ރަމަޟާންމަސް އިހުޔާކުރުމުގެ ޤުރްއާން މުބާރާތް ފަށައިފި

9 ޖޫން 2017 0

ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތައް ދިރުވައި އާލާކުރުމުގެ މަޤުޞަދުގައި އިހަވަންދޫ ސްކޫލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާންމަސް އިހުޔާކުރުމުގެ ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ.

ޖުމްލަ 69 ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތުގެ ޝަރަފުވެރި މެހެމާނަކީ އިހަވަންދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ޢަބްދުއްޞަމަދެވެ. މުބާރާތް ޝަރަފުވެރި ކޮށްދެއްވަމުން، މިފަދަ މުބާރާތެއް ބަރަކާތްތެރި ރަމަޟާންމަހުގައި އިންތިޒާމުކޮށްދެއްވީތީ ޕްރިންސިޕަލް އަޙްމަދު ރަޝީދަށް ޝުކުރު ދެންނެވިއެވެ. އަދި ރަމަޟާންމަހުގެ ސަވާބާއި ދަރުމަ ފުރިހަމަ ގޮތުގައި ހޯއްދެވުމަށް ގަދައަޅާ މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ. މީގެއިތުރުން، ޤުރްއާން ކިޔެވުންމަތީ ދެމިހުރުމަކީ މުހިންމުކަމެއް ކަމަށާއި ކޮންމެ ދުވަހަކުވެސް މަދުވެގެން ޤުރްއާން ހަތިމުން ޞަފުހާއެއް ކިޔެވުމަށް އިލްތިމާސްކުރެއްވިއެވެ.

މުބާރާތް ފެށުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން ޕްރިންސިޕަލް އަޙްމަދު ރަޝީދާއި ޕީޓީއޭގެ ނައިބްރައީސް މުޙައްމަދު ސިރާޖުގެ އިތުރުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު އަދި އެކައުންސިލްގެ ނައިބު ރައީސް ޢަލީ ރަމީޒު ބައިވެރިވެލެއްވިއެވެ.


މުބާރާތުގެ ފަނޑިޔާރުން..

ހިފުޒުކޮށް ތަރާވީޙު ނަމާދު ކުރުމަށް ޕާކިސްތާނުން ގެނެސްފައިވާ 3 ޙާފިޡުން ފަނޑިޔާރުކަންކުރާ މި މުބާރާތުގެ ނަތީޖާ ފާޅުކުރުން މާދަމާ ހަވީރު 16:30 ގައި އިހަވަންދޫ ސްކޫލުގައި އޮންނާނެއެވެ.

މުބާރާތުގެ ކިޔެވުން މިރެއާއި މާދާމާ ހެނދުނުވެސް ކުރިއަށް ދާނެއެވެ.

އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ