މައި ކަޕް 2015: ސެމީގެ ފަހު ދެޖާގަ ކޮންބަޔަކަށް؟ — Ihavandhoo.com

މައި ކަޕް 2015: ސެމީގެ ފަހު ދެޖާގަ ކޮންބަޔަކަށް؟

22 ޑިސެމްބަރު 2015 0

މައި ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދަކީ ބޮޑު ދުވަހެކެވެ. ކުއާޓަރ ފައިނަލްގެ ތިންވަނަ އަދި ހަތަރުވަނަ މެޗު ކުޅެން ހަމަޖެހިފައިވާ ދުވަހެވެ. ކޮންމެވެސް ދެޓީމެއް މިއަދު މުބާރާތުން ވަކިވާން ޖެހޭނެއެވެ. އަދި ކޮންމެވެސް ދެޓީމަކަށް މުބާރާތުގެ އިތުރު ހަރުފަތަކަށް ޖެހިލެވޭނެއެވެ.

މުބާރާތް ފެށުނީ މައި ކަޕަށް ހާއްސަކޮށްގެން މިއަހަރު ތައްޔާރުކޮށްފައިވާ ހާއްސަ ތައްޓެއްގެ ވާހަކައިންނެވެ. އެތަށި އިހަވަންދޫން ބޭރަށް ދިޔުމަކީ ފުޓްބޯޅައަށް ލޯބިކުރާ އިހަވަންދޫގެ ރައްޔިތުން އެހާ އެދޭނެގޮތެއް ނޫންކަން ޔަޤީނެވެ. އެރައްޔިތުންގެ އުއްމީދަކީ އިހަވަންދޫގައި ތަށި ބެހެއްޓުމެވެ. އިއްޔެއަކީ އެއުއްމީދުގައި ހިތާމައިގެ ކުލަޖެހިގެންދިޔަ ދުވަހެކެވެ. ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗު އަދި ދެވަނަ މެޗުގައި ވާދަކުރި އިހަވަންދޫގެ ދެޓީމު ބަލިވެ، މުބާރާތުން ކަޓައިގެން ދިއުމުންނެވެ. އެވާހަކަ ދެއްކުމެއް ނެތެވެ. ކުރިޔަށްހުރި މެޗުތަކުގެ ވާހަކަ ދައްކަމާހެވެ؟

މުބާރާތުގެ ފައިނަލްގައި ކުޅުމުގެ ފުރުޞަތު އިހަވަންދޫގެ ތިންޓީމަކަށް އަދިވެސް އޮތީ ފަހިކޮށެވެ. އެއީ މިއަދު ހަވީރު ކުއާޓަރ ފައިނަލްގެ ތިންވަނަ މެޗުގައި ބައްދަލްކުރާ ނިކަ ޗެއިނާއި ޔޫތު ޔުނައިޓެޑްގެ އިތުރުން ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި މިރޭ މާރަންދޫ ޔޫތު ސޮސައިޓީއާ ދެކޮޅަށް ނިކުންނަ ސެން ސިޓީ ފޭންސް އެވެ.

މިއަދު ހަވީރު ނިކަ ޗެއިން އަދި ޔުނައިޓެޑް ޔޫތު ބައްދަލްކުރާ މެޗުގައި ގިނަބަޔަކު ބުރަވާނީ ޔުނައިޓެޑް ޔޫތުގެ ކޮޅަށްކަމަށް ވުމަކީ ވުން އެންމެ ގާތްގޮތެވެ. ސަބަބުތައް ބައިވަރެވެ. ނިކަ ޗެއިނާ އަޅައި ބަލާއިރު ޔުނައިޓެޑް ޔޫތުގައި ތިބީ ހުނަރުގެ ގޮތުން މޮޅު، ތަޖުރިބާގެ ގޮތުން ތަފާތު ކުޅުންތެރިންނެވެ. ދެޓީމުގެ ތައްޔާރީތަކަށް ބަލައިލި ނަމަވެސް ޔުނައިޓެޑް ޔޫތު އުޅެނީ މާކުރީގައެވެ. ގްރޫޕް ސްޓޭޖްގައި ނިކަ ޗެއިން ކުރި ހަނގުރާމައަށްވުރެއް ޔުނައިޓެޑް ޔޫތު ކުރަން ޖެހުނު ހަނގުރާމަތައް ވަރުގަދަކަށް ފެނެއެވެ. މިކަންތަކަށް ބަލައި ޔުނައިޓެޑް ޔޫތުގެ ކޮޅަށް ބުރަވާމީހުން ގިނައީއެވެ.

ނަމަވެސް ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ފުޓުބޯޅާގައި ކޮންމެ ގޮތަކަށްވެސް ކަންވެދާނެ ކަމެވެ. ވަރުގަދަ ޤައުމަކާއެކު ދިވެހިރާއްޖެ ކުޅޭ ކޮންމެ މެޗެއް ފެށުމުގެ ކުރިން މެޗުގެ ކޮމެންޓޭޓަރުން ފާހަގަކުރާ ކަމެއް އޮވެއެވެ. އެއީ 2002 ވަނަ އަހަރު ކޮރެއާ/ޖަޕާން ގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން 4 ވަނަ ހޯދި ވަރުގަދަ ދެކުނު ކޮރެއާ ދިވެހިރާއްޖެ ބައްދަލްކުރި މެޗުގެ ވާހަކައެވެ. ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި 2004 މާރިޗު، 31 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ދިވެހިރާއްޖެއިން ސައުތު ކޮރެއައަށް ގޯލެއް ޖެހިޔަނުދީ ހިފަހައްޓާލިވާހަކައަކީ ދިވެހިން ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމެކެވެ.

މިއަދުގެ މެޗަށް ނިކުންނައިރު ނިކަ ޗެއިން އަދި ޔުނައިޓެޑް ޔޫތުގެ ކުޅުންތެރިގެ ސިކުނޑީގައި، ކުރިން މިބުނެވުނު މެޗުގެ ހަނދާންތައް ތާޒާކޮށް ހުންނާނެކަން ޔަޤީނެވެ. ބޮޑު މުބާރާތެއްގެ ކުއާޓަރ ފައިނަލުން ޖާގައެއް "ބަލި" ޓީމަކަށް ނުލިބޭނެކަން ޔުނައިޓެޑް ޔޫތުން ދަންނާނެއެވެ. ނިކަ  ޗެއިންގައި ތިބީ އަރަމުން އަންނަ ހުނަރުވެރި ޒުވާން ކުޅުންތެރިންނެވެ. އެކުޅުންތެރިންނާމެދު ޔުނައިޓެޑް ޔޫތުން ސަމާލު ނުވެއްޖެނަމަ ނިކައިގެ ޗޭނުން ޔުނައޓެޑް ޔޫތު ކަސްތަޅުއެޅި މުބާރާތުގައި އިތުރަށް ކުރިޔަށް ނުދެވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މުބާރާތުގެ ސެމީ ފައިނަލުން ރަށުން ބޭރު ދެޓީމެއް ޖާގަ ހޯދާފައިވާއިރު ގިނަބަޔަކު ބުނަނީ ސެމީން ޖާގަ ލިބޭނީ އިހަވަންދޫގެ ކޮންމެވެސް އެއްޓީމަކަށް ކަމަށެވެ. އެއީ މިއަދު ހަވީރު ޔުނައިޓެޑް ޔޫތު އަދި ނިކަ ޗެއިން ބައްދަލްކުރާ މެޗުން މޮޅުވާ ޓީމުކަމަށް އެމީހުން ބުނެއެވެ. ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި ސެން ސިޓީ ފޭންސްގެ މައްޗަށް މާރަންދޫ ޔޫތު ސޮސައިޓީން ފަސޭހަކަމާއެކު ކުރިހޯދާނެކަމަށް އެމީހުން ބުނެއެވެ. މިހެން ބުނާމީހުންނަށް ރަނގަޅު ރައްދެއް ދިނުމަށް ސެން ސިޓީ ފޭންސް އޮންނާނީ ތައްޔާރަށްކަން ޔަޤީނެވެ.

ކުރިން ބުނިހެން ފުޓުބޯޅާގައި ކޮންމެ ގޮތަކަށްވެސް ކަންތައް ނިމިގެން ހިނގައިދާނެއެވެ. އަޅުގަނޑުމެން މި ސައިޓުގެ ފަރާތުން މިއަދު ކުޅޭ ހަތަރު ޓީމަށްވެސް އެދެނީ ކާމިޔާބީއެވެ. ނަމަވެސް ސެމީގެ ގަދަ ކަނޑަށް އެރޭނީ ކޮންމެވެސް ދެޓީމަކަށެވެ. އެދެޓީމަށް މިސައިޓުގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.

މައިކަޕް 2015, ޔުނައިޓެޑް ޔޫތު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ