ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އިހަވަންދޫގައި ހަރަކާތެއް ބާއްވަނީ

11 ސެޕްޓެމްބަރު 2017 0

ބަރުމާގެ ރޮހިންޖާގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް، ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އިހަވަންދޫ ކައުންސިލުން ނިންމާފިއެވެ. އިހަވަންދޫ ކައުންސިލުން އިއުލާނުކޮށްފައިވާ ގޮތުގައި މިހަރަކާތްތަށް ފެށިގެންދާނީ މާދަމާ ހަވީރު 16:15 ގައި އިހަވަންދޫ ކައުންސިލް އިދާރާ ކައިރިންފެށޭ ހިނގާލުމަކުންނެވެ.

މިގޮތުން ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އިހަވަންދޫގައިހިންގޭ ހަރަކާތްތަކުގެ ތެރޭގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުމުގެ އިތުރުން، ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ފަންޑު ފޮށި ބެހެއްޓުމާއި ޙާއްސަ ދުޢާއެއްކުރުންވެސް ހިމެނެއެވެ.

އިހަވަންދޫ ކައުންސިލްގެ މެމްބަރު އަޙުމަދު ރިލްވާން ވިދާޅުވީ މާދަމާގެ ހަރަކާތުގައި 11 ފަންޑު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން އަންނަ ހޮނިހިރުދުވަހާ ހަމައަށް މިފަންޑުފޮށިތައް ބެހެއްޓިފައި ހުންނާނެކަމުގައެވެ. ފަންޑުފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ކައުންސިލްގެ އިދާރާގަ އާއި އިހަވަންދޫ މަދަރުސާ އަދި މިސްކިއްތަކުގެ އިތުރުން ބައެއް ފިހާރަތަކުގައެވެ.

ރިލްވާން ވިދާޅުވީ މާދަމާގެ ހަރަކާތުގައި އިހަވަންދޫގެ އެންމެހާ ރައްޔިތުންވެސް ބައިވެރިވުމަކީ ވަރަށްބޮޑު އެދުމެއްކަމަށާއި، މިހަރަކާތް އިންތިޒާމްކުރުމުގައި އިހަވަންދޫގެ ރައްޔިތުންގެ ފަރާތުން، ހާއްސަކޮށް ޒުވާނުންގެ ފަރާތުންލިބެމުންދާ އެއްބާރުލުމަށް ވަރަށްބޮޑަށް ޝުކުރުވެރިވާކަމުގައެވެ.

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އިސް ނަގައިގެން ވެސް ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފަ އެވެ. އެ ހަރަކާތްތައް ކުރިޔަށްގެންދަން ސަރުކާރުން ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، މި މަހުގެ 21-23 އަށް މީޑިއާތައް ގުޅިގެން ޓެލެތޯންއެއް ވެސް ކުރިއަށް ގެންދާނެ އެވެ. މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރު ވެފައި ވާއިރު އެތައް ސަތޭކަ ބަޔަކު ކަތިލައި އެ މީހުންގެ ގެދޮރުގައި ދަނީ ހުޅުޖަހަމުންނެވެ. އަނިޔާވެރި އަމަލުތަކާ ހެދި އެތައް ހާސް ބަޔަކު ދަނީ ބަންގްލަދޭޝްއަށް ހިޖުރަ ވެސް ކުރަމުންނެވެ. ނަމަވެސް މި މީހުންނަށް އެހީވުމުގައި ގައުމުތަކުގެ ވެރިންނާއި ޖަމާއަތްތައް ފަސްޖެހިފައި ވާތީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އިހަވަންދޫ ކައުންސިލް, މިއަންމާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ