ޤުރްއާނުން ހިތްވަރު ލިބުނު ޒުވާނާ — Ihavandhoo.com

ޤުރްއާނުން ހިތްވަރު ލިބުނު ޒުވާނާ

28 މާރިޗު 2014 3

އަހަރެންނަކީ ފާފައިގެ ތެރޭގައި ބޮޑުވަމުން އައި ޒުވާނެކެވެ. ވިޔާނުދާ އެކުވެރިންނާއެކު އަހަރެންގެ މުޅިހަޔާތްވަނީ ފުން ވަޅުގަނޑުކަށް ވެއްޓިފައެވެ. ހުރި ހަމައެކަނި ދަރިފުޅު ގޯސް މަގަކުން ހިނގަން ފެށުމުން އަހަރެންގެ މައިންބަފައިން ދިން ހެޔޮ ނަސޭހަތް ޤަބޫލު ނުކުރުމުގެ ހިތި ރަހަ އަހަރެންގެ އަރު ތެރޭގައިލީއިރު އަހަރެންނަށްޓަކައި ޤުރުބާންވި މައިންބަފައިންވަނީ މި ފަނާކުރަނިވި ދުނިޔެ ދޫކޮށް އަހަރެންނާ މާދުރަށް ގޮހެވެ.

އަހަރެން މިހާރު ބޭނުންވަނީ އިސްލާޙު ވާށެވެ. އެކަމަކު އަހަރެންގެ ފާފަތައް ވަރަށް ގިނައެވެ. އެފާފަތަކަށް މަޢާފް ލިބޭނެ ހެއްޔެވެ؟ މާތްﷲ ކީރިތި ޤުރުއާނުގެ އާލި ޢިމްރާން ސޫރަތުގެ 135 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. "ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟" އަދި ކީރިތި ޤުރުއާނުގައި ބުރޫޖް ސޫރަތުގެ 14 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ."

އަހަރެން މިހާރު ބޭނުންވަނީ އިސްލާޙްވާށެވެ. އެކަމަކު އެންމެން އަހަރެން ދޫކޮށްލާފައި ހިނގައްޖެއެވެ. މިހާރު އަހަރެން މީ އެކަނި މީހެކެވެ. އަހަރެންނަށް މިކަމުގައި އެހީތެރިވެދޭނީ ކާކު ހެއްޔެވެ؟ މާތްﷲ ކީރިތި ޤުރުއާނުގައި ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ."

އަހަރެން މިހާރު ބޭނުންވަނީ އިސްލާޙްވާށެވެ. އެކަމަކު އަހަރެންނަށް މިކަމުގައި އިންތިހާއަށް ދަތި އުނދަގޫތައްދަނީ ދިމާވަމުންނެވެ. ހުރިހައި މަގެއްވަނީ ބަންދުވެފައެވެ. މިއުނދަގޫތައް ގިރާކުރުމަށް އަހަރެންނަށް އެހީތެރިވެދޭނީ ކާކު ހެއްޔެވެ؟ މާތްﷲ ކީރިތި ޤުރުއާނުގައި ޠަލާޤް ސޫރަތުގެ 2 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. "އަދި ﷲއަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ."

އަހަރެން މިހާރު ބޭނުންވަނީ އިސްލާޙްވާށެވެ. ހާސިލް ކުރަން ބޭނުންވާ އެތައް އުއްމީދުތަކެއް އެބަހުއްޓެވެ. ޙަޤީޤަތަކަށް ހެދުމަށް ބޭނުންވާ ހުވަފެންތަކެއް އަހަރެންގެވެސް އެބަހުއްޓެވެ. މިހުވަފެންތަކުގައި ކުލަޖެއްސުމުގައި އަހަރެންނަށް މަދަދުވެރިވެދޭނީ ކާކުހެއްޔެވެ؟ މާތްﷲ ކީރިތި ޤުރުއާނުގައި ޣާފިރު ސޫރަތުގެ 60 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ."

އަހަރެންނަށް ހިތްވަރު ލިބުނީ ކީރިތި ޤުރުއާނުގައިވާ މިފަދަ މޫރިތިވި އާޔަތްތަކުންނެވެ. ހަމަކަށަވަރުން ކީރިތި ޤުރްއާނަކީ މުއުމިނު އަޅުތަކުންނަށް އުފާވެރި ޚަބަރުތައް ގެނެސްދީފައިވާ ފޮތެކެވެ. މިއަދު އަހަރެންނަކީ ﷲގެ މަގުގައި ސާބިތުވެހުރި ޒުވާނެކެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބައިލާހުގެ މަގުގައި މިނިކަމެތި އަޅާގެ ފައިތިލަ ސާބިތުކޮށްދެއްވާނދޭވެ!"

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިއާޓިކަލް ވަރަށް ސަޅި

– 29 މާރިޗު 2014 0

އާމީން.

– 30 މާރިޗު 2014 0

އަސްލު އަހަރެމެންނަށް ޤުރްއާނުގައިވާ އާޔަތްކަުގެ މާނަ އިނގޭނަމަ ވަރަށް ރަނގަޅުވީސް.. އެހެންވީމަ މާނަ ދަސްކުރުމަކީ މުހިއްމު ކަމެއް.. ޢަރަބި ތަޢުލީމް މުހިއްމުވަނީ މިހެންވެ... ކުށް މަދުކުރަން ފުލުހުން ޕޯސްޓަރ ތަތްކުރިއަސް ނުވާނެ.. އަޤީދާ ވަރުގަދަ ކުރަންވީ..

– 30 މާރިޗު 2014 0