ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ފައިނަލުގައި ޕޮލިހާއި ޕޯލްސްޓަރ ގަދަ ހިފުމަކަށް — Ihavandhoo.com

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ފައިނަލުގައި ޕޮލިހާއި ޕޯލްސްޓަރ ގަދަ ހިފުމަކަށް

18 ނޮވެމްބަރު 2015 0

ޕޯލްސްޓަރގެ ވޮލީ ޓީމް..

ރައީސުލްޖުމްހުރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޤައުމީ އަންހެން ވޮލީ ބޯޅަ މުބާރާތުގެ ތިންވަނަ ސެމީގައި ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކުލަބު ތިންސެޓް އެއްސެޓުން ބަލިކޮށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ އިހަވަންދޫ ކުލަބު ޕޯލްސްޓަރ އިން ހޯދައިފިއެވެ.

އިއްޔެ ހަވީރު ޒުވާޏުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް 25-8 ން ކާމިޔާބުކުރީ ޕޯލްސްޓަރއެވެ. ނަމަވެސް ދެވަނަ ސެޓު ފަސޭހަކަމާއެކު 11-25 ން ކާމިޔާބުކުރީ ދިއްދޫ ޓީމެވެ. ދެންކުޅުނު ދެސެޓް ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބުކުރީ ޕޯލްސްޓަރއެވެ. އެޓީމު ސެޓުތައް ކާމިޔާބުކުރީ 26-24 އަދި 25-20 އިންނެވެ. މިޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޕޯލްސްޓަރ ޓީމުގައި މޮޅު ކުޅުމެއް ދަކަމުންއަންނަ އެޓީމުގެ ތައިލެންޑު ކުޅުންތެރިޔާ ބުއަލީ ޖަރޮންސްރީ އަށެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ޕޯލްސްޓަރ، ޕޮލިސް ޓީމާ ދެކޮޅަށް މިރޭ ނިކުންނައިރު މުބާރާތުގައި މިދެޓީމުވަނީ ދެފަހަރެއްގެމަތިން ބައްދަލުކޮށްފައެވެ. އެއީ ގްރޫޕް ސްޓޭޖްގައި އަދި މުބާރާތުގެ ފުރަތަމަ ސެމީގައި މިދެޓީމު ބައްދަލުކުރި މެޗެވެ. ގްރޫޕު ސްޓޭޖުގައި ބައްދަލުކުރި މެޗު 3-2 ސެޓުން ޕޯލްސްޓަރ ކާމިޔާބުކުރިއިރު ފުރަތަމަ ސެމީގައި މިދެޓީމު ބައްދަލުކުރި މެޗު ޕޮލިސް ގެންދިޔައީ 3-1 ސެޓުންނެވެ. އެހެންކަމުން މިރޭގެ މެޗުގައި މިދެޓީމު ގަދަހިފުމަކަށް ނިކުންނައިރު ޕޯލްސްޓަރއިންވަނީ އެޓީމަށް ސަޕޯޓު ކުރުމަށް ވީހާވެސްގިނަ ފަރާތްތަކުން މިރޭ 8:50 ގައި ޒުވާނުންގެ މަރުކަޒު އެތެރޭ ހޯލަށް އައުމަށް އެދިފައެވެ.

 
ކުލަބު ޕޯލްސްޓަރގެ ސަޕޯޓަރުން.

އަދި މުބާރާތުގައި ޕޯލްސްޓަރ ކުޅުނު މެޗުތަކުގައި ސަޕޯޓަރުންގެ ފަރާތުން ޓީމަށް ލިބުނު ސަޕޯޓަށާއި ހިތްވަރަށް ޕޯލްސްޓަރއިންވަނީ ޝުކުރުއަދާކޮށްފައެވެ. އަދި ޕޯލްސްޓަރ ޓީމު ކުޅޭ މެޗުތައް ބައްލަވައިލެއްވުމަށް އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ ވަޑައިގަންނަވާކަމީ ޓީމަށް ލިބޭ ވަރަށްބޮޑު ހިތްވަރެއްކަން ފާހަގަކޮށް ކުލަބު ޕޯލްސްޓަރއިން މި ދާއިރާގެ މެމްބަރުގެ ނަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.

ޕޯލްސްޓަރއަކީ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެވަނަ އިހަވަންދޫ ޓީމެވެ. އިމަގު ޖަމިއްޔާ ވަނީ 2012 ވަނަ އަހަރު އިހަވަންދޫގައިއޮތް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅެ މުބާރާތުގެ 2 ވަނަ ހޯދާފައެވެ. އެމުބާރާތުގެ 3 ވަނަ ޓީމަކީ ޕޯލްސްޓަރ އެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ޕީއެސްއެމްގެ ޓީވީއެމް އިން ވަގުތުން ދުރަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި މިމެޗު އިހަވަންދޫގައި ތިބެގެން ލައިވްކޮށް ބެލުމުގެ އިންތިޒާމު އިހަވަންދޫ ހުރަވީ ދަނޑުގައި ހަމަޖެހިފައިވާކަށް ޕޯލްސްޓަރ އިން މައުލޫމާތު ދެއެވެ.


މިރޭގެ މެޗަށް ޕޯލްސްޓަރގެ ސަޕޯޓަރުން ތައްޔާރުވަނީ...
ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ