ރަންނަމާރި… ޖިންސީ އެދުމުން ފޯވެފައިވާ ކަނޑުފުރޭތަ! — Ihavandhoo.com

ރަންނަމާރި… ޖިންސީ އެދުމުން ފޯވެފައިވާ ކަނޑުފުރޭތަ!

10 ޑިސެމްބަރު 2013 0

ތާރީޚީ ފަތްފުއްތަކުން ފެންނަ ގޮތުގައި ރާއްޖެ އިސްލާމް ވެފައިވަނީ މީލާދީ ސަނަދުން 1153 ވަނަ އަހަރުއެވެ. އަދި ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ، ހިޖުރީގޮތުން ރަބީޢުލް އާޚިރުމަހުގެ ދެވަނަ ދުވަހެވެ. މިއަދަކީ، އެދުވަހެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ރާއްޖެ އިސްލާމްވި ގޮތުގެ ވާހަކައަކީ، ކުޑަކުދިން ނިންދަވާއިރު ކިޔާއުޅުނު މަޝްޙޫރު ވާހަކަ އެކެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ދިވެހި ފޮތްތަކުގައި ލިޔެއުޅުނު މަޝްޙޫރު ވާހަކައެކެވެ. ތާރީޚީ ފޮތްތަކުގައި ލިޔެއުޅުނު މަޝްޙޫރު ވާހަކައެއްވެސް މެއެވެ.

މިބުނާ ރަންނަމާރީގެ ވާހަކަ ނާހާ ދިވެއްސެއް މިއުޑުދަށުގައި ހުރުމަކީ ނާދިރު ކަމެކެވެ. އަދި މިރަންނަމާރީގެ ވާހަކަ ނީވޭ ނުވަތަ ނުކިޔާ ދިވެއްސެއް މިދިވެހި ފަސްގަނޑު ދަށުގައިވެސް މަދުވާނެކަން ޔަޤީނެވެ. ނަމަވެސް އުފެދޭ ސުވާލަކީ، މިއީ ހަމަ ހަޤީޤީ ވާހަކައަކީ ހެއްޔެވެ؟

މިވާހަކާގައި، އުޅެނީ ކަނޑުން އަރާ ރަންނަމާރިއެކެވެ. އެއީ، ޖިންސީ އެދުމުން ފޯވެފައިވާ ކަނޑުފުރޭތައެކެވެ. މިބުނާ ފުރޭތަ ކަނޑުންއަރާ އިއްފަތްތެރި އަންހެން ކުއްޖާގެ އިއްފަތްތެރިކަން ގެއްލުވާލާ، އެކުއްޖާ މަރާލައެވެ. މިފުރޭތައަށް ކަމުދާ ކަމުގައިވަނީވެސް އިއްފަތްތެރި ބިކުރުވެރި އަންހެން ކުދިންނެވެ. ބިކުރުވެރި ނޫން އަންހެން ކުއްޖަކު ގެންދިޔައީމާ ވާނޭ ގޮތެއްވެސް ނޭނގެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ކަނޑުން އަރާ މިރަންނަމާރީގެ ބޭނުމަކީ، އޭގެ ޖިންސީ ޣަޒީރާ ފުއްދުން ކަމެވެ. މިކަމެއް ކޮށްފައި މިފުރޭތަ އިންސާނާގެ މަސްގަނޑު ކާނުލާ ބާއްވާދޭ ކަމީވެސް، އަޖާއިބެކެވެ. އަޅެ ނޫންހެއްޔެވެ؟ ފުރޭތާގެ ޙަޤީޤަތް މާބޮޑަށް ނޭންގުނަސް އަހަރެން އަޑުއަހަނީ، ކަނޑުން އަރާ އެފަދަ އެއްޗެއްސަކީ، މީހުން ރޮލާކާ އެއްޗެހި ކަމެވެ. ކޮންމެއަކަސް…..

ދުވަސްވަރަކީ، ރާއްޖެ އިސްލާމް ވުމުގެ އެތައް އަހަރެއް ކުރިއެވެ. ރާއްޖޭ ހިނގަމުން ދިޔައީ ރަސްކަމެކެވެ. ރަސްގެފާނުންގެ އަމުރަކީ، ކަލާނގެ އަމުރުކަމުގައި ހީކުރެވެމުން ދިޔައެވެ. ރާއްޖޭގައި އަޅުކަން ކުރަމުން ދިޔައީ، ބުދަށެވެ. އޭރުގައި ރާއްޖޭގެ މީހުންގެ ދީނަކީ، ބުދު ދީނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ރާއްޖޭގެ ތަޙްތައް އެހެން މީހަކު އިސްކުރެވިއްޖެއެވެ. މިމީހަކީ، ޖިންސީ ގޮތުން މާކުރީގައި އުޅޭ މީހަކީ ކަމަށް ހީކުރަމެވެ. ކޮންމެއަކަސް މިރަސްގެފާނުން އެއްރެއްގައި މާލޭގެ ބުދު ކޯލަށް ދިއައިރުގާ ރީތި ރީތި އަންހެން ކުއްޖަކު އެބުދުކޯލުގައި އަޅުކަންކުރަން ހުއްޓެވެ. މިކުއްޖަކު މިހެން ހުއްޓާ ރަސްގެފާނުންގެ ހިތް ގޯސްވާން ފަށައިފިއެވެ.

ޝައިޠާނާގެ ވަސްވާސްތަކުގެ މަޅީގައި ޖެހި އެއްކަލަ ރަސްގެފާނުން އެކުއްޖާގެ ލޭބޯލައިފިއެވެ. އަދި އެކުއްޖާ އެވާހަކަ ބުނެފިނަމަ ގަތުލުކުރާނޭ ކަމަށް ބިރު ދެއްކިއެވެ. އެންމެފަހުން އެކުއްޖާ ނުބުނާން އެއްބަސްވީމާވެސް، ހިތްޕުޅާ ހަމަނުވެގެން އެކުއްޖާގެ ކަރުގާ ހިފާ މަރާލީއެވެ.

ކޮންމެއަކަސް ހެނދުނު އިރުއެރީ މާލެތެރެއަށް މިކުއްޖާ މަރުވެފައި އޮތް ވާހަކަ ފަތުރަމުންނެވެ. ރަސްގެފާނާ ހަމައަށްވެސް އެވާހަކަ ހިނގައްޖެއެވެ. ރަސްގެފާނަކީ، ބުދުތަކުގެ ވަހީލިބޭ މީހާއެވެ. ކަންވީގޮތް ބެލުމަށް ރަސްގެފާނުން އެތަނަށް ހިނގައްޖެއެވެ. ރަސްގެފާނުން ބުދުތަކުގެ ވަހީގެ އަލީގައި އެކުއްޖާ މަރާލީ ކަނޑުން އެރި ނުލަފާ ފުރޭތައެއްކަމުގައި ބުނެފިއެވެ. އަދި މާލޭގެ އެންމެން ކާރީގައި މިވާހަކަ ބުނުމުން އެމީހުން ސުވާލުކުރީ ދެންވެސް އެފުރޭތަ އަރާފާނެތޯއެވެ؟ ރަސްގެފާނަށް ރަނގަޅު ފުރުޞަތެއް ލިބުނެވެ. އަވަސް އަވަހަށް ބުންޏެވެ. ކޮންމެ މަހަކުވެސް އެރޭގައި އޭތި އަރާނެއެވެ. މިތަނުގައި ކުއްޖެއް ނެތްނަމަ ރަށުތެރެއަށް އަރާ މުޅިރަށް ތަޅާލާނެއެވެ. އެހެންކަމުން ރީތިކޮށް ނަލަހައްދާ ކޮންމެ ހަނދުމަހެއްގެ މިރޭގައި އެކުއްޖަކު މިތަނަށް ގެންނާށެވެ. ނޫނީ ރައްޔިތުންނަށް ސަލާމަތެއް ނެތެވެ. (ނޯޓް: ބުދުތަކަކީ ބާޠިލް އެއްޗެކެވެ. އެއްވެސް ހާލެއްގައި ވަހީއެއް ލިބޭ އެއްޗެއް ނޫނެވެ. މީހުންގެ އަމިއްލަ އަތުން ކޮށާ މަށާ ތައްޔާރުކުރާ ބާޠިލް އެއްޗެހިތަކެކެވެ. މީހުންގެ ވިސްނުމުގެ ޤާފިލްކަމުން އެވަރުވެސް ޤަބޫލުނުކުރަނީއެވެ.)

ކޮންމެއަކަސް ކޮންމެ ހަނދުމަހެއްގެ އެރެއަށް ކުއްޖަކު ތައްޔާރުކޮށް މިބުދުކޯލަށް ގެންދެއެވެ. ރަސްގެފާނުން އެންމެން ނިދާ ހިމޭންވާހާ ކޮށްފައި އެތަނަށް ދެއެވެ. އަދި އެކުއްޖެއްގެ އިއްފަތްތެރިކަން ނަގާލާ މަރާލައެވެ. ކަންތައްތައް މިހެން ގޮސް ރަސްގެފާނުން މުސްކުޅިވެ ވަރުދެރަވެ ބަލިހާލު ބޮޑުވީމާ، ދެން މިމައްސޫލިއްޔަތު ހަވާލުކުރީ ރަސްގެފާނުންގެ ދަރިފުޅާއެވެ. މިއީވެސް މިފަދަ ވަހުޝީ ފިރިހެނެކެވެ. ބައްޕަގެ ކަންތައްތައް ފަޅާ އަރާފާނެތީ މިމައްސޫލިއްޔަތު އެއްވެސް ފުށޫ އެރުމެއްނެތި އޭނާގެ ދަރިފުޅު ކުރިއަށް ގެންދިއައެވެ. އަދި މިކަލޭގެ ރަސްކަމާ މަތިކުރުވިއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ރާއްޖެއަށް އަބުލް ބަރަކާތުލް ބަރުބަރީ ކިޔާ އަރައްބަކު އައެވެ. މީނާ ހުންނަ ގޭގެ ކުއްޖަކު ނަލަހައްދާ އެބުދުކޯލަށް ގެންދަން ޤުރުއަތުން ލައްވާލައިފިއެވެ. މިއަންހެން ކުއްޖާގެ ބަދަލުގައި ދިޔައީ މިބުނާ ޢަރަބި މުސާފިރު ބަރުބަރީއެވެ.

އޭނާ އެތަނަށްގޮސް ވުޟޫކުރައްވާ ކީރިތިވި ޤުރުއާނުގެ މޫރިތިވި އާޔަތްތައް ކިޔަވާން އިންނެވިއެވެ. މިހެން އިންދާ މިތަނަށް ރަސްގެފާނުން އައިސްފިއެވެ. މީނާ ފުރަތަމަ ހީކުރީ މީރީތި ނަލަ އަންހެން ކުއްޖެއް ކަމުގައެވެ. ނަމަވެސް ކަންތައްތައް ދިމާވީ ހީކުރިގޮތަކަށް ނޫނެވެ. މިރަސްގެފާނަށް މިބަރުބަރީގެ އަތްދަށުން ސަލާމަތެއް ނުވެވުނެވެ. އަދި އެންމެ ފަހުން ރަސްގެފާނަށް، ޝަރުތުކުރީ އިސްލާމްދީން ޤަބޫލުކުރުމަށެވެ. ރަސްގެފާނުންގެ ކަންތައްތައް ފަޅާއަރާފާނެ ކަމަށްޓަކައި ކުއްލިއަކަށް އިސްލާމް ނުވެ ރަންނަމާރީގެ ކިބައިން ރާއްޖެ ސަލާމަތް ވީކަމަށް ބަލައި ޖެހިގެން އަންނަ މަހުގައި އިސްލާމްވުމަށް އެއްބަސްވިއެވެ.

ހެނދުނުގައި އެންމެން އާއިރު، ބަރުބަރީ ޤުރުއާން ކިޔަވަން އިންނެވިއެވެ. އަދި ރަސްގެފާނުންގެ އަރިހަށް ގެންދެވުނެވެ. އެއްބަސްވެ ޝަރުތުވެފައިވާ ގޮތަށް ޤުރުއާން އަޑުއިވިފައި ރަންނަމާރި ކަނޑަށް ގެނބުނީކަމަށް ބުނެ އިސްލާމްވުމަށް ރަސްގެފާނަށް ހުށައެޅިއެވެ. އަދި ރޭވިފައިވާ ގޮތަށް ރަސްގެފާނުން އެއްބަސްވީ ޖެހިގެން އަންނަ ހަނދުމަހުގައި ރަންނަމާރި ނާރާފި ނަމަ އިސްލާމްދީން ޤަބޫލުކުރުމަށެވެ. މިގޮތަށް މާލޭގެ އެންމެން އެއްބަސް ވިއެވެ. އަދި ޖެހިގެން އާ މަހުގައި އިސްލާމްދީން ޤަބޫލުކޮށް މަޑުމަޑުން ރާއްޖެތެރެއަށް އިސްލާމްދީން ފެތުރެމުން ދިޔައެވެ.

މިބަޔާންކުރިގޮތަށް މިކަން ނުހިނގާވެސް އޮވެދާނެއެވެ. ނަމަވެސް މިއީވެސް ކަންވެދާނެ ގޮތެކެވެ. މޮޅަށް ދެނެވޮޑިގެން ވާނީ ﷲ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ