ރޯދައަށް ނުތިބެ ކާން ތިބި ތިން ދިވެހިން ހައްޔަރުކޮށްފި — Ihavandhoo.com

ރޯދައަށް ނުތިބެ ކާން ތިބި ތިން ދިވެހިން ހައްޔަރުކޮށްފި

7 ޖޫން 2016 0

ރަމްޟާންމަހު ދުވާލުގެ ވަގުތު ކާންތިބި 3 މީހުން ގއ. ގެމަނަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަޙްޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން ހާމަކޮށްފައިވަނީ އިއްޔެ 13:15 ހާއިރު ގއ.ގެމަނަފުށި އިރުދެކުނުފަރާތު  އަތިރިމަތީގައި ރޯދަމަހު ދުވާލު ރޯދަ ނުހިފައި ބަޔަކު މީހުން ކާންތިބި ކަމުގެ މަޢުލޫމާތު ލިބިގެން، ގއ.ގެމަނަފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެސަރަޙައްދަށްގޮސް ކުށުގެ ވެށިން ދިވެހި 3 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނަކާއި، 18 އަހަރުގެ ފިރިހެނެކެވެ.

މި 03 މީހުން ބަންދާމެދު ގޮތެއްނިންމުމަށް ގއ.ގެމަނަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ދެއްވާފައެވެ.

މިމައްސަލާގައި ގެމަނަފުށި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 03 މީހުންގެ ތެރެއިން 02 މީހުންނަކީ މީގެ ކުރިންވެސް ކުށުގެ ރެކޯރޑް އޮންނަ ދެމީހުންނެވެ.

ރަމްޟާންމަހު ދުވާލުގެ ވަގުތުތަކުގައި ރޯދަ ނުހިފައި ކާން ތިބުމަކީ ކުށަކަށްވީއިރު އެފަދަ ކުށްތަކަށް އަރައިނުގަތުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ރޯދަމަހު ދުވާލުގެ ވަގުތުތަކުގައި ކާންތިބޭ ކަމުގެ މަޢުލޫމާތު ލިބޭނަމަ އެފަރާތަކުން ފުލުހުންނަށް އެކަން އަންގައިދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ