ރާއްޖެއިން ބައެއް މީހުން އޫރު ރޯގާ އަށް ޕޮޒިޓިވްވެއްޖެ!

13 މާރިޗު 2017 0

ރާއްޖެއިން ބައެއް މީހުން އޫރު ރޯގާއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން އެކަން ހާމަކޮށްފައިވަނީ ރޭ ދަންވަރު ނެރުނު ބަޔާނެއްގައެވެ.

އެޗްޕީއޭގެ ބަޔާނުގައި ވަނީ ނޭވާލުމުގެ ނިޒާމުގައި އިންފެކްޝަން ޖެހިގެން ދިމާވާ ހާލަތުތަކަށްވުރެ އޫރު ރޯގާގެ ނުރައްކާ ބޮޑުކަން ފާހަގަ ކުރެވިފައި ނުވީނަމަވެސް، ފުއްޕާމޭގެ މައްސަލަ ފަދަ ނޭވާލާ ނިޒާމާއި ގުޅުންހުރި މައްސަލަހުންނަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުނަށް މި ރޯގާގެ އަސަރު ކޮށްފިނަމަ އެ މައްސަލައެއް އިތުރަށް ގޯސްވެގެން ހިނގައިދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

އޫރު ރޯގާ ނުވަތަ ސްވައިން ފްލޫއަކީ އަކީ ވައިރަސް އެއްގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔެކެވެ. އޫރު ރޯގާ ޖެހެނީ އިންފުލުއެންޒާ ވައިރަސް އޭ ގެ ވިރާސީ ބަހާ ބަދަލުވެގެން އުފެދިފައިވާ އާ ސްޓްރެއިން އެއް ކަމުގައިވާ " ސްވައިން އެޗްވަން އެން ވަން" ގެ ސަބަބުންނެވެ. މިއީ އޫރުތަކަށް ރޯގާ ޖައްސާ ވައިރަސް ތަކާއި، ދޫނިތަކަށް ރޯގާ ޖައްސާ ވައިރަސް ތަކާއި، އަދި އިންސާނުންނަށް މޫސުމީ އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތައް އެކަތި އަނެކައްޗާއި، މަސްހުނިވެގެން އުފެދިފައިވާ ވައިރަހެކެވެ.

2009 ވަނަ އަހަރު ކުރިމަތިވި އޫރު ރޯގާގެ ސަބަބުން 214 ގައުމަކުން 18 ހާހަށްވުރެ ގިނަމީހުން ދުނިޔެ ދޫކޮށްފައި ވެއެވެ. ބަލީގައި ގިނައިން މަރުވެފައިވަނީ އުމުރުން ހަގުކުދިންކަން ފާހަގަކުރެވެއެވެ.

އޫރު ރޯގާ ވެސް ފެތުރެނީ އާންމުކޮށްޖެހޭ އަރިދަފުސް ރޯގާއެކޭ އެއްގޮތަށެވެ. އެގޮތުން މިބަލި ފެތުރެނީ ކެއްސައި ކިނބި އަޅާ ހެދުމުގެ ތެރޭގައި އަނގަޔާއި ނޭފަތުން ބޭރުވެގެންދާ ތަކެތި، ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ވާޞިލްވުމުންނާއި، ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި އެއްޗެއްގައި އަތްލުމަށްފަހު އެއަތްނުދޮވެ، އަނގަޔަށް ނުވަތަ ނޭފަތަށްލުން، ނުވަތަ ލޮލުގައި އަތްލުން ފަދަ ކަމެއް ކުރުމުގެ ތެރޭގައެވެ.

އޫރު ރޯގާއާއި ގުޅިގެން ކުރިމަތިވާ އުދަގޫތަކަކީ އާންމުކޮށް ކުރިމަތިވާ އަރިދަފުސް ރޯގާ އާއި ވަރަށް އެއްގޮތް އުދަގޫތަކެކެވެ. އާންމުކޮށް ފެންނަ އަލާމާތްތަކުގެތެރޭގައި ގަދަޔަށް ހުންއައުން ، ނުވަތަ ހުންވައްތަރު ވުން، ހީކެރުވުން، ވަރުބަލިވުން، ކެއްސުން، ކަރުގައި ރިހުން، ބޮލުގައި ރިހުން، ގައިގައި ރިހުން، އަދި ކާހިތްނުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ފަހަރު ފެންނަ އަލާމާތްތަކުގެ ތެރޭގައި، ކިނބިހިއެޅުން، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުން، ނޭފަތް ބެދުން، ކަރުތެރެ ހަލާކުވެ ފާރުވުން،ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ބައެއް މީހުންނަށް ޚާއްޞަކޮށް ކުޑަކުދިންނަށް މޭނުބައިކޮށް، ހޮނޑުލުމާއި ބޭރަށްހިންގުން ކުރިމަތި ކުރުވައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ