ރަޙްމަތުގެ މަހެވެ. އިސްރާފް ނުކުރާށެވެ. — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

02 ދުވަސް

ރަޙްމަތުގެ މަހެވެ. އިސްރާފް ނުކުރާށެވެ.

28 ޖޫން 2013 0

ރަމަޟާން މަހަކީ އެމަހެއްގައި ކުރާ ހެޔޮކަންތައްތަކުގެ ދަރުމަ އާއި ޘަވާބު އެތައް ގުނައަކަށް އިތުރުކޮށްދެއްވާ މަހެކެވެ. މި ބަރަކާތްތެރި މަސް އަޅުގަނޑުމެންނާ ކުރިމަތިލާއިރު ވިސްނާލަން ޖެހޭ ވަރަށް މުހިއްމު ނުކުތާތަކެއް ވެއެވެ. މި މަހަކީ ރަޙްމަތުގެ މަސްކަމެވެ. އިސްރާފުކުރުމުގެ މަސް ނޫންކަމެވެ. ކުޅިވަރާ މަޖަލުގައި ރަމަޟާން މަހުގެ ދުވަސްތައް ބޭކާރު ކޮށްނުލައި މި މަހުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނާނީ ކިހިނަކުންކަމެވެ.

ރޯދަހިފުމަކީ ދުނިޔެވީ ގޮތުންނާއި އުޚުރަވީ ގޮތުން ގިނަގުނަ ފައިދާ ތަކެއް ލިބޭ އަޅުކަމެކެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅުގެ ބޮޑުކަމުން މި އަޅުކަމަށް ދަރުމަ އާއި ޘަވާބު ދެއްވަނީ ހިސާބެއްނެތި އެވެ. މި ބަރަކާތްތެރި މަހުގައި ކުރާ ހެޔޮޢަމަލުތަކަށް، އެހެނިހެން މަސްތަކުގައި ކުރާ ހެޔޮޢަމަލު ތަކަށްވުރެ އެތައް ގުނައެއް އިތުރަށް ޘަވާބު ދެއްވަ އެވެ.

މި ބަރަކާތްތެރި މަހާ އަޅުގަނޑުމެން ބައްދަލުކުރާއިރު އަޅުގަނޑުމެން ތައްޔާރު ވާންވީ މި މަހުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށެވެ. އަޅުގަނޑުމެންގެ ނަފްސުތައް ޠާހިރުކުރުމަށް މި ރަނުގެ ފުރުސަތު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފުމަށެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންނަށް މި ބަރަކާތްތެރި މަހާ ކުރިމަތި ލެވެނީ އެންމެ ރަނގަޅަކަށް ނޫންކަމެވެ. ރަޙްމަތުގެ މި މަހާވެސް ކުރިމަތި މިލެވެނީ މާއްދީ ވިސްނުމަކުން ކަމެވެ. ރޫހާނީ ގޮތުން މި މަހަށް އެންމެ އެކަށީގެންވާ މިންވަރަށް ތައްޔާރު ނުވެވޭ ކަމެވެ.

ރޯދަމަހަށް ތައްޔާރު ވުމުގެ ގޮތުން އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތައް ކުރަމު އެވެ. ގޭގެ ފަރުނީޗަރު ތަކާއި ހިފާގެންގުޅޭ ސާމާނު އާކުރަމުއެވެ. ގޭގެ ފާރުތަކުގައި ކުލަލައި ޒީނަތްތެރި ކުރަމު އެވެ. ނަމަވެސް މިކަމާމެދު އެންމެ ފަހަރަކުވެސް ފުންކޮށް ވިސްނާލެއްވިން ތޯ އެވެ. އަޅުގަނޑުމެން ފަރުނިޗަރު ތަކާއި ހިފާގެންގުޅޭ ސާމާނުތައް އާކުރަނީ އެތަކެތި ހަލާކުވެގެންތޯއެވެ. ގޭގެ ކުލަ ބަދަލުކުރަނީ އެކަމަށް ކޮންމެހެން ބޭނުންވެގެންތޯ އެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ އިސްރާފުގެ މަހަކަށް މިވަނީ ވެފަ އެވެ. އެހެން އެއްވެސް މަހެއްގައި އިސްރާފު ނުކުރާ ވަރަށް މި މަހުގައި އިސްރާފުކުރުން މިވަނީ އާއްމުވެފައެވެ. މި މަހަށް ތައްޔާރު ވުމުގެ ނަމުގައި ބޭނުމެއްނެތް އެތައް ޚަރަދުތަކެއް ކުރެވެ އެވެ. ގަންނަން ނުޖެހޭ އެތައް އެއްޗެއް ގަނެވެ އެވެ. ހަލާކުނުވިޔަސް އާ ފަރުނީޗަރު ގަނެ ބާ ތަކެތި އުކާލަ އެވެ. ކުލަ ނުފޭބިޔަސް ކޮންމެ ރޯދަމަހަކަށް އާ ކުލައެއް ލަ އެވެ. ރޯދަ ހިފުމައްޓަކައި ގިނަ ވަޤުތު ނުކައި ހުންނަން ޖެހުނަސް ގެއަށް ގަންނަން ޖެހޭ ކާތަކެތި ވަނީ އިތުރެވެ. މި ބަރަކާތްތެރި މަހަށް ތައްޔާރު ވުމުގެ ނަމުގައި، ނޭގި ނަމަވެސް ކުރެވޭ ވަރަށްބޮޑު އިސްރާފެކެވެ.

އިސްރާފު ކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިނުގަންނަވާނެއެވެ. މިކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަހީކުރައްވާފައިވެ އެވެ.

وَهُوَ الَّذِي أَنشَأَ جَنَّاتٍ مَّعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ ۚ كُلُوا مِن ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ ۖ وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ ﴿سورة الأنعام : ١٤١﴾

މާނައީ "އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮ ނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާ އާއި، އޮށްޓަރު ތަފާތުވެގެންވާ حال، ކަދުރު ރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ حال ގައްޔާއި، އެއްވައްތަރުވެގެން ނުވާ حال ގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަލާނގެ އެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ زكاة ދޭށެވެ! އަދި ތިޔަބައިމީހުން إسراف ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ."

އަދިވެސް ވަހީކުރައްވާފައިވެ އެވެ.

يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ ﴿٣١﴾

މާނައީ "އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."

ވީމާ މި ބަރަކާތްތެރި މަހުގެ ދަރުމަ އާއި ޘަވާބު ހޯދުމަށްޓަކައި އިސްރާފުކުރުމާ ދުރުހެލިވާންޖެހެ އެވެ. މުދަލާއި ފައިސާއިން ވެސް އިސްރާފުކުރުމާ ދުރުހެލިވާންޖެހެ އެވެ. ކެއުމުގައިވެސް މެދު މިންވަރެއް ގެންގުޅެން ޖެހެ އެވެ. ދުނިޔޭގައި އެތައް މިލިއަން ބަޔަކު، ކާނެ އެއްޗެއް ނުލިބި ބަނޑަށް ޖެހިފައިވާކަން ހަނދާންކޮށް އިސްރާފު ކުރުމުން ދުރުހެލިވަމާތޯ އެވެ. ކާނެ އެއްޗެއް ނުލިބި ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވެގެން ދާކަން ހަނދާނަށްގެނެސް ކެއުމުގައި މެދު މިންވަރެއް އިޚްތިޔާރު ކުރަމާތޯ އެވެ.

ރަމަޟާންމަހަށް ތައްޔާރުވާންވީ އިސްރާފުކުރުމަކުން ނޫނެވެ. އަޅުގަނޑުމެންގެ ޢަމަލުތައް އިސްލާޙުކޮށް، ތަޢުބާވެ، ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިހުރުމަށް އަޒުމް ކަނޑައެޅުމަކުންނެވެ. ރަމަޟާން މަހުގެ ދުވަސްތައް ހޭދަކުރަންވީ ކުޅިވަރާއި މަޖަލާއި އިސްރާފުކުރުމެއްގައެއް ނޫނެވެ. ﷲ ތަޢާލާގެ ރަޙްމަތައް އެދިގެން ހެޔޮޢަމަލް ކުރުންމަތީ ދެމިތިބެގެންނެވެ.

އަޅުގަނޑުމެން އެންމެންނަކީ މި ބަރަކާތްތެރި މަހުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބަޔަކުކަމުގައި ލައްވާށި! އާމީން!

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ