ސިޙުރު ހަދާ މީހެއްގެ ފަހަތުގައި ނަމާދުކުރުން — Ihavandhoo.com

ސިޙުރު ހަދާ މީހެއްގެ ފަހަތުގައި ނަމާދުކުރުން

9 މާރިޗު 2013 0

 ސިޙުރު ހެދުމުގެ ނުބައިކަން

ސިޙުރަކީ ޖިންނި ޝައިޠާނުންގެ ވާގިވެރިކަމުގައި ހެދޭ ޝިރުކުގެ ތެރެއިންވާ ކަމެކެވެ. އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ސިޙްރަކީ ގޮށްތަކަކާއި، ކިޔެވެލިތަކަކާއި، ވާހަކަދައްކާ ބަސްތަކެއް ނުވަތަ ލިޔާ ބަސްތަކެކެވެ. ނުވަތަ ސިޙްރު ހެދޭމީހާގެ ގައިގައި ބީހުމެއްނެތި އޭނާގެ ހަށިގަނޑަށް، ނުވަތަ ހިތަށް، ނުވަތަ ވިސްނުމަށް އަސަރުކުރުވާގޮތަށް ކުރެވޭ ކަންކަމެވެ. ސިޙްރުގައި ޙަޤީޤަތެއްވެ އެވެ. އޭގެ ތެރޭގައި މީހާ ބަލިކޮށްލާ ތަކެތިވެ އެވެ. އަދި މަރާލާ ތަކެތިވެ އެވެ. އަދި ދެމަފިރިން ދުރުކުރާ ތަކެއްޗާއި، ދެމަފިރިން ޖިމާޢުވުމުން ދުރުކުރާ ތަކެތިވެ އެވެ. އަދި ދެމީހެއްގެ ދެމެދުގައި ރުޅިވެރިކަން އުފައްދާ ތަކެއްޗާއި، ދެމީހުން ގަދަކަމުން ކައިރި ކުރުވާ (ލޯބިކުރުވާ) ތަކެތިވެ އެވެ. (މިއީ އިސްތިރީގެ ވާހަކައެވެ)" (المغني: 10/104، صارم البتار: ص. 13).

ސިޙުރު ހެދުމަކީ ދީނުން ބޭރުވެ މުރުތައްދުވެގެން ދާނެ ކަމެކެވެ. އެކަމަކީ ﷲ ތަޢާލާ އަށް އަޅުކަން ޚާލިސް ކުރުމުގެ ބަދަލުގައި ޝައިތާނާއަށް އަޅުކަންކޮށް އެސޮރުގެ ކިބައިން ވާތްގަށް އެދުމެވެ. ﷲ ވަހީ ކުރައްވާފައިވެ އެވެ.

وَاتَّبَعُوا مَا تَتْلُوا الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ ﴿ سورة البقرة  ١٠٢﴾

މާނައީ: “އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެބައިމީހުން ތަބާވި އެވެ. ސުލައިމާނުގެފާނު ކާފަރުވެވަޑައެއް ނުގަނެ އެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފަރުވި އެވެ. އެބައިމީހުން މީސްތަކުންނަށް ސިޙްރު އުނގަންނައި ދިނުމުންނެވެ. އަދި ބާބިލްގައިވާ ހާރުތާއި، މާރޫތާ ދެ މަލާއިކަތުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށްވެސް (އެބައިމީހުން ތަބާވި އެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމާންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރުނުވާށޭ ވިދާޅުވެ (ނަސޭޙަތްދެއްވުމަށްފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވަ އެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެބައިމީހުން އުނގެނި އުޅެތެވެ. ﷲގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެބައިމީހުން ނުވެތެވެ. އެބައިމީހުން އެ އުނގެނެނީ އެބައިމީހުންނަށް ގެއްލުންދޭ، އަދި އެބައިމީހުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ހޯދައިގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެ އެވެ. އެބައިމީހުންގެ ނަފްސުތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާ އެވެ! އެބައިމީހުން އެކަން ދަންނަ ކަމުގައި ވިނަމަ އެވެ.”

އިސްވެދިޔަ އާޔަތުގައި މަލާއިކަތް ބޭކަލުން "ތިމަންމެން ވާކަން ކަށަވަރީ އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރުނުވާށޭ" ވިދާޅުވިކަމަށް ގެންނަވާފައި ވުމުން އެނގިގެން ދަނީ ސިޙުރު ދަސްކުރުމަކީ ވެސް ކާފަރު ވާނެ ކަމެއް ކަމެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

لَيْسَ مِنَّا مَنْ تَطَيَّرَ أَوْ تُطُيِّرَ لَهُ ، أَوْ تَكَهَّنَ أَوْ تُكُهِّنَ لَهُ ، أَوْ سَحَرَ أَوْ سُحِرَ لَهُ ، وَمَنْ عَقَدَ عُقْدَةً، وَمَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ

މާނައީ: "ފާލުބަލާމީހާ އާއި، އެބަލުވާމީހާ އާއި، ކަހާނަތުކަން ކުރާ މީހާ އާއި، އެކަން ކުރުވާ މީހާ އާއި، ސިހުރު ހަދާ މީހާ އާއި، އެ ހަދުވާމީހާ އަހަރެމެންގެ ތެރެއިން ނުވެ އެވެ. އަދި ކާހިނެއްގެ ގާތަށް އައިސް އޭނާ ދައްކާ ވާހަކަ ތެދުކޮށްފިމީހާ ދަންނަ އެވެ. ފަހެ، ހަމަކަށަވަރުން އޭނާ މުޙައްމަދުގެފާނު މައްޗަށް ބާވާލެއްވުނު ޝަރީޢަތަށް ކާފަރުވެއްޖެ އެވެ."(البزار: 3578 އައްސިލްސިލަތުއް ޞަޙީޙާ: 2195)

އަދިވެސް ޙަދީޘްފުޅުކުރެއްވިއެވެ.

 “مَنْ أَتَى كَاهِنًا أَوْ عَرَّافًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ) “رواه الإمام أحمد 2429)

މާނައީ: “ކާހިނެއްގެ ގާތަށް (ފާލުބަލާ މީހުން) ނުވަތަ އަތްބަލާމީހެއްގެ ގާތަށްގޮސް އެމީހުން ދައްކާވާހަކަ ތެދުކޮށްފިމީހާ މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފަރުވެއްޖެއެވެ.”

ސިހުރުހެދުމަކީ އެންމެ ބޮޑެތި ފާފައިގެ ތެރެއިން ހިމެނޭ ކަމެކެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

((اجْتَنِبُوا السَّبْعَ الْمُوبِقَاتِ)) قَالُوا: يَا رَسُولَ اللهِ وَمَا هُنَّ؟ قَالَ: ((الشِّرْكُ بِاللهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللهُ إِلَّا بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلَاتِ)).

މާނައީ: "ތިޔަބައިމީހުން ހަލާކުކުރަނިވި ހަތްފާފައިން ދުރުހެލިވާށެވެ." އެބޭކަލުން ދެންނެވި އެވެ. "އޭ ﷲގެ ރަސޫލާ އެވެ! އެފާފަތަކަކީ ކޮބައިތޯ އެވެ؟" ޙަދީޘްކުރެއްވި އެވެ. "(އެއީ) ﷲއަށް ޝަރީކުކުރުމާއި، ސިޙްރުހެދުމާއި، ޙައްޤަކާނުލައި ﷲ ޙަރާމްކުރެއްވި ނަފުސެއް ޤަތުލުކުރުމާއި، ރިބާކެއުމާއި، ޔަތީމުންގެ މުދާ (ބާޠިލުކޮށް) ކެއުމާއި، ހަނގުރާމަކުރެވޭ ދުވަހު ފުރަގަސްދީ ފިލަންދުވުމާއި، މުއުމިނު ޢިއްފަތްތެރި އަންހެނުންނަށް (ޒިނޭގެ) ތުޙުމަތުކުރުމެވެ." (3 البخاري: 2766، 6857، ومسلم: 89.)

 

ސިޙުރު ދަސްކުރުމާއި ސިޙުރު ހެދުމަކީ އިސްލާމްދީނުން ބޭރުވެގެންދާނެ ކަމެއްކަން އިސްވެދިޔަ ދަލީލުތަކުން ވަރަށް ރަނގަޅަށް ސާފުވެ އެވެ.

ސިޙުރު ހަދާ މީހެއްގެ ފަހަތުގައި ނަމާދުކުރުން

ސިޙުރު ހެދުމަކީ ޝިރުކުގެ ތެރެއިން ވާ ކަމެކެވެ. އިސްލާމް ދީނުން ބޭރުވެ މުރުތައްދު ވެގެން ދާނެ ކަމެކެވެ. ވީމާ މިފަދަ މީހެއްގެ ފަހަތުގައި ނަމާދު ޞައްޙަ އެއް ނުވާނެ އެވެ.

ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ.

وَلَن يَجْعَلَ اللَّـهُ لِلْكَافِرِينَ عَلَى الْمُؤْمِنِينَ سَبِيلًا ﴿ سورة النساء  ١٤١﴾

މާނައީ "މުއުމިނުންގެ މައްޗަށް ކާފަރުންނަކަށް އެއްވެސް އިސްކަމެއް ﷲ ނުލައްވާނެތެވެ."

ވީމާ ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަން ކަމަށްވާ ނަމާދުގައި އިމާމަކަށް ކާފަރަކު ހުރުން ހުއްދަ ވާނީ ކޮންފަދައަކުން ހެއްޔެވެ.

ސިހުރު ހަދާ މީހުންގެ ފަހަތުގައި ކުރާ ނަމާދާ ބެހޭގޮތުން އަބޫ އުސައިދު އަލްރާޤީ ވިދާޅުވެފައިވެ އެވެ.

"ފަންޑިތައޭ ތިބުނުއްވަނީ ސިހުރު (ޖިންނި ޝައިޠާނުން ރުއްސައިގެން އެމީހުންގެ ކިބައިން އެހީހޯދައިގެން ހަދާ އެއްޗެއް) ކަމަށްވާނަމަ އެއީ ކުފުރެކެވެ. އެފަދަ މީހާ އިސްލާމްދީނުން ބޭރުވާނެކަމަށް ޢިލްމުވެރިން ފަޠުވާ ދެއްވަ އެވެ. އަދި އެފަދަ މީހުންގެ ފަހަތުގައި ނަމާދު ކުރުން ހުއްދަވެސް ނުވާނެ އެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ الله އެވެ."

އައްޝެއިޚް އިބްން ބާޒް ރަހިމަހުﷲ ވިދާޅުވެފައިވެ އެވެ. "ސިޙުރު ދަސްކުރުމަކީ ކުފުރެކެވެ. (ކާފިރުވާނެ ކަމެކެވެ.)" مجموع فتاوى ومقالات متنوعة للشيخ ابن باز 6/371

ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީ (فتاوى اللجنة الدائمة) ގެ ފަތުވާގައިވެ އެވެ.

"ޝިރުކު ހިމެނޭ ތަވީދު ހަދާ މީހެއްގެ ފަހަތުގައި ނަމާދު ޞައްޙައެއް ނުވާނެ އެވެ. މިފަދަ މީހަކަށް އެއީ ޝިރުކުކަން ބުނެދީ ނަސޭހަތްދޭން ވާނެ އެވެ." "فتاوى اللجنة الدائمة" (3/65).

ވީމާ މީހަކު ސިޙުރު ހަދާކަން އެނގިއްޖެނަމަ އޮތީ ނަސޭހަތް ދިނުމެވެ. އެކަމަކީ ޝިރުކުގެ ތެރެއިންވާ ކަމެއްކަން ބުނެދިނުމެވެ. ސިޙުރު ދަސްކުރުމާއި ސިޙުރު ހެދުމަކީ އިސްލާމް ދީނުން ބޭރުވެ މުރުތައްދު ވެގެންދާނެ ކަމެއްކަން ކިޔައިދިނުމެވެ. މިފަދަ މީހެއްގެ ފަހަތުގައި ނަމާދު ކޮށްގެން ނުވާނެ އެވެ.

މަޢުލޫމާތު ނެގީ

  • ކީރިތި ޤުރުޢާނުގެ ދިވެހި ތަރުޖަމާ 2008، ރަޢީސުލް ޖުމްހޫރިއްޔާގެ އޮފީސް
  • محمد صالح المنجد. (2012). الصلاة خلف من يكتب التمائم  ނެގީ http://islamqa.com/ar/ref/104111
  • މައިތިރި. (2012). ނެގީ http://maithiri.com/?p=137
  • މައިތިރި. (2012). ނެގީ http://maithiri.com/?p=691

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ