މައި ކަޕް 2018: ސެމީއަށް ނިކުންނާނީ އިތުބާރާއެކު - ޢަރީބު

17 ޑިސެމްބަރު 2018 0

ކުލަބު އިރަމާގެ ކޯޗް މުޙައްމަދު ޢަރީބު... ފޮޓޯ: ލަޔާން

މައި ކަޕް 12 ވަނަ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗަށް މިއަދު ހަވީރު ޖަންގަލް ޓީމާ ދެކޮޅަށް ނިކުންނައިރު އެއްވެސް ހާސްކަމެއް ނެތްކަމަށާއި މެޗަށް ނިކުންނާނީ މޮޅުވެވޭނެކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއެކުކަމަށް ކުލަބު އިރަމާގެ ކޯޗު މުޙައްމަދު ޢަރީބު ބުނެފިއެވެ.

ޒުވާން ޓީމެއް ގޮވައިގެން މުބާރާތުގެ ސެމީއާ ހަމައަށް ދަތުރުކުރި ކޯޗު ބުނީ ކުލަބު އިރަމާއިން މި މުބާރާތުގައި މިހާތަނަށް ދެއްކި ކުޅުމަކީ މައި ކަޕްގެ މުބާރާތެއްގައި ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ޓީމެއް ދެއްކި އެންމެ ވަރުގަދަ ކުޅުން ކަމަށް އިހަވަންދޫގެ ގިނަބަޔަކު ޤަބޫލުކުރާކަމަށެވެ. އަދި މުބާރާތުގެ ކުރިން އެޓީމުން ބުނެފައިވާ ގޮތަށް ފުޓުބޯޅާގައި އިސްކޮޅާއި ރޫފައަށް ބަލައި ގޮތްނުނިންމޭނެކަން ކުލަބު އިރަމާއިން މިހާރުވެސް ސާބިތުކޮށްދީފައިވާ ކަމަށެވެ.

މި ނޫހާ ވާހަކަދައްކަމުން ޢަރީބު އިތުރަށްބުނީ މިއަދު ގެ މެޗަށް ނިކުންނައިރު ޓީމުގައި އެއްވެސް އިންޖަރީއެއް ނެތްކަމަށާއި ހުރިހާ ކުޅުންތެރިންވެސްތިބީ ކަށިން ހިތްވަރުނެތެ މެޗުން މޮޅުވުމުގެ ވަރުގަދަ ރޫހުގައި ކަމަށެވެ. އަދި މި އަހަރުގެ މުބާރާތުގެ މިހާތަނަށް ޓޮޕް ސްކޯރަރގެ ގޮތުގައި ހުރި ކުޅުންތެރިޔާ އެޓީމުގައި ހުރުމުން ޓީމާމެދު ކުރެވޭ އުއްމީދު ބޮޑުކަމަށް ޢަރީބު ބުންޏެވެ.

ކުލަބު އިރަމާ އަދި ޖަންގަލް ހިމެނުނީ ގްރޫޕް 1 ގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކުލަބު އިރަމާ ޖަންގަލް އަތުން 3-1 އިން ބަލިވީނަމަވެސް އެކަމާ ނުވިސްނާ ކަމަށާއި މިއީ މުޅިން ތަފާތު މެޗެއްކަމަށް ޓީމުގެ ކޯޗުވަނީ ފާހަގަކޮށްފައެވެ. އަދި އެޓީމުން ސެމީގެ ޖާގައެއް ހޯދީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ނިސްބަތުން އެންމެ ވަރުގަދަ ޓީމުކަމަށްވާ ސެންސިޓީ ބަލިކޮށްފައި ކަމަށްވުމުން އެއްވެސް ޓީމަކާ ދެކޮޅަށް ނިކުންނަން ޖެހިލުންނުވާ ކަމަށް ޢަރީބު ބުންޏެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ