ސިއްހަތަށް ނުރައްކާވާ ވަރަށް އިހަވަންދޫގެ ވައި ނުސާފުބާ.....؟ — Ihavandhoo.com

ސިއްހަތަށް ނުރައްކާވާ ވަރަށް އިހަވަންދޫގެ ވައި ނުސާފުބާ.....؟

15 ސެޕްޓެމްބަރު 2014 12

އިހަވަންދޫ ކުނިގޮނޑު އެންދުމުގެ ސަބަބުން ރަށުތެރެއަށް އަރަމުންދާ ދުމުގެ ތެރޭގައި ކުދިންތަކެއް ހަރަކާތްތެރިވަނީ

ސިންގަޕޫރުގެ އަވަށްޓެރި އިންޑޮނީޝިއާގެ ސުމަޓްރާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ދުމުގެ ސަބަބުން ސިންގަޕޫރުގެ ވައި ސިއްހަތައް ނުރައްކާވާ ވަރަށް ނުސާފުވެ، އެގައުމުގެ ކަމާބެހެ ފަރާތްތަކުން އެކަމާ ކަންބޮޑުވެ އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އެގައުމުގެ އާންމުން އަމަލުކުރަންވީ ގޮތްތަކެއް ވަނީ ކިޔާދީ ފައެވެ.

ވައިގެ ސާފުކަން ބެލުމަށްޓަކައި ބޭނުންކުރާ މިންގަނޑަކީ ޕީ.އެސް.އައި (ޕޮލިއުޓެންޓު ސެޓެންޑަރޑްސް އިންޑެކްސް) އެވެ. ނެޝަނަލް އެންވަޔަރމެންޓު އެޖެންސީން ހާމަކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުގައި ވައިގެ ޕީ.އެސް.އައި 101 ން ފެށިގެން މަތިނަމަ އެ ވައިގެ ތެރެއަށް ނޭވާލުމަކީ ސިއްހީގޮތުން ރައްކާތެރިކަމަކަށް ނުވެއެވެ. އަދި ޕީ.އެސް.އައި 300 އަށް ވުރެ މަތިނަމަ، އެއީ ނޭވާލުމަށްޓަކައި ބޭނުންކުރުން އެންމެ މަތީ ދަރަޖައަށް ނުރައްކާ މިންގަނޑެއް ކަމުގައިވެސް ވެއެވެ. އަދި ޕީ.އެސް.އައި ލެވެލް 150 އަށް ވުރެ މަތިނަމަ، އެފަދަ ވައިގެ ތެރެއަށް ނޭވާލާއިރު މާސްކު ބޭނުން ކުރަންޖެހޭނެ ކަމަށްވެސް ސިއްހީމާހިރުން ބުނެއެވެ.

ހއ. އިހަވަންދޫގެ ކުނިގޮނޑޫ އެންދުމުގެ ސަބަބުން ރަށުތެރެއަށް އަރައިގެންދާ ދުމާ އިންޑޮނީޝިއާގެ ސުމަޓްރާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ދުމާ ހާސްބައި ތަފާތެވެ. ސްމަޓްރާގެ ޖަންގަލިތަކުގައި އަނދަމުން ދަނީ ގަސްގަހާގެހި ކަމުގައި ވިޔަސް އިހަވަންދޫގެ ރައްޔިތުންނަށް ލިބެމުންދަނީ އިހަވަންދޫގެ ކުނިގޮނޑުން އަންދަމުންދާ އެތައް ބާވަތްތަކެއްގެ "ތާސީރު" ކޮޅެވެ.

ކުނިގޮނޑުގައި އަންދާ ޕުލާސްޓިކާ ނެޕީ ފަދަ ތަކެއްޗަށް އެކަނި ބެލި ކަމުގައި ވިޔަސް އެތަކެތި އަނދައިގެން ވިހަ ގޭސް ތައް ކަމަށްވާ ޑައިއޮކްސިން، ފުލުއޭޝް، ސަލްފަރ ޑައިއިކްސައިޑް، ނައިޓުރޯޖެން އޮކްސައިޑް، ޓޯލުޔީން، ކާބަން މޮނޮކްސައިޑް، ކާބަނޭޝަސް އަދި ޕެރަފިންސް ފަދަ މާއްދާތައް އުފެދެއެވެ.

ނުސާފު ވަޔަށް ނޭވާލުމުގެ ސަބަބުން ސީދާ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވަނީ ނޭވާލުމުގެ ނިޒާމަށެވެ. ވައިގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކުދިކުދި ޒައްރާ ތަކާއި ބައެއްކަހަލަ ގޭސްތައް އިންސާނާގެ ނޭފަތުގެ އެތެރޭގައިވާ އިސްތަށިތަކުން ފުރާނާލަ ދެއެވެ.   ނަމަވެސް ޕީ.އައި.އެސް ލެވެލް މަތިވެ ސިއްހީގޮތުން ނޭވާލުމަށް ނުރައްކާދަރަޖައަށް ވައިގެ ނުސާފުކަން ދިއުމުން ހަށިގަނޑުގައި ލައްވާފައިވާ ގުދުރަތީ ފުރޭންޏަށް، ވައި ފުރާނާލުން ނުކުޅަދާނަ ކަމަކަށްވެގެން ދެއެވެ.

އިހަވަންދޫގައި ޕޮލިއުޓެންޓު ސެޓެންޑަރޑްސް އިންޑެކްސް ބެލޭނޭ ނިޒާމެއް ގާއިމުކޮށްފައި ނެތުމާއެކު، މިހާރު އަރަމުންދާ ދުމާއެކު ވައިގެ ނުސާފުކަން ހުރީ ކޮން މިންގަނޑެއްގައިކަން ބެލޭނެ ގޮތެއް ނެތެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފު ވިދާޅުވީ ކުނިގޮނޑު އެންދުމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް ނިމިދިޔަ ކައުންސިލާއި މިހާރުގެ ކައުންސިލުންވެސް ބަލާފައި ނުވާކަމަށެވެ. ނަމަވެސް ކުނިގޮނޑު އެންދުމުގެ ސަބަބުން ސިއްހަތަށް ގެއްލުން ވާނޭކަން ޔަގީންކުރެއްވޭ ކަމަށް އާސިފު ވިދާޅުވިއެވެ.

އާސިފު ވިދާޅުވީ ރައްޔިތުންނަށް ލިބެމުންދާ ސިއްހީ ގެއްލުން ނިމުމަކަށް ގެނައުމަށް ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށެވެ. އެގޮތުން އެކަން ހައްލުކުރެވެން އޮތް ގޮތަކީ ރައްކާތެރިގޮތުގައި ކުނިނައްތާލެވޭނެފަދަ މެޝިނަރީޒް ހޯދުން ކަމަށްދެކި މެޝިނަރީޒް ހޯދުމަށްޓަކައި އެންވަޔަރަންމެންޓު މިނިސްޓުރީއާއެކު މަސައްކަތްކުރަމުންދާކަމަށް އާސިފު ވިދާޅުވިއެވެ. އަދި އިހަވަންދޫދާއިރާގެ އިތްޒަތްތެރިމެމްބަރ މުޙައްމަދު ޢަބުދުﷲ އާވެސް މިކަން ހައްލުކުރުމަށްޓަކައި މަޝްވަރާ ކުރައްވާފައިވާނެ ކަމަށްވެސް އާސިފު ވިދާޅުވިއެވެ. ނަމަވެސް އިހަވަންދޫގެ ގިނައަދަދެއްގެ ރައްޔިތުން ޤަބޫލު ކުރާގޮތުގައި ވައިގެ ނުސާފުކަމުން ރައްޔިތުންނަށް ވަމުންދާ ގެއްލުން ކުޑަކުރުމަށްޓަކައި އިހަވަންދޫގެ ކަމާބެހޭ ފަރާތްތަކުން އެއްވެސް މަސައްކަތެއް ކުރަމުން ނުދެއެވެ. ހެއްކެއް ކަމަށް އެމީހުން ބުނަމުން ދަނީ ކުނިގޮނޑު "އަންދާވަރަށް އަންދަމުން" ދާތީ ކަމަށެވެ.

ކުނިގޮނޑުން އަރާދުމުން އިހަވަންދޫގެ ރައްޔިތުންނަށް ވަމުންދާ ގެއްލުމުން އެމީހުން ސަލާމަތްކޮށްދިނުމަށްޓަކައި އިހަވަންދޫގެ ޒުވާނަކު އިސްނަންގަވައި ތައްޔާރު ކުރަންފެށި ޕެޓިޝަނަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ބަލާލުމުންވެސް މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި މިންވަރު ހާމަވެގެން ދެއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގެ ޖަންގަލިތަކުގައި ރޯވުމުން، ސަރުކާރުން ބޮޑު ހަރަދު ކޮށްގެން އެޖަންގަލިތައް ނިއްވުމަށް މަސައްކަތް ކުރަނީ ރޯވެފައިވާ އަލިފާންގަނޑު ރަށުތެރެއަށް އަރާފާނެ ކަމުގެ ބިރަށް އެކަންޏެއް ނޫނެވެ. އެތަންތަނުގައި އަނދަމުންދާއިރު، އަގުބޮޑު ތަފާތު އާލާތްތައް ބޭނުންކޮށްގެން އަލިފާން ނިއްވުމަށް މަސައްކަތް ކުރަނީ އެގައުމުގެ ރައްޔިތުންނަށް ސިއްހީގޮތުން ދިމާވެދާނެ ނުރައްކާތެރިކަމަށްވެސް ބެލުމަށްފަހުއެވެ.

ކުނިގޮނޑު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޕޮލިއުޓެންޓު ސެޓެންޑަރޑްސް އިންޑެކްސް ބެލޭނޭ ނިޒާމަކާނުލާ ދުމުގެ ތެރެއަށް މީހާ ހުށައެޅިގެން މީހާގެ ފަސް ހިއްސު ބޭނުންކޮށްގެންވެސް ވައިގެ ނުސާފުކަން ހުރީ ސިއްހީގޮތުން ރައްކާތެރި މިންގަނޑެއްގައިތޯ ބެލިދާނެ ކަމަށް ފެނެއެވެ. ނަމަވެސް އެތައްހާސް މީޓަރެއްގެ ދިގު ރަށެއްގެ އެއްކޮޅުގައި އަލިފާންޖަހާ ދުންއަރުވާފައި ރަށު އަނެއްކޮޅުގައި ހުރި ފިނިކޮޓަރީގެ ތެރޭގައި ތިއްބަވައިގެން ޕޮލިއުޓެންޓު ސެޓެންޑަރޑްސް އިންޑެކްސް ނުބެލޭނެ ކަމަށް ދެކެމެވެ.

– 15 ސެޕްޓެމްބަރު 2014 1

ރައްޔިތުންނަށްވާ ގެއްލުންކުޑަކުރުމަށް ކައުންސިލަރުން ހާދަހާ މަސައްކަތެއް ކުރެބައޭ. ކޮންމެދުވަހަކު ދަނޑަށް ކުޅެންދާއިރު ދަނޑުގަ ހުންނަ ގޯލުތައް ވަކިިނުވިޔަސް ކައުންސިލުން ކުރާ މަސައްކަތް ވަރަށް ރަނގަޅަށް ފެނޭ.

– 15 ސެޕްޓެމްބަރު 2014 0

ކާކުތަ ޕެޓިޝަން ހަދަނީ. އެހަބަރުވެސް ގެނެސްދީބަލަ. އޮންލައިން ކޮށް ޕެޓިޝަނުގަ ބާވެރިވެވޭނެތަ؟

– 15 ސެޕްޓެމްބަރު 2014 0

އަސްލު ތިބުނާވަރަކަށް ވާނުސާފެއް ނޫނޭ. ކުޑަކޮށް ކޮށިއަރާގޮތްވެފަ ލޮލުން ދިލަނެގިޔަސް އެއީ އަދި ގެއްލުންވާވަރެއް ނޫނެންނު. ކައުންސިލަށް ޕީޕީއެމް މެޖޯރިޓީ ލިބުނީމަތަ ކަލޭމެނަށް ޕެޓިޝަން ހަދަން އެނގެނީ. ކުރިން އޯކޭ ވެފަ މިހާރު އޯކޭ ނުވަނީ ކީއްވެ؟

– 16 ސެޕްޓެމްބަރު 2014 5

އަޅެ 2 ދުވަހަށް ނަމަވެސް ކައުންސިލް ހިންގުން ދަނޑުކާރީ ހުންނަ މަފުރާވިލާ ގެއަށް ބަދަލުކޮށްލަ ބަލަ. ހިޔެއްނުވޭ 2 ދުވަހުވެސް ކެތްކުރެވޭނެ ހެނެއް. ރައްޔިތުން ހަނާވަމުންދާއިރުވެސް މިވެރިން މިތެބެނީ ފިނިކޮޓަރީގަ އެފްބީގަ ތިބެގެން ޕާޓީ ޕުރޮމޯޓުކޮށް ފޮޓޯ އަޅަން. ކީކޭ ބުނާނީ.

– 16 ސެޕްޓެމްބަރު 2014 1

ކައުންސިލަރުންނަށް ތިބީ ހުސް ސޮޑުން...

– 16 ސެޕްޓެމްބަރު 2014 3

ތީ ކައުންސިލުން ކުރާކަމެއް ނޫން. ފެނަކާން ކުރާކަމެއް.

– 16 ސެޕްޓެމްބަރު 2014 2

ކޮންހާ ގިނަ ބޭކާރު ވާހަކަތަކެއް ދައްކާކަަށް. ސިއްހަތަށް ގެއްލުންވަންޏާ އާއިލާ ޑަކުޓަރުކާރިއަށްގޮސް ހުސްނުވާ އާސަންދާން ފަރުވާ ކުރީމަ ނިމުނީނު. ހަމަގާމު ޖީބަކުން އެންމެ ލާރިއެއްވެސް ހަރަދުކުރާކަށް ނުޖެހޭނެ.

– 16 ސެޕްޓެމްބަރު 2014 2

އެހެންނެންނު ވާނީ ސަރުކާރުގެ ޓިކެޓު ދެންވެސް ލިބޭނީ ޕާޓީ ޕުރޮމޯތު ކުރިވަރަކަށްނު. ހެނދުނު އޮފީހަށް ނުކުމެފަ، ގުޑު މޯނިންގ ޖަހާލާފަ މެންދުރު ވީމަ މެޑަމްގެ ފޮޓޯއެއް އަރުވާލާފަ ރޭގަނޑުވީމަ ގުޑުނައިޓް ފޮނުވާލީމަ އެހުރީ ރައްޔިތުންނަށް މަސައްކަތް ކޮށްދެވިފަ.

– 16 ސެޕްޓެމްބަރު 2014 0

މިއުޅެނީ ހުސްނުވާ އާސަންދައާ އާއިލާ ޑޮކްޓަރު ނުލިބިގެންނެއް ނޫނޭ. މިއުޅެނީ ރަށުގެ ވެރިން ތިބެގެން ރަށުގެ ރައްޔިތުން "މަޑުމަޑުން ގޮސް މަރާލަން" އުޅޭތީ.

– 17 ސެޕްޓެމްބަރު 2014 0

ރައްޔިތުނަގެ ވިންދާއި އެއްގޮތައް އަމަލުކުރާނެ ބަޔަކު ކައުންސިލަށް ހޮވަބަލަ. ޕާޓީ ޕޮރޮމޯޓްކުރުން ކަމަކީ

– 17 ސެޕްޓެމްބަރު 2014 0

ޒުވާނުންގެ ސަރުކާރުން ޒުވާނުންނަށް ދުއްތުރާ ކުރަނީ. ޒުވާނުން ކުޅެން އަންނަ އިރު ޒުވާނުންނަށް ދުންޖަހަނީ..

– 17 ސެޕްޓެމްބަރު 2014 0