ރީތި ފައިތިލައިގެ ވެރިޔަކީ ކާކު؟

24 ނޮވެމްބަރު 2013 0

ރީތި ހަށިގަނޑެއް އަހަރެމެން އުފަންވާ އިރުގައި ޤުދުރަތުންވަނީ ދެއްވާފައެވެ. އަހަރެމެންގެ ހަންގަނޑު އޮމާންވެފައި ރީއްޗެވެ. އަދި ސާފުވެފައި އެހާމެ މަޑެވެ. ޤުދުރަތުން އަހަރެމެންނަށް ދެއްވި ރީތިކަން ދެމެހެއްޓުމަށް އަހަރެމެން މަސައްކަތް ކުރުމަކީ، ކޮންމެހެން ބޭނުން ކަމެކެވެ. އަދި އެހާމެ މުޙިއްމުކަމެކެވެ. އެހެނީ ބަލިތައް ޖެހުމުގެ ކުރިން އެބަލިތަކުން ރައްކައުތެރިވެތިބުން އެއީ އެންމެ ރަނގަޅު ފަރުވާއެވެ.

ނަމަވެސް އަހަރެމެންގެ ހަށިގަނޑާ މެދުގައި ރައްކައުތެރިވެވެނީ ކިތައްމީހުންނައް ހެއްޔެވެ؟ އަހަރެމެންނަށް އެންމެ ފަރުވާ ކުޑަކުރެވޭ ގުނަވަނަކަށް އަހަރެމެންގެ ފައިތިލަތައް ވެއެވެ. އެހެންކަމުން މިފަހަރުގެ މިލިޔުމުގައި އަހަރެން ބަލައިލާނީ، ރީތި ފައިތިލައެއް ބޭނުންވާ މީހަކު، ނުވަތަ އޭނާގެ ފައިތިލައިގައި ގުދުރަތުންވާ ރީތިކަން ދެމެހެއްޓުމަށް ބޭނުން މީހަކަށް އެހީއެއް ދިނުމަށެވެ.

ރީތިފައިތިލައަކަށް، އެންމެ މުޙިއްމު ކަމަކީ، ހިރަފުހާ، ކިލާ އަދި ހަޑި މިލަތަކުން އެފައިތިލަތައް ސާފުކުރުމެވެ. އެންމެ ފުރަތަމަ ކަމަކަށް، ފައިތިލައިގެ ނިޔަފަތިތައް ރީތިކޮށް ކަނޑާށެވެ. މިކަނޑާ ކެނޑުމުގައި، ވައްކޮށް ނުކަނޑާ ސީދާ ތެދަށް ނިޔަފަތިތައް ކަނޑާށެވެ. އެހެނީ އެގޮތަށް ވައްކޮށް ނިޔަފަތިތައް ކަނޑާނަމަ، ނިޔަފަތީގެ “ކަން” މަސްގަނޑު ތެރެއަށް ވަންނަމުން ދާނެއެވެ.

އެއަށްފަހު ރީތި ސާފު ފެނުން ފައިތިލަ ދޮވެލާށެވެ. އަދި ތާފަނާ ފެން ހެޔޮވަރުގެ ތައްޓަކަށް އަޅާށެވެ. މިތަށިވާން ޖެހޭނީ ދަތިކަމެއް ނެތި ފައިތިލަ ލެވޭ ކަހަލަ ތައްޓަކަށެވެ. އެތައްޓަށް ތާފަނާ ފެން އެޅުމަށްފަހު ފައިތިލަ ލާށެވެ. މިފެން މާހޫނު ފެނަށް ވެގެން ނުވާނެއެވެ. ކުޑަކުޑަކޮށް ހޫނުކަން ހުރީމާ ފުދޭނެއެވެ.

މިގޮތަށް ފައިތިލަ ލުމުގައި އެފެނުގެ ތެރެއަށް ރޯކިރު އަދި ދެސައިސަމުސާ މާމުތް އަޅާލުމުން ނަތީޖާ މާރަނގަޅުވެ، ފައިތިލައިގެ މަޑުކަން އިތުރުކޮށް ދޭނެއެވެ. 20 ވަރަކަށް މިނެއްޓު ވުމުން ފެނުގެ ތެރެއިން ފައިތިލަ ނަގާށެވެ. އަދި ސާފު ތުވާލިކޮޅަކޮށް، ނުވަތަ ޓިޝޫއިން ފައިތިލަ ރީތިކޮށް ފުހެލާށެވެ. މިފުހޭ ފުހުމުގައި އިނގިލިތަކުގެ ދޭތެރެތައް ރަނގަޅަށް ފޮހޭށެވެ. އަދި ހަންބޯ ތަންތަނުގެ ހަންތައް ހަންގޭނުމަށް ބޭނުންކުރާ ޙާއްޞަ ގަލުން ނުވަތަ މިކަމަށް ޙާއްޞަކޮށް ތައްޔާރު ކުރެވިފައިވާ ފީރުން ދުއްވާލާށެވެ.

އެއަށްފަހުގައި، ލޯޝަނުގެ ބަދަލުގައި ފުޓް ކުރީމް ބޭނުންކޮށްގެން ފައިތިލަ ރަނގަޅަށް މަސާޖުކޮށް ލާށެވެ. އަބަދުވެސް ލޯޝަނުގެ ބަދަލުގައި ފުޓް ކުރީމް ބޭނުންކުރުމަށް އާދަކުރާށެވެ. މިކަންތައްތަކަކީ، ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަންތައް ތަކެއް ނޫނެވެ.

ޢާއްމު މަސައްކަތްތައް ކޮށް އުޅޭ މީހަކަށް މަހަކު އެއްފަހަރު މިކަންތައްތައް ކޮށްލުމުން ފުދޭނެއެވެ. ތަންކޮޅެ ބުރަ މަސައްކަތްތައް އަދި އެތުލީޓުން ދެހަފުތާން އެއްހަފުތާގައި މިކަންތައްތައް ރިޕީޓްކޮށްލުން މުހިއްމެވެ. އޭރުން ތިބާ ފަޚްރުވެރި ވާފަދަ ރީތި ފާތިލައެއް ތިބާއަށް ލިބޭނެއެވެ. މީގެ އިތުރުން ފާ ފެޅުމާއި، ފައިން ހަންނެގުމާއި، ފައިގެ ތަންގަންގަނޑު ކަޅުވުންފަދަ ކަންތައްތަކުން ސަލާމަތް ވާނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ