ސިޙްރުގެ ބަލި ފެތުރެނީ ކީއްވެ؟؟

17 ޖުލައި 2018 0

 

ސިޙްރަކީ މާތްﷲ ޙަރާމް ކުރެއްވި ބޮޑު ހަތް ފާފަތަކުގެތެރެއިން ބޮޑުވެގެންވާ ފާފައެކެވެ. ޝިރުކުގެ ނުބައި ފާފަޔަށްފަހު އެންމެ ނުބައިކަން ބޮޑުވެގެންވަނީވެސް މިނުބައި ފާފައެވެ. ނަމަވެސް މި ދިވެހިރާއްޖެއަކީ "ސިޙްރު ބަލި "ވަރަށް ބޮޑު ޤައުމެކެވެ. މިދިވެހި ރާއްޖޭގައި ސިޔާސީ ކަމެއް ހިނގާނަމަ ސިޙްރެވެ. ފުޓުބޯޅަ މެޗެއްނަމަ މޮޅުވުމަށްވެސް ސިޙްރެވެ. މީހަކާއި ކައިވެނި ކުރުމަށް ބޭނުންވެއްޖެނަމަ އެކަމަށްވެސް ސިޙްރެވެ. ސިޙްރުހެދުމުގެ ނުބައިކަމުގެ ވާހަކަ ދީނީ ޢިލްމުވެރިން އަބަދުވެސް ދައްކައެވެ. ނަމަވެސް ބަލިވެއްޖެނަމަ ނުވަތަ ސިޙްރާއި ޙަސަދައިން ސަލާމަތްވުމަށްވެސް ދިވެހިންގެ ގިނަމީހުން ހަދަނީ ސިޙްރެވެ. ބުއްދިއެއް ހުރި މީހެއްނަމަ ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަލިފާނުން އަލިފާނެއް ނުނިއްވޭނެކަމެވެ. ހަމަ އެފަދައިން ސިޙްރުން ސިޙްރު ރަނގަޅެއް ނުކުރެވޭނެއެވެ.

ރާއްޖޭގައި މިބަލި ޢާއްމުވެފައިވާއިރު އިހަވަންދޫގައިވެސް މިބަލިވަނީ ޢާއްމުވެފައެވެ. އިސްލާމީ ޢަޤީދާ ބަލިކަށިވުމުގެ ސަބަބުން މި ބަލި ފެތުރޭ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. ޒަމާން ބަދަލުވެ ގަލަމުންނާއި ފާޑު ފާޑުގެ ދެލިން ސިޙްރު ލިޔުން މަޑުޖެހި މަސްނުވީ ސިކުނޑީގެ(ކޮމްޕިއުޓަރ) އެހީގައި އެތަކެތި ޕުރިންޓްކުރެވި ގޭގޭގެ ކަންކަނުގަޔާއި އަސްކަނިފަދަ ތަންތަނުގައި ވަޅުލާންފަށައިފިއެވެ. މިކަމުން އިނގެނީ ޒުވާންބަޔަކުވެސް މިނުބައި ފާފައިގެތެރޭގައި "މަރުފަލި" ޖަހަމުންދާކަމެވެ. ލިބިދިން ލުއިފަށޭހަކަމެއްގެ ސަބަބުންނާއި މިކަމުގައި ޒުވާނުން ބައިވެރިވާކަމުގެ ހެކިތަކުން ، އިހަވަންދޫގެ މުސްތަޤުބަލު ވަރަށް އަނދިރިވެފައިވާކަން ހާމަކޮއްދެއެވެ. އެހެންކަމުން ސިހުރުގެ ވަބާ އިހަވަންދޫއިން ފިލައިފާނެކަމުގެ އުއްމީދުވަނީ ފަނޑުވެފައެވެ. އިހަވަންދޫގައި ސިޙްރުގެ ކަމެއްނެތް ގެޔެއްނެތޭ ބުނުމަކީ މިހާރު ވަރަށްފަސޭހަ ކަމެކެވެ. މިކަންކަން މިވަރަށް ދިއުމުގެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެކަންކަމަށް މިލިޔުމުގައި އަލިއަޅުވައިލައިނަމެވެ.

  1. އިސްލާމްދީނާއި މީސްތަކުން ދުރުހެލިވުން . ސިޙްރުހަދާމީހުންނަށް ހުރަސްއެޅޭނެ އެތައްކަމެއް އެބަހުއްޓެވެ. އޭގެތެރޭގައި ފަސްވަގުތު ނަމާދު ކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި،  ﷲ ގެ ހަޟްރަތުން އެކަމުން ރައްކާތެރިކަން ދެއްވުންއެދި ދުޢާކުރުން ހިމެނެއެވެ. މިހުރިހާ ކަމަކީވެސް އަޅުގަނޑުމެންގެ މާތް ދީނުގައި އެކަންކަން ކުރުމަށް ބާރުއަޅައިފައިވާ ކަންކަމެވެ. މިކަންކަމާއި އަޅުގަނޑުމެންނަށް ދުރައްދެވެނީ އިސްލާމްދީނާއި ދުރަށް އަޅުގަނޑުމެންނަށް ދެވޭތީއެވެ. އެހެންކަމުން އިސްލާމްދީނާއި ދުރަށްދިއުމަކީ ސިޙްރުގެ ވަބާ އިހަވަންދޫގައި އާއްމުވެގެން ދިޔަ ސަބަބެކެވެ.
  2. ކުރީ ޒަމާނުގައި ގޭގެ ރައްކަލަށާއި މީސްމީހުންގެ ޒާތީ މަންފާތަށް ހާސިލްކުރުމަށް ހެދި ސިޙްރުތައް ދުވަސްވެ ބޮއްސުންލައިގެންދިޔުން . ސިޙްރަކީ ދުވަސްވުމުން ނުވަތަ އެސިޙްރެއް ވީރާނާވުމުން އޭގެ ހަޤީޤީ މަޤްޟަދު ގެއްލިގެންދާ އެއްޗެކެވެ. އެހެން ކަމުން މިހާރު މިފެންނަ ކަންކަމުގެތެރޭގައި އެކަންކަންވެސް ހިމެނެއެވެ.
  3. ކުރިއަށްވުރެއް ސިހުރުހަދަން ފަސޭހަވުމާއި އެކު ސިޙްރުހަދާމީހުން ގިނަވުން  .ކުރީގައި ސިޙްރުހަދާމީހުން ފޮތްތަކެއް ގެންގުޅެއެވެ. މިބާވަތުގެ ފޮތްތަކަކީ ރާއްޖެއެތެރެކުރުން މަނާ ފޮތްތަކެކެވެ. އެހެންކަމުން މިފަދަ ފޮތްތައް ސިޙްރު ހަދާމީހުން ގެންގުޅެނީ ވަރަށް ސަމާލުވެގެންނެވެ. ނަމަވެސް މިކަންވަނީ އެތައްގޮތަކުން ފަސޭހަވެފައެވެ. މިހާރު މިކަން ފަސޭހަވެފައިވަނީ ގޫގަލް ސާރޗުގެ ޒަރީއާއިންނެވެ.  ހަމަ އެހެންމެ ކުރީގައި އަތުލިޔުމުން ލިޔުނު ސިޙްރުތައްވަނީ ޕުރިންޓުގެ މަގަށް ބަދަލުވެ ފަސޭހަވެފައެވެ. އެހެންކަމުން ޒަމާނާއި އެކު އައި ފަސޭހަކަމަކީ ސިޙްރުހެދުން ގިނަވި ސަބަބެއްކަމުގައިވަނީ ވެފައެވެ.

 

ދެން  މިހިސާބުން އުފެދޭ ސުވާލަކީ ސިޙްރުގެ ވަބާއިން ރައްކާތެރިވާން ކުރަންވީ ކޮންކަމެއް ހެއްޔެވެ؟؟ އާދޭހެވެ. ރައްކާތެރިކަންވަނީ ﷲ ގެ ހަޞްރަތުންނެވެ. އެހެންކަމުން އެކަލާންގެއަށް އަޅުކަން ޚާލިޟްކުރުމާއިއެކު ހިތުގެ ފުންމިނުން މި ނުބައި ވަބާއިން މިންޖުވޭތޯ އެދި ދަންނަވާށެވެ. އެއަށްފަހު އެކަމުގެ ސަބަބުތަކުގައި ހިފާށެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމާއި އެކު ޝަރުޢީ ރުޤްޔާ ކުރައްވާށެވެ. ރުޤްޔާކުރުން އެންމެ ރަނގަޅީ އަމިއްލައަށެވެ. އަމިއްލައަށް ގެންދެވޭވަރު ނުވާނަމަ ރުޤްޔާކުރާ މީހެއްގެ (ރާޤީ) އެހީތެރިކަން ހޯދާށެވެ. މީސްތަކުން ދީނަށް ލޯބިކޮށް ދީނީ ކަންކަމަށް ފަރުވާތެރިވާން ފަށައިފިނަމަ އެމުޖުތަމަޢެއްގައި އުޅޭ ސިޙްރުވެރިން ކުޑަކަކޫ މައްޗައް ތިރިވެދާނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ