އެސް4 ގެ އިންތިޒާރަށް ނިމުން އަންނަނީ

27 މާރިޗު 2013 2

 

2013 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބާޒާރަށް ނެރޭނެ ފޯނުތަކުގެ ތެރެއިން އެންމެ ގިނަބަޔެއްގެ ލޯތައް އަމާޒުވެފައިވަނީ ސަމްސޮންގް ކުންފުނީގެ ގެލެކްސީ އެސް ސީރީސްގެ "ސަމްސޮންގް ގެލެކްސީ އެސް4" އަށެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. ސަމްސޮންގް ކޮންފުނިންވަނީ، މޯބައިލްގެ ބޭނުންކުރާ މީހުންގެ ހިތްތައް ފަތަހަކޮށްފައެވެ. އެމީހުންގެ ގެލެކުސީ ފޯނުތަކުގެ ބާރުގައެވެ. މި ސީރީޒްގެ ފޯނުތަކުގެ ތެރެއިން އެންމެ ފަހުން ބާޒާރަށް ނެރެފައިވާ އެއް ފޯނު ކަމުގައިވާ "އެސް3" އަށް ލިބިގެންދިޔަ ކާމިޔާބީ އަދި ހަނދާނަކުން ފޮހެވިގެން ނުދެއެވެ. މިޖާދުލުގައި އެންމެންހެން ޖެހިފައިތިއްބާ އަނެއްކައި މިއޮތީ ބޮޑު ޚަބަރެކެވެ.

މިފެށޭމަހު "އެސް4" ބާޒާރަށް ނިކުންނަނީއެވެ. ފަތުއަޑުކިޔާފައި "ޕްރީއޯރޑަރުތައް" ސަމްސޮންގް ކުންފުންޏަށާއި މޯބައިލް ފޯނުވިއްކާ ފިހާރަތަކަށް އޮހެމުން އެބަދެއެވެ. "އެސް3" އަށްވުރެ އެތަށްތަނެއް "ކުޅަދާނަ" ފަހުލަވާނަކަށް "އެސް4" ވާނެކަން ބުނަމުންނެވެ.

ފޯނަށް ލިއްބައިދީފައިވާ ހުނަރުތައް ބައިވަރެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ، "އެސް3"ގައި ހިމެނިފައިވާ ކޮންމެ ހުނަރެއްވެސް މިފަހުލަވާނަށް ލިބިފައިވާކަމެވެ. ނަމަވެސް، ތަފާތުތަކަކާ އެކުގައެވެ. ކޮންމެ ހުނަރަކަށްވެސް އިތުރު ފުރިހަމަކަމެއް ލިބިދީފައިވެއެވެ.

އެންޑޮރޮއިޑް ޖެލީ ބީންސްގެ އެހީއާއެކުގައި 8ކޯރގެ ސިޕީޔޫގެ އިންޖީނު އަޅައިގެން 2 ޖީބީގެ ރެމްގައި ވަރަށް ބާރު ސްޕީޑެއްގައި ފޯނު ދުއްވާގަންނާނެކަމަށް ސަމްސޮންގް ކުންފުނިން ބުނަމުން ދެއެވެ. 5 އިންޗީގެ "ސްޕާރއަމޯލެޑް" ސްކުރީނެއްގައި 1080 ގުނަ 1920 ޕިކްސެލް ހިމަނާފައިވާއިރު، ފުލް އެޗްޑީ ވީޑިޔޯއެއް ބަލައިލުމަށް މިވަރެއް ނޯންނާނެކަމަށް ހާމަކުރާއިރު، ފޯނުގައި ހިމަނާފައިވާ 13 މެގަޕިކްސެލްގެ ކެމެރާއިން އެޗްޑީ ކޮލިޓީގައި ވީޑިޔޯކުރެވޭނެއެވެ. ކެމެރާގައި ހިމެނޭ އެންމެ ހާއްސަ އެއްކަމަކީ، ފޮޓޯ ނަގަމުންދާއިރު ފޮޓޯނަގާމީހާގެ ފޮޓޯއެއް، ފޯނުގެ ކުރިމަތީގައި ހަރުކޮށްފައިވާ 2 މެގަޕިކްސެލްގެ ކެމެރާއިން ނެގޭކަމެވެ. ވީޑިޔޯވެސް ހަމައެގޮތެވެ.

އައުފީޗާރތައް ފޯނުގައި ހިމަނަން މަސައްކަތްކުރާ ދުވަސްވަރެއްގައި އާދައިގެ ގޮތަކަށް ފޯނު ހަދާފައި ދޫކޮށްނުލާނެކަން ސަމްސޮންގް އިން ދަނީ ބުނަމުންނެވެ. އެގޮތުން މިފަހަރުގެ މިފަހުލަވާނު ފޯނުގެ ވާދަވެރި މައިދާނަށް ނެރެފައިވަނީ، އައުއީޖާދުތަކަކާއި އެކުގައެވެ.

އެގޮތުން އެންމެ ގިނަބައެއްގެ ނަޒަރު ހުއްޓިގެންދިޔަ އެއް ވާހަކައަކީ، ސަމްސޮންގް ކުންފުނީގެ މިއުފެއްދުމުގެ ބައެއް، މަސައްކަތްތައް އަތުގެ ބޭނުމެއްނުކޮށް ލޮލުން ކޮށްލެވޭ އިޝާރާތަކުން ފުރިހަމަވެގެންދާ ވާހަކައެވެ. ލޮލުގެ ކަޅީގެ އިޝާރާތްތަކުން، އެއްފޮޓޯ އަނެއް ފޮޓޯއަށް ބަދަލުކޮށްލެވޭއިރު، އިންޓާރނެޓަށް ފީނަމުން ދާއިރު، އެއްޓެބް އަނެއްޓެބަށް ބަދަލުކޮށްލުންފަދަ ކަންތައްތައް ކޮށްލެވޭނެއެވެ. ހަމަ މިއީޖާދުގެ އެހީގައި، ތިމާ ފިލްމެއް ނުވަތަ ވީޑިޔޯއެއް ބަލަމުންދާއިރު، ފޯނުގެ ސްކުރީނާދިމާ ނުބަލާކަމަށްވާނަމަ އެވަގުތަށް އެވީޑިޔޯކޮޅު ޕައުޒްވެއެވެ.  އަދި އަލުން އެހިސާބުން ޕުލޭވާންފަށާނީ ފޯނުގެ ސްކުރީނަށް ބަލަން ފެށުމުންނެވެ. މިކުޅަދާނަކަން ފޯނަށް ލިއްބައިދެނީ ފޯނުގައި ހިމަނާފައިވާ ޤާބިލްކަމުގެ ތެރެއިން " ސްމާރޓް ސްޓޭ " "ސްމާރޓް ޕައުސް" "ސްމާރޓް ރޮޓޭޝަން" އަދި " ސްމާރޓް ސްކްރޯލް " އެވެ.

ފޯނަށް ލިއްބައިދީފައިވާ ޤާބިލްކަމުގެ ތެރެއިން ފާހަގަކޮށްލެވޭ މުޙިއްމު އަނެއްކަމަކީ، " އެއާރ ގެސްޗާރސް " އެވެ. އެގޮތުން ފޯނުގެ ސުކުރީންގައި އަތްލުމަކާނުލާ، ސުކުރީންގެ މަތީގައި ކޮށްލެވޭ އިޝާރާތަކުން، ފޯނުގެ ބައެއް މަސައްކަތްތައް ކޮންޓްރޯލް ކުރެވޭނެއެވެ. މިސާލަކަށް، ފޯނުގެ މަނޫބާރ އެއްޕޭޖުން އަނެއް ޕޭޖަށް ދިއުމަށްޓަކައި ސުކުރީންގެ މަތީގައި އަތުން އިޝާރާތްކޯށްލައިގެން އަނެއް ޕޭޖަށް ދެވޭނެއެވެ. އަދި ބައެއް އެޕްލިކޭޝަން ތަކުގައިވެސް، މިޤާބިލްކަން ބޭނުންކުރެވޭނެއެވެ.

"މޯޝަން" މިއީ އެސްތިރީގައިވެސް ހިމެނޭ ބަދަލެކެވެ. ނަމަވެސް އިތުރަށްވަނީ ފައްކާ ކުރެވިފައެވެ. މިބަދަލުގެ ސަބަބުން، ކޮށްލެވޭ ޚަރަކާތަކާއި އެކުގައި ފޯނުގެ ބައެއްކަންކަން ކޮންޓްރޯލްކުރުމުގެ ޤާބިލްކަން ލިބިދެއެވެ. މިސާލަކަށް މީހަކު ފޮނުވައިފާ މެސެޖެއް ކިޔަން އިނދެފައި، އެމީހަކާ ގުޅާލަން ބޭނުންވެއްޖެނަމަ، ފޯނު ކަންފަތާ ކައިރިކޮށްލުމުން ފޯނު އަމިއްލައަށް މިކަން ދެނެގަނެ އެމީހަކާ ގުޅާދެއެވެ.

މިނޫންވެސް، އިތުރު އައު ކަންކަން ފޯނަށް ފައްކާކޮށްފައިވާއިރު، މިހާރުވެސް ސަމްސޮންގްގެ ފޯނުތަކުގައި މަސައްކަތްކުރަމުންދާ ގިނަ ފީޗާރތައް އިތުރަށް ފައްކާކޮށް މިފޯނަށް ހެޔޮކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިސާލަކަށް: ވާހަކަދައްކައިގެން ނުވަތަ އަޑު ބޭނުންކޮށްގެން މެސެޖު ލިޔެ ފޮނުވުމާއި، ތިމާޔަށް ލިބޭ މެސެޖެއް އަޑު އަހާލުންފަދަ މުޙިއްމު ފީޗާރތައް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސަޅި އިނގޭ.. އަދިވެސް އިތުރުމައުލޫމާތު ހިމަނާލިނަމަ.

– 27 މާރިޗު 2013 0

އިސްތިރި ބާވެ، އިސް ފޯރި އަރަނީ ދޯ؟ ދުވަސް ކޮޅަކުން އިސް ފޯރި ދައްވެ، އިސްތި އުފާ ނެރޭނެ.

– 27 މާރިޗު 2013 0