ރޭޕު — Ihavandhoo.com

ރޭޕު

7 އޮގަސްޓު 2013 0

ބަހަކީ އަޑުއަހާލަން އެހާ ފަސޭހަ ބަހެއް ނޫނެވެ. ކެމްބްރިޖް އެޑްވާންސްޑު ލާރނާސް ޑިކްޝަނަރީ (ސެކަންޑް އެޑިޝަން/ 2006) ބުނާ ގޮތުން މި ލަފުޒުގެ މާނައަކީ މީހެއްގެ ނުގަބޫލުގައި ޖިންސީ ޖަރީމާއެއް ހިންގުމެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގައި މި ޖަރީމާ އެންމެ ގިނަ އަދަދަކަށް ހިންގާ ކަމަށް ރެކޯރޑްކުރެވިފައިވާ ގައުމަކީ އެމެރިކާއެވެ. އެމެރިކާގައި މިނެޓަކު 1.3 އަންހެނުން ރޭޕްކުރެވޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމަށްވާނަމަ ގަޑިއަކު 78 ރޭޕް ކުރެވޭނެއެވެ. ހަމައެހެންމެ ދުވާލަކު 1872 އަދި މަހަކު 683,280 ރޭޕް ހިނގާނެއެވެ. މިއީ ޖަރުމަނުގެ ރެކޯޑްތަކާ އަޅާކިޔާއިރު 4 ގުނަ މަތީ އަދަދެކެވެ. އަދި އިނގިރޭސިވިލާތަށް ވުރެ 13 ގުނަ، ޖަޕާނަށް ވުރެ 20 ގުނަ މަތީ އަދަދެއްވެސް މެއެވެ. އެހެންނަމަވެސް މި މަޒުމޫނުގައި އަޅުގަނޑު އަލިއަޅުވާލަން ގަސްދުކުރަނީ މި ދެންނެވި “ރޭޕް” އަކަށް ނޫނެވެ. ރޭޕްގެ ނަމުން ނަންދެވިފައިވާ ގަހަކަށެވެ.

ރީނދޫ ކުލައިގެ މަލެއް އަންނަ މި އާދަޔާ ޚިލާފު ގަހަކީ ކެބެޖު ޢާއިލާއަށް ނިސްބަތްވާ ގަހެކެވެ. މި ގަހަށް “ރޭޕް” (Rape) ގެ އިތުރުން އޮއިލް ސީޑް ރޭޕް، ރައްޕާ، ރެއްޕީ އަދި ރައްޕާސީޑް ފަދަ ނަންނަމުންވެސް މުހާތަބުކޮށް އުޅެއެވެ. 14 ވަނަ ގަރުނުގައި އިނގިރޭސިވިލާތުން ފެނުނުކަމަށް ރެކޯޑްކުރެވިފައިވާ މި ގަހަށް ދެވިފައިވާ ސައިންޓިފިކް ނަމަކީ Brassica napus އެވެ.

މި ގަހުން ނުހަނު ގިނަގުނަ ބޭނުންތައް އިންސާނުންދަނީ ކުރަމުންނެވެ. ކައްކާތެލާއި ޖަނަވާރު ކާނާ އަދި ބަޔޯޑީސަލް އުފެއްދުމަށް ކޮންމެ އަހަރަކު ގިނަ އަދަދަކަށް ރޭޕްގަސް ހައްދައެވެ. މި ގަސް ހައްދާ ގައުމުތަކުގެ ތެރޭގައި ވިލާތުގެ އިއްތިހާދުގެ އިތުރުން އެމެރިކާ، އޮސްޓުރޭލިޔާ، ކެނެޑާ، ޗައިނާ އަދި އިންޑިޔާ ފަދަ ގައުމުތައް ފާހަގަކުރެވެއެވެ. ހަމައެކަނި އިންޑިޔާއަށް ބެލިކަމުގައިވިޔަސް އެ ގައުމުގެ ދަނޑުބިންތަކުގެ ތޭރަ އިންސައްތަ ހިއްސާކުރަނީ ރޭޕްގަހުގެ ދަނޑުވެރިކަމެވެ.

ރޭޕްގަހުގެ މަލަކީ ގިނަ އަދަދަކަށް މަލުގެ ފޮނި އުފައްދާ ބާވަތެއް ކަމުން މާމުއި ކުޅަދުރު ގެންގުޅޭ ފަރާތްތަކަށް މާމުއި އުފެއްދުމަށްވެސް މި ގަހަކީ ރަނގަޅު އެހީތެރިއެކެވެ. ރޭޕްމަލުގައި ހަތަރު ފިޔަ ހުރެއެވެ. ފިޔަތަކުގެ ކުލައަކީ ގަދަ ރީނދޫ ކުލައެވެ. ކޮންމެ މަލެއްވެސް ގިނަ އަދަދެއްގެ ރޭޕްއޮށް އުފައްދައެވެ. ރޭޕްއޮށަކީ ސައިބޯނި ހެދުމާއި މާރޖިރިން ހެދުމުގައިވެސް ބޭނުންކުރެވޭ އެއްޗެކެވެ. މީގެއިތުރުން ރޭޕްއޮށުން އުފައްދާ ކައްކާތެލަކީ 20 ވަނަ ގަރުނުގެ ފަހުކޮޅުން ފެށިގެން އެންމެ ހަލުވި މިނެއްގައި ބޭނުންކުރެވެމުން އަންނަ ކައްކާތެލެވެ. ސެޗިއުރޭޓެޑް ސަރުބީ ހިމެނޭ މިންވަރު އެ ތެލުގައި މަދުވުމަކީ އެކަމުގެ އެންމެ ބޮޑު ސިއްރު ކަމުގައި ކަމާބެހޭ މާހިރުން ދެކެލައްވައެވެ.

އަޅުގަނޑުމެންގެ މައުލޫމާތުގެ ޚަޒާނާއަށް ރޭޕްގަހަކީ އައު އެއްޗަކަށް ވެދާނެއެވެ. ނަމަވެސް މި ގަހަކީ ދުނިޔޭގެ ބާޒާރުގައި އަދި ދަނޑުވެރިކަމުގެ ސިނާޢަތުގައި މަޝްހޫރު ގަހެކެވެ. ތަފާތު ގިނަ ނަންނަމުން މުހާތަބު ކުރެވޭ މި ގަހުން އުފައްދާ ބާވަތްތައް ނުހަނު ގިނައެވެ. ކައްކާތެލުން ފެށިގެން ޖަނަވާރު ކާނާ އަދި ބަޔޯޑީސަލްގެ އިތުރުން ޖެޓް އިންޖީނުގެ އަޑީތެޔޮ އުފެއްދުމަށްވެސް މި ލާމަސީލު ގަހުގެ އޮށް ބޭނުން ކުރެވެއެވެ. އެހެންކަމުން ރޭޕްގަހަކީ އޭގެ ނަމާ އެއްވަރަށް އޭގެ ބޭނުންތައްވެސް ގިނަ، ބޭނުންތެރި ގަހެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ