ރެފްރީ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި

10 ނޮވެމްބަރު 2015 0

އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އިހަވަންދޫ މަސްވެރިންގެ ގުޅުމާއި ރައްޔިތުން މަޖިލިސްގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ ގުޅިގެން އިހަވަންދޫގައި ކުރިއަށް ގެންދިޔަ ބޭސިކް ފްޓްބޯޅަ އަދި ފުޓްސަލް ރެފްރީ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

މި ނޮވެމްބަރު މަހުގެ 1 ން 9 އަށް އިހަވަންދޫގައި ކުރިއަށްގެންދިޔަ މިކޯހުގައި ޖުމުލަ 31 ބައިވެރިން ބައިވެރިވެފައި ވާއިރު ކޯސްނިންމާ ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 27 ބައިވެރިންނެވެ.

މިކޯސް ނިންމުމުގެ ރަސްމިއްޔާތު އިހަވަންދޫ އޯޕަން ސްޓޭޖްގައި ރޭ ބާއްވާފައިވާއިރު މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު  ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލު އެވެ.

މިރަސްމިއްޔާތުގައި ކޯސްފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓްތައް ބައްސަވާ ދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލް އާއި ހއ.އަތޮޅު ކޮމާންޑަރ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޢަބްދުﷲ އާއި، ހއ.އަތޮޅުކައުންސިލްގެ އިހަވަންދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޙުސައިން އާއި އެފް އޭ އެމްގެ ހެޑް އޮފް ރެފްރީ ޑިޕާޓްމަންޓް އަޙްމަދު އަމީޒް އަދި އެފް އޭ އެމްގެ އިންސްޓްރަކްޓަރ ޢަލީ ސަލީމް އެވެ.

މިކޯސް ކުރިއަށް ގެންދިއުމުގައި އިހަވަންދޫ ދާއިރާގެ ރައްޔިޔުންމަޖިލީހުގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަބްދުﷲ އާއި އެފްއޭ އެމް އަދި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އާއި އިހަވަންދޫ މަދަރުސާ އަދި އިހަވަންދޫ ސިއްހީމަރުކަޒުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ފުލުހުންނަށް ލިބިފައިވެއެވެ.

ޒުވާނުން ކުށުގެ ވެށިން ދުރުކޮށް ހޭލުންތެރިކޮށް ޒުވާނުން ބިނާކުރުމާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ކުރިއަށް އޮތްތަނުގައިވެސް މިފަދަ ޕްރޮގްރާމްތަކެއް ހިންގުމަށް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ މަޝްވަރާކުރަމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ