ރަށު ކައުންސިލަށް 2125 , އަތޮޅު ކައުންސިލް އިހަވަންދޫ ދާއިރާއަށް 3074 މީހުންނަށް ވޯޓު ލެވޭ

21 އޭޕުރީލު 2017 0

2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގެ ތެރެއިން. އިހަވަންދޫޑޮޓްކޮމް ފައިލް ފޮޓޯ

އަންނަ މެއި މަހުގެ 6 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، އިހަވަންދޫ ރަށުކައުންސިލަށް 2125 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވާއިރު ހއ. އަތޮޅު ކައުންސިލްގެ އިހަވަންދޫ ދާއިރާއަށް 3074 މީހުނަށް ވޯޓް ލުމުގެ ހައްޤު ލިބިގެން ވާކަމަށް އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ލިޔެކިޔުންތަކުން ދައްކައިފިއެވެ․

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީ އިލެކްޝަން ކޮމިޝަނުން މިއަދު ޢާންމުކޮށްފައި ވާއިރު، ހއ. އަތޮޅު ކައުންސިލްގެ އިހަވަންދޫ ދާއިރާއަށް 3074 މީހުނަށް ވޯޓް ލުމުގެ ހައްޤު ލިބިގެން ވާކަމަށް ދައްކައެވެ. އެއީ އިހަވަންދޫގެ 2125 މީހުންނާއި މޮޅަދޫގެ 286 މީހުންނާއި މާރަންދޫގެ 663 މީހުންނެވެ.

އަދި އިހަވަންދޫ ރަށުކައުންސިލަށް 2125 މީހުންނަށް ވޯޓްލުމުގެ ހައްޤުލިބިފައިވާއިރު، އިހަވަންދޫގައި ބަހައްޓާ ދެ ވޯޓު ފޮއްޓަށް ވޯޓުލުމަށް ރެޖިސްޓުރީ ވެފައި ވަނީ ވޯޓު ލުމަށް ހައްޤު ލިބިފައިވާ މީހުންގެ 80 އިންސައްތަ އެވެ. އެއީ 1708 މީހުންނެވެ. އިހަވަންދޫގެ 417 މީހަކު ވަނީ މި އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން ތަފާތު 50 ވޯޓު ފޮއްޓަށް ވޯޓު ލުމަށް ރެޖިސްޓަރ ވެފައެވެ. މިގޮތުން އެންމެ ގިނަ ބަޔަކު ރެޖިސްޓްރީ ކޮށްފައިވަނީ މާލޭގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓު ލުމަށެވެ. އެ ފޮއްޓަށް ވޯޓު ލުމަށް 295 މީހުން ވަނީ ރެޖިސްޓަރ ކޮށްފައެވެ. އެފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލޭ އެކުވެނި ކުރިކެޓު ހޯލުގެ އިރުމަތީ ފަޅީގައެވެ.

2017 މެއި 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް 1497 ކެންޑިޑޭޓަކު ވާދަކުރާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 255987 މީހުންނަށް ލިބިފައިވެއެވެ. ހަމައެއާއިއެކު މި އިންތިހާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 422 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަން އިން ވަނީ ހާމަ ކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ