަ އެއީ؟

– 6 ޖުލައި 2015 0

ޢިލްމެއް ނެތް ބަޔަކާ ތަންތަނުގެ ވެރިކަން ހަވާލު ކުރީމަ ތިކަހަލަ އެތައް ކަމެއް ވާނެ․ ބުނާތީ އަޑު އިވޭ މިހާރު ރަށް ހިންގަނީ މޫސަބޭއާ އޭނާގެ އަސުރުމާ ޓީމޭ․

– 7 ޖުލައި 2015 0

މާތްﷲ އާ އެންމެ ދުރު ހިތްތަކުގެ ވެރިންނަކީ ހިތްހަރުވެފައިވާ މީހުންނެވެ. އެމީހުންގެ ސިފަ ޙައްޖު ސޫރަތުގެ 53 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވަނީ "އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުން" މި ގޮތަށެވެ.

– 7 ޖުލައި 2015 0

ހިތްތައް ގައު ވެފައިވާ ބަޔަކަށް ރައްޔިތުން ކުރާ އާދޭހުގެ އަޑެއް ނީވޭނެ އެވެ․

– 8 ޖުލައި 2015 0