ރައީސުލްޖުމުހުރިއްޔާ ހޯރަފުއްޓަށް ވަޑައިގެންފި

19 ނޮވެމްބަރު 2020 0

 ހއ.ހޯރަފުށީގައި ތަރައްޤީކުރި އެއަރޕޯޓް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދަތުރުކުރެއްވި ފުލައިޓު ހޯރަފުށީ ރަންވޭއަށް ދާދި ދެންމެ (12:55ގައި) ޖައްސާފައިވާއިރު، އެމަނިކުފާނަށް މަރުޚަބާ ދެންނެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީދާއިރާގެ މެމްބަރ، ޓުރާންސްޕޯޓު މިނިސްޓުރީގެ އިސްބޭފުޅުންނާއި  އެމްޓީސީސީގެ ސީއީއޯއާއި ކައުންސިލް މެމްބަރުން އަދި ހޯރަފުށީގެ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ޓުރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ ބައިވެރިވެވަޑައިގަންނަވާކަން ފާހަގަ ކުރެވެއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުޚަބާ ދެންނެވުމުގެގޮތުން ހޯރަފުށީގައި ބާއްވާ ހަރަކާތްތައް އޮންނާނީ އެރަށުގެ ބަނދަރު ސަރަހައްދުގައެވެ. ހޯރަފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުން ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4:00 ގައި އެއަރޕޯޓު ސަރަހައްދުގައެވެ.

198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހއ.ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކޮށްފައިވާއިރު މި އެއަރޕޯޓްގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮވެއެވެ. އަދި 8635 ސްކުއަރ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކުއަރ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކުއަރ މީޓަރުގެ ފަޔާ އެކްސެސް މަގެއްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ތަރައްޤީކޮށްފައެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ