ހުކުމް ކުރުން މިއަދު، ސާހިބާ ދޯނި ފަރަށް އaރުވައިލީ ގަސްތުގައި ކަމަށް ބެލެވޭ: ޝާފިއު — Ihavandhoo.com

ހުކުމް ކުރުން މިއަދު، ސާހިބާ ދޯނި ފަރަށް އaރުވައިލީ ގަސްތުގައި ކަމަށް ބެލެވޭ: ޝާފިއު

9 މެއި 2016 2

ސާހިބާ ދޯނި. ފޮޓޯ: ސީއެމްއެން

ހއ. އިހަވަންދޫ އެންދެރިމާގޭ ސަކީނާ ހަސަން ގެ "ސާހިބާ" ދޯނީގެ މައްސަލަ އަށް ހުކުމް އިއްވުން މިއަދުގެ ވަގުތަކަށް ސިވިލް ކޯޓުގައި ތާވަލު ކޮށްފައި ވަނިކޮށް، އެދޯންޏަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެ އެވެ.

ދޯނީގެ މައްސަލާގައި ދޯނީގެ ވެރިފަރާތުން ކޯޓުގައި ވަކާލާތު ކުރަމުންދާ ޤާނޫނީ ވަކީލު އަލްއުސްތާޛު އަޙްމަދު ޝާފިއު މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މިމައްސަލައިގެ "ހުކުމް ކުރުން މިއަދު ސިވިލްކޯޓުގައި ޝެޑިއުލް ކުރެވިފައި ވަނިކޮށް މިކަން ހިނގި ކަމީ ދޯނި ގެންގުލެމުންދާ ފަރާތާމެދު ޝައްކުގެ ނަޒަރުން ބެލުމަށް އަޅުގަނޑުގެ ހިތް މަޖުބޫރު ކުރުވި ކަމެއް" ކަމަށާއި "މީ ގަސްދުގައި ދިން އަނިޔާ އެއް ކަމުގައި ޤަބޫލު ކުރެވޭ" ކަމަށެވެ. އަދި އެންމެ ފުރިހަމައަށް ދެނެވޮޑުގެން ވާނީ ހަމަ ﷲ އަށް ކަމަށް ވެސް ޝާފިޢުގެ ސުޓޭޓަސް ގައި ވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސާހިބާ ދޯނި ފަރަށް އެރުމުގެ ސަބަބުން ދޯނީގެ މަޑޫތަކެއް ބިންދާގެންގޮސް އެކިތަންތަނުން ފިލާތަށް ނެއްޓި ޖަނެނޭޓަރަށް ވަނީ ފެން އެޅިފައެވެ.

ރޭގެ ވަގުތެއްގައި ސާހިބާ ދޯނި އދ. މަންދޫ ފަރު މައްޗަށް އަރާ މަޑޫތަކެއް ނައްޓައިގެން ގޮސް ދޯނި ވަނީ ފަރުމައްޗަށް ދިޔަވެފައެވެ.
ރަސްދޫ ކައުންސިލް އާ ހަވާލާދީ ސީއެމްއެން ގައި ރިޕޯރޓުކޮށްފައިވާ ގޮތުގައި ދޯނި ފަރަށް އަރާފައި ވަނީ ރޭ އަށެއް ޖަހާކަށްހާއިރު އެވެ. ދޯނި ފަރަށް އެރިއިރު އޭގައި 15 މީހުން ތިބި ކަމަށާ  އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށެވެ.

އަދި ދޯނި ފަރަށް އެރުމުގެ ސަބަބުން ދޯންޏަށާއި ދޯނީގެ ހުރި މުދާތަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމށާ މިހާރު ދޯންނާއި، ދޯނީގައި ހުރި މުދާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސީއެމްއެން އިން ރިޕޯރޓުކޮށްފައި ވެއެވެ.

ދޯނި ފުންކުރުމަށް ކުރަމުންދާ މަސައްކަތް ތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް، މަންދޫ ކައުންސިލުގެ އެއްވެސް ވެރިއަކު މިއަދު އޮފީހަށް ނުދުރުވާއާއި މީޑިއާއަށް މަޢުލޫމާތު ދެއްވާނެ މުވައްޒިފަކު ނެތުމުގެ ސަބަބުން އިހަވަންދޫޑޮޓްކޮމް އަށް ވަނީ ނުހޯދިފައެވެ.

"ސާހިބާ" ދޯންޏަކީ އއ ރަސްދޫ މީހަކަށް އ. އިހަވަންދޫ އެންދެރިމާގޭ ސަކީނާ ހަސަން ވިއްކާލާފައިވާ ކަންނެލިދޯންޏެކެވެ. ނަމަވެސް ދޯނި ގަތް ފަރާތުން ވިއްކިފަރާތާއި އެކު ވެފައިވާ އެގްރީމެންޓާއި އެއްގޮތަށް ފައިސާ ނުދައްކާ ކަމަށްބުނެ، ދޯނި ވިއްކިފަރާތުން 2014 ވަނަ އަހަރު ދޯނި އިހަވަންދޫއަށް ގެނެސްފައި  ވެއެވެ.  އަދި އެ އެގްރިމެންޓްގެ މައްސަލަ ބަލާނިމެންދެން، ދޯނި ވިއްކި ފަރާތުގެ އަތުގައި ދޯނިބޭއްވުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުންވަނީ އަމުރު ކޮށްފައެވެ. ނަމަވެސް އެއަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން އަމުރުކޮށްފައިވަނީ މައްސަލަ ބަލާނިމެންދެން ދޯނި އޮންނަންޖެހޭނީ ދޯނި ގަތްފަރާތުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ކޯޓުގެ އެ އަމުރާއި އެކު 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދޯނި އޮތީ ދޯނިގަތް ފަރާތް ކަމަށް ވާ އއ ރަސްދޫ މުހައްމަދު ހަނީފް ގެ ބެލުމުގެ ދަށުގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިދިކޮޅު ސިޔާސީ ފަރާތެއް ޖަލަށް ހުކުމް ކުރަން ޖެހިއްޖެ ނަމަ ކޯޓުތައް ހީވަނީ އެހެން ކަމެއް ހެން․ ރައްޔިތު މީހާގެ މައްސަލަ ތައް ކޯޓުތަކުގަ ހިނގާނީ ފިނިހަކަ ސުޕީޑުގަ․ މިހެން ބުނީމަ ކުއްވެރިވާނީ މަ․

– 9 މެއި 2016 0

"ދޯނި ފުންކުރުމަށް ކުރަމުންދާ މަސައްކަތް ތަކުގެ އެންމެ ފަހުގެ އަޕްޑޭޓްސް،މަންދޫ ކައުންސިލުގެ އެއްވެސް ވެރިއަކު މިއަދު އޮފީހަށް ނުދުރުވާއާއި މީޑިއާއަށް މަޢުލޫމާތު ދެއްވާނެ މުވައްޒިފަކު ނެތުމުގެ ސަބަބުން އިހަވަންދޫޑޮޓްކޮމް އަށް ވަނީ ނުހޯދިފައެވެ" ކަޑައެޅިގެން ދޮގު ހަބަރު ލިޔާނަމަ ކުރިއެރުމެއް ނުލިބޭނެ․ އިއްޔެ މަންދޫ ކައުންސިލްގެ 5 މެމްބަރުންގެ ތެރެއިން 4 މެމްބަރުން އޮފީހަށް ހާޒިރުވި․ކައުންސިލާއި މި ވަގުތު ހަވާލުވެ ހުރީ ނައިބް ރައީސް․ ނައިބް ރައީސްވެސް ހާޒިރުވި․․ވަރަށް ދެރަކަމެއް ތީ އިހަވަންދޫ އެއް ނޫން ކޮންމެ ބައެއް ކުރިއަސް․․․․․․

– 10 މެއި 2016 0