ބަރަބޯ

11 ފެބުރުއަރީ 2014 1

ބަރަބޮލަކީ ރާއްޖޭގައި ފަސޭހައިން ހެދޭ ތަރުކާރީއެކެވެ. ބަރަބޯ ހިމެނޭނީ ކިއުކަމްބާ ޢާއިލާއަށް ނިސްބަތްވާ އެއްޗެއްގެ ގޮތުގައެވެ.  ބަރަބޮލަށް އިނގިރޭސި ބަހުން ކިޔަނީ ޕަންޕްކިން އެވެ. މިއީ ތަރުކާރީގެ ބާވަތެކެވެ. ބަރަބޮލަކީ ތަފާތު ސިފަތަކަށް ހުންނަ އެއްޗެކެވެ. މިތަރުކާރީއަކީ ސައިޒާއި ކުލަ ތަފާތުކޮށް ހުންނަ އެއްޗެކެވެ. ދިގުކޮށް ވަށްކޮށްވެސް ހުރެއެވެ. އަދި ފަތާކޮށް ވަށްކޮށްވެސް ހުރެއެވެ. މިއީ ވެލެއްގައި އަޅާ އެއިން ހަށިގަނޑަށް ފައިދާކުރަނިވި ތަރުކާރީއެކެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުންނަމަ، ބަރަބޮލުގެ ކޮންމެ 100 ގްރާމަކުން 25 ކިލޯ ކެލެރީ ހަކަތަ އިންސާނާއަށް ލިއްބައިދެއެވެ. ކޮންމެ 100 ގްރާމެއްގެ ބަރަބޮލުން ހަށިގަނޑަށް ލިއްބައިދޭ ކާބޯހައިޑްރޭޓްގެ މިންވަރު 4.6 ގްރާމަށް އަރާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އިންސާނާގެ ހަށިގަނޑަށް 1.4 ގްރާމްގެ ޕްރޮޓީންގެ މިންވަރު ކޮންމެ 100 ގްރާމެއްގެ ބަރަބޮލުން ލިއްބައިދެއެވެ.

ކޮންމެ 100 ގަރާމެއްގެ ބަރަބޮލުން ވިޓަމިން-އޭ ( ކެރޮޓީން) ލިއްބާދޭ މިންވަރު 50 މައިކުރޯގްރާމަށް އަރާކަމަށާއި 2 މިލިގްރާމްގެ ވިޓމަންސީ ހަށިގަނޑަށް ލިބޭކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި 100 ގްރާމް ބަރަބޯ ކެއުމަށް ބޭނުންކުރުމުން 10 މިލިގްރާމްގެ ކެލިސިއުމް ހަށިގަނޑަށް ލިއްބާދެއެވެ. އަދި ދަގަނޑުގެ މިންވަރު 0.44 މިލިގްރާމަށް ހަށިގަނޑަށް ލިބޭނެކަމަށްވެސް ވިދާޅުވެއެވެ. ކޮންމެ 100 ގްރާމް ބަރަބޮލުން ފޮސްފަރަސްލިބޭމިންވަރު 30 މިލިގްރާމަށް އަދި ފައިބަރު ލިބޭމިންވަރު 0.7 ގްރާމަށް އަރާކަމުގައި ސިއްހީދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. ކޮންމެ 100 ގްރާމް ބަރަބޮލުގައި 0.06 މިލިގްރާމްގެ މިންވަރަށް ތިއެމިން ހަށިގަނޑަށް ލިއްބައިދޭއިރު، ރައިބޯފްލެވިން 0.04 މިލިގްރާމްގެ މިންވަރު ހަށިގަނޑަށް ލިއްބައިދެއެވެ.

އަދި ކޮންމެ 100 ގްރާމް ބަރަބޮލަކުން ނިއެސިން 0.5 މިލިގްރާމަށް ލިއްބައިދޭކަމަށާއި އިސްވެދެންނެވި މައުދަންތަކުގެ އިތުރަށް 100 ގްރާމްގެ ބަރަބޮލަކުން އެހެނިހެން މަޢުދަންތަށް ލިއްބައިދޭ މިންވަރަކީ 0.6 ގަރާމެވެ.

ބަރަބޮލަކީ ކެލޮރީސް ވަރަށްމަދުން ހިމެނޭ އެއްޗެއްކަމުން ހިކުމަށާއި ބަރުދަން ލުއިކުރުމަށް ބޭނުންވާ މީހުން ބޭނުން ކުރުމަށް ބަރަބޮލަކީ ވަރަށް އެކަށޭނަ އެއްޗެކެވެ.

ބަރަބޮލުގެ އޮރެންޖް ކުލައިގެ ތޮށީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ބޭކާރުތަކެތި ބޭރުކޮށްލުމަށް އެހީތެރިވެދެއެވެ. އެހެނީ ބަރަބޮލުގެ އޮރެންޖް ކުލައިގެ ތޮއްޓަކީ ބީޓާ-ކެރޮޓިން އެކުލެވޭ އެއްޗެކެވެ. މިދެންނެވި ވިޓަމިނަކީ އިސްވެދެންނެވުނު ކަންތަކަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓެކެވެ.

ބަރަބޮލުގެ އޮށަކީ ތަފާތު ބަލިބަލީގެ ފަރުވާ ހޯދުމަށް ބޭނުންކުރެވޭ އެއްޗެކެވެ. ބަރަބޯ އޮށުގައި ގިނަ ޢަދަދަކަށް ޕްރޮޓިން، ކޮޕަރ ، މެގްނީޒިއަމް، ޒިންކް، ދަނގަޑުގެ ބައި، ޕޮޓޭސިއަމް އާއި ބޭނުންތެރި ފެޓީ އެސިޑް ހިމެނެއެވެ.

ބަރަބޮލުގައި ވިޓަމިން ސީ،ވިޓަމިން އީ އަދި ބީޓާ ކެރޮޓީންނާއި ބައެއް އެންޓިއޮކްސިޑެންޓް ތައް އެކުލެވިގެންވެއެވެ. އިސްވެ ދެންނެވުނު މާއްދާތައް ހިމެނުމުގެ ސަބަބުން ހިތުގެ ބަލިތައް، ލޯފުސްވުން، ސްޓްރޯކް ޖެހުން އަދި ކެންސަރު ފަދަ ބަލިތަކާއި ދުރުކޮށްދެއެވެ.

އަޅަގަނޑުގެ އުންމީދަކީ އިސްވެ ބަޔާންކުރެވުނު މައުލޫމާތުގެ ސަބަބުން މިސައިޓް ކިޔާ ފަރާތްތަކަށް އިތުރު މައުލޫމާތު ތަކެއް ލިބުމެވެ.

މޭވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މި ދެން ކޮން ބަރަބޮލެއްތަ... މި ސައިޓު ހާދަ އަޕްޑޭޓް ނުވެޔޭދޯ...

– 12 ފެބުރުއަރީ 2014 0