ސިޔާސީގޮތުން ތަޞައްރުފް ފުދެން ޖެހެ އެވެ. — Ihavandhoo.com

ސިޔާސީގޮތުން ތަޞައްރުފް ފުދެން ޖެހެ އެވެ.

6 ޑިސެމްބަރު 2013 2

ގިނަ ޕާޓީ އެކުލެވޭ ތަފާތު ސިޔާސީ ފިކުރާއި ޚިޔާލަށް ރަސްމީކޮށް ޖާގަދެވިފައިވާ ވާދަވެރި ސިޔާސީ ހަރަކާތް ހިންގޭނެ ނިޒާމެއް ދިވެހިން ބަލައިގަނެ ދީމިޤްރާޠީ ހަމަތަކުގައި ދިވެހިން ފައިތިލަ ހަމަކުރީ 2008 ވަނަ އަހަރު އެވެ. ޒަމާންވީ ޚުދުމުޚުތާރުކަމުން އެތަށް ބަޔަކަށް ލިބުނު ހިތްދަތި ކަމާއި އަނިޔާއިން ހިތްވަރު ލިބި، ނާތަހުޒީބީ ފިކުރުތަކުން ދިވެހިން ސަލާމަތްވެ ހަމައިސްކޮޅަށް ދިވެހިމީހާ ހިންދެމިލީ އިހަށް ދަވަހު އެވެ. މި ނިޒާމުގެ އަސާސީ ސިފަތަކުން ފައްކާވެ ވާދަވެރި ސިޔާސީ ހަރަކާތަށް ދިވެހިން ފަރިތަކޮށް ތަރުބިއްޔަތު ކުރުމުގެ ޒިންމާ އުފުލަމުން އަންނަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހިންމަތާއި މިންނަތުންނެވެ.

ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ އާއި، ސިޔާސީ ނިޒާމުގައި ޑިމޮކްރެޓިކް ހަމަތައް ހިފަހައްޓައި ވެރިކަމުގެ ވާދަވެރިކަމުގައި ސިޔާސީ ޕާޓީގެ ޒިންމާ ރިވެތިގޮތުގައި ހިފެހެއްޓުމަށް މަސައްކަތް ކުރަނީ އެ ޕާޓީ އެވެ. އެ ޕާޓީގެ ގޮތްތަށް ދޫނުކުރުމުގެ ނަތީޖާ އަކީ އެހެން ޕާޓީތަކުން އެ ގޮތްތަކުގައި ހިފުމަށް މަޖުބޫރުވުމެވެ. ރައީސް މައުމޫންގެ އިންތިޚާބީ ފޭލިވުމަށް ފަހު ޚުދު އެމަނިކުފާނުގެ ޕާޓީން މިފަހަރު ރިޔާސީ ކެނޑިޑޭޓަކު ހޮވީ ޕްރައިމަރީ ބާއްވައިގެންނެވެ. ހަމަ އެމަނިކުފާނުގެ ސިޔާސީ ނާކާމިޔާބަށް ފަހު ގަދަބާރާއި ނުކިއްސަރު ކަސިޔާރު ހަމަތަކުގެ ތެރެއިން ވެރިކަމުގެ ބާރުތަށް ފުރޮޅާލައި، އިންތިޚާބުގެ ވާދަވެރިކަމުގައި އިންސާފުގެ ހަމަތަށް ނަގާލައި މޮޅުވާނެހާ ބޭއިންސާފުން ކަންކޮށް ތާޖުކޮޅު އެ ވަނީ ފަތަހަކޮށްފަ އެވެ. ނަމަވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ގުނަވަންތަކުން މަރުހަބާގެ ހަދިޔާ އެމަނިކުފާނަށް ފޮނުވި އެވެ. ކާމިޔާބުވި ކޮއްކޯފުޅާ ވާދަވެރިޔާ ސަލާން ކުރައްވައި ނާކާމިޔާބީ ބަލައިގަތެވެ. އެ މިސާލު ތަކުރާރުކުރައްވަން އެހެން ވާދަވެރިން ދެން ދަންނާނެތެވެ.

ކޮންމެއަކަސް އަލަށް ތަޢާރަފްވި ނިޒާމުގައި ޚުދުމުޚުތާރު ވެރިންނަށް ކޮންމެ ކަމެއް ވެސް ޖެހޭނީ އުނގަންނައިދޭށެވެ. މަޑުމަޑުން މި ނިޒާމުގެ ފޮނި މީރުކަން ރައްޔިތުން ދެކޭނެ އެވެ. އަވަސް ތަރައްގީގެ އުފާވެރިކަމެވެ.

ދަންނަވަން މިއުޅެނީ ވާދަވެރި ސިޔާސީ ނިޒާމުގައި އެންމެ މަތީގައި އިންނެވި ގައުމުގެ ވެރިމީހާއާ ހަމައިން ފެށިގެން ކައުންސިލްތަކުގައި ތިއްބެވި ކައުންސިލް މެމްބަރާ ހަމައަށް ސިޔާސީ ނިޒާމުގައި ހިފަހައްޓާލެވޭނެ ހިތްވަރާއި ބުންވަރު ހުންނަންޖެހޭނެ ވާހަކަ އެވެ. އަދިކިއެއްތަ އާންމުކޮށް ދިވެހި ހުރިހާ ރައްޔިތުންނަކީ ސިޔާސީ ކަންކަމުގައި ކުފޫހަމަވާ ބަޔަކަށް ވާންޖެހޭ ވާހަކަ އެވެ. ސިޔާސީ ވާދަވެރިކަމުގައި ސިޔާސީ މެދުމިން ފަރިތަކުރެވި ސިޔާސީ ނަތީޖާ ނެރެވޭނެ ހިކުމަތްތެރި ރައްޔިތަކަށް ރައްޔިތުމީހާ ފައްކާވާން ޖެހޭ ވާހަކަ އެވެ. ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ބުއްދިވެރިކަން އިސްކުރަން ޖެހޭ ވާހަކަ އެވެ.

ރައްޖޭގެ ތާރީޚްގައި ވެސް ބޭއްވެން ފެށުނު ޑިމޮކްރަޓިކް އިންތިޚާބުތަކުގެ ދެ ވަނަ މޫސުން ދިވެހިންނާ މިހާރު މިވަނީ ބައްދަލުވެފަ އެވެ. މޫސުމުގެ އެންމެ ވަރުގަދަ ކޮޅިގަނޑުން ހިތްދަތި ތަކްލީފްތަކަކަށް ފަހު ދިވެހިންނަށް މި ވަނީ މިންޖުވެވިފަ އެވެ. ކުރިއަށް އޮތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެވެ. އެއަށްފަހު މަޖިލިސް އިންތިޚާބެވެ.

ކައުންސިލްތަކުގައި ޕާޓީތަކުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށްޓަކައި ވާދަވެރި ޕްރައިމަރީސްތައް މިހާރު ވަނީ ބާއްވާ ނިމިފަ އެވެ. ޕްރައިމަރީގެ ސަބަބުން ޕާޓީތަކަށް އެކި މިންވަރުގެ ގެއްލުތަކާއި ފައިދާވެސް ވާނެތެވެ. ނަމަވެސް އެ ވާހަކަ ދައްކާކަށް ނޫނެވެ.

އިހަވަންދޫގައި ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި ކަންހިނގި ގޮތުގެ މައްޗަށް އެއްޗެއް ދަންނަވަން ކަމަށެވެ.

އަތޮޅު ކައުންސިލަށް ކުރިމަތިލީ ބޭނުންވާ މިންވަރަށް ކަމަށް ވާތީ ޕްރައިމަރީއަކަށް ދާން ނުޖެހުނެވެ. ރަށުކައުންސިލްގެ 5 ޓިކެޓަށް 8 މީހުން ކުރިމަތިލި އެވެ. 8 މީހުންތެރޭގައި މިހާރު ކައުންސިލް މެމްބަރުކަން ކުރައްވާ 4 ބޭފުޅަކުވެސް ހިމެނުނެވެ.

މިދިޔަ ހޮނިހިރު ދުވަހު އިންތިޚާބު ބޭއްވުނެވެ. އިންތިޚާބުގައި އެންމެ ގިނައިން ވޯޓު ހޯދައިގެން 5 މީހަކު ރީނދޫ ޓިކެޓް ލިބޭނެކަން ޔަގީން ކުރި އެވެ. ޓިކެޓް ނުލިބުނު މީހުންގެ ތެރޭގައި މިހާރު ކައުންސިލްގެ ރައިސްކަން ކުރައްވާ ޝަހަރުއާބާދު، މުޙައްމަދު ސަމީރާއި، ކައުންސިލްގެ ނާއިބު ރައީސް މާވަޑިގެ، ޢަބްދުﷲ މަންސޫރު ހިމެނުނެވެ. ދެ ބޭފުޅުންނަށް ވެސް ވޯޓު ލިބުނީ ދާދި ހަމަހަމަ ކޮށެވެ.

އިންތިޚާބު ބޭއްވުމުގެ ކުރިން ކެނޑިޑޭޓުންގެ މެދުގައި ވެވުނު އަހުދެއް އޮތެވެ. ކޮންމެ ބަޔަކު ހޮވުނަސް ހޮވޭ ބައެއްގެ ފަހަތަށް އެރުމަށެވެ. ނުހޮވުނަސް ހިތްވަރު ގަދަކޮށްފައި ޕާޓީގެ އުޞޫލުތަކަށް އިޙްތިރާމް ކުރުމަށެވެ. ކާމިޔާބުވި ފަރާތްތަކާ އެކު ބާރަށް ބާރަށް ކުރިއަށް ދިއުމަށެވެ.

އަވަށު ރޫހާއި އަވަށު ވާދައަކީ އަބަދުވެސް އިހަވަންދޫގައި އޮންނަ ކަމެކެވެ. ވަކި ރަށެއްގައެއް ނޫނެވެ. ކޮންމެ މުޖުތަމަޢެއްގެ ވެސް މުޖުތަމަޢުގެ ދިރުން ކަމުގައި ދެކެނީ ވާދަކުރުމެވެ. ފަރުދީ ވާދަކުރުންތަކުން ފެށިގެން އާއިލީ ނަސްލީ ވާދަކުރުންތަކާއި، އަވަށު ފެންވަރުން ފެށިގެން ރަށާއި އަތޮޅާއި އަދި ގައުމީ ފެންވަރުގައި ވެސް ވާދަވެރިކަން އޮވެ އެވެ. މިއީ ގަބޫލުކުރަން ޖެހޭ ހަގީގަތެވެ.

ނަމަވެސް ވާދަވެރިކަން އޮންނަން ވީކީ ހަސަދަވެރިކަމުގައެއް ނޫނެވެ. އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަނެ މަގާމާއި ޖާހާއި ގަދަރުވެރިކަން އުފެއްދުމުގައި އޮންނަ އެއްޗަކަށް ވާދަކުރުން ވެގެން ނުވާނެ އެވެ. ވާދަކުރަން ވީ ހެޔޮކަންކަން ކުރުމުގަ އެވެ. ކުރިއަރާ ދާންވީ ހެޔޮބަސް ބުނުމާއި ހެޔޮ ޢަމަލުކުރުމުގަ އެވެ. އަވަށު ވާދަވެރިކަން އޮންނަންވީ ތަރައްޤީ ހޯދުމުގަ އެވެ. އިޖުތިމާޢީ ކުރިއެރުމާއި ޖަމާޢީ ޤާބިލްކަން އިތުރުކުރުމުގަ އެވެ.

އެންމެ އިހުޒަމާނުންސުރެ ފެށިގެން މިއަދާ ހަމައަށް ވެސް އިހަވަންދޫގައި އަވަށު ވާދަވެރިކަން އޮންނަ ކަމާމެދަކު އެއްވެސް ފަރާތަކަށް ދެބަހެއް ނުވެވޭނެ އެވެ. މޯނިންގ ކްލަބާއި އިވްނިންގ ކްލަބުގެ ޒަމާނުންފެށިގެން އިމަގު ޖަމިއްޔާ އާއި ކްލަބް ޕޯލްސްޓާރއާ ހަމައަށް އާދެވިފައި މި ވަނީ އަވަށު ރޫޙާއި އަވަށު ވާދަކުރުންތަކުގެ ތެރެއިން ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ.

އިހަވަންދޫގެ އާބާދީގައި ދާދިއިހަށް ދުވަހާ ހަމައަށް ވެސް ކައިވެނި ކުރުމުގައި އަވަށު މީހުންނަށް އިސްކަން ދިނުމުގެ ޘަޤާފަތެއް އޮތެވެ. ދެ އަވަށުގެ ބޮޑެތި އާއިލާތަކުގައި މަސްހުނިކަން ކުޑަވެފައި ވަނީވެސް އެހެންވެ އެވެ.

އަވަށު ރޫހުގައި ނިކުމެ އަވަށު ވާދަވެރިކަމުގައި އިހަވަންދޫގައި ބޮޑެތި ތަރައްޤީގެ މަސައްކަތްތައް ހިންގާފައިވެ އެވެ. އަވަށު ވާދަވެރިކަން އޮންނަންވީ ހަގީގީ މަންޒަރު ކިތަންމެ ފަހަރަކު އިހަވަންދޫ ރައްޔިތުން ވަނީ ދައްކާދީފަ އެވެ. މިގޮތުން އަވަށު ރޫހުގައި ނިކުމެ ގައުމީ ފެންވަރުގެ ކުޅިވަރު މުބާރަތްތަކުގައި ދެ އަވަށުގެ ވާދަވެރިކަން ރިވެތިގޮތުގައި އާދަޔާ ޚިލާފަށް ފެނިގެން ގޮސްފައިވެ އެވެ. މިކަން އިހަށް ދަވަހަކު ވެސް ވަނީ ފެނިފަ އެވެ. އަދި މީގެ އަހަރުތަކެއް ކުރިން އިހަވަންދޫ ސްކޫލްގެ ވަށާފާރު ކުއްލިގޮތަކަށް ރާނާ ނިންމާލާފައި ވަނީ ވެސް ހަމަ އެ ރޫޙުގައި ނިކުމެގެންނެވެ.

ނަތީޖާ އަކީ ކޮންމެ އަވަށެއްގައި އަވަށު ލީޑަރުން ތިބުމެވެ. އަވަށު މީހުން އިހްތިރާމް ކުރާ ގަދަރުވެރިން ތިބުމެވެ. މި ޖީލަށް ބަލާނަމަ ކުންޑަ ޢަބްދުﷲގެ މުޙައްމަދު ޢަބްދުﷲ (މާންބެ) އަކީ ހުޅަނގު އަވަށަށް ނިސްބަތްވާ އެފަދަ ލީޑަރެކެވެ. އިރުމަތީ އަވަށުން ނަމަ ނައިންބޭ(މުދިންބޭ)ގެ ޙުސައިން ރަޝީދަކީ ހަމަ އެފަދަ ލީޑަރެކެވެ.

އަވަށު ރޫޙު އަބަދުވެސް ވިހަ ވަނީ ވެރިކަމާ ހިސާބުންނެވެ. ރަށަށް ކަތީބުން ލެއްވުމާއި ކަތީބުކަމުގެ ވާދާގައި އަވަށު ރޫޙު ޖެހި ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ. ދިގުދެމިގެންދިޔަ ހުޅުޖެހުމުގެ ސިލްސިލާތައް ހިނގާފައި އެބަހުއްޓެވެ. މަލާމާތް ކުރުމާއި ވާދަކިޔުމަށް ލަވަ ރެކޯޑްކުރެވި އާންމު ކުރެވިފައިވެ އެވެ. ރަށުތެރެ އަށް ލިޔުން އަޅައި ބޮޑެތި ފަސާދަށްތައް ހިނގާފައިވެ އެވެ. އެންމެ މަޝްހޫރު އެއް ލިޔުމަކީ "ރަތްލޭ"ގެ ނަމުން ނަންދެވުނު ލިޔުމެކެވެ. އަވަށު ރޫޙުގެ ތެރެއިން ބައެއް މީހުން ޖަލަށް ލެވި އަނިޔާ ލިބިފައިވެ އެވެ. މިވާހަކަ ފަހުން ދައްކާން ކަމަށް ކުރުކޮށްލަމުން މައުޟޫޢަށް އެނބުރެމާ ހެއްޔެވެ!

ކޮންމެއަކަސް 2005 ވަނަ އަހަރު ޕާޓީގެ ނިޒާމު އުފަން ވުމާއެކު، އަވަށު ވާދާގައި ޖެހިފިތި ބަނދެވިފައި ތިބި މީހުން ޕާޓީ ފިކުރުގައި ޖެހެވި ކުލަ އެއްގޮތްވުމުން މާފުލިބި އަވަށު ރޫޙު ގެއްލި ޕާޓީ ރޫހު ވަރުގަދަވި އެވެ. އަވަށު ވާދަކިއުމަކީ މި ޒަމާނުގެ ޒުވާނުންގެ މެދުގައި އެހާ މަގުބޫލު ކަމަކަށް ނުވި އެވެ. ރަށުގެ ބޮޑެތި އާއިލާތައް މަސްހުނިވެ ދެ އަވަށުގެ ގުޅުންތައް އެކުވެ، ގޭބިސީތަށް ރުކުރުވިގެން ދިއުމުގެ ނަތީޖާ އަކީ އަވަށު ވާދަކިއުމުގެ ރޫހުގެ މަގުބޫލުކަން ގެއްލުމެވެ. އޭގެ ބަދަލުގައި ފެންނަން ފެށީ އިޖުތިމާޢީ ފެންވަރުގައި ރަށުގެ ޖަމިއްޔާތަކުގެ މެދުގައި ވާދަވެރިކަން އުފެދުނު ތަނެވެ. ޕާޓީ ފިކުރުގައި މީސްމީހުން އެކުވެފައި ތިއްބެއް ކަމަކު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އަވަށު ވާދާގައި ޒާމާތައް ހޭދަކޮށްފައިވާ ފަރާތްތަކަށް ލިބޭ ކޮންމެ ފުރުޞަތެއްގައި ޕާޓީގެ ފިކުރު ހަނދުމަނެތި އަސްލަށް ވާސިލްވާނެކަމެވެ. އެއީކީ މައްސަލައެއް ނޫނެވެ.

ސަމީރާއި މަންސޫރަށް ކުރިމަތިވި ނާކާމިޔާބަށް ފަހު މި ދަންނަވާ އަވަށު ވާދަ އަނެއްކާ ވެސް ވުޖޫދު ވެއްޖެ އެވެ. އެ ދެ ފަރާތުން ވެސް ތުހުމަތު ކުރަނީ އަވަށު ވާދާގައި ބަޔަކު ނިކުމެ އެ ދެ ފަރާތް ފޭލި ކޮށްލީ ކަމަށެވެ. އެހެނީ އިންތިޚާބު ކާމިޔާބު ކުރި ފަރާތްތަކަކީ ވަކި އަވަށަކަށް ނިސްބަތްވާ ބައެއް ކަމަށެވެ. އެއްގޮތަކީ ހަމަ ހަގީގަތުގައި އަވަށު ވާދާ އިންތިޚާބު ތެރޭގައި އޮތުމެވެ. އަނެއް ގޮތަކީ ބަލިވުމުން އެ ބޭފުޅުންގެ ހިތްތަކަށް އަވަށު ވާދަ ވަނުމެވެ.

އަނެއް ހަގީގަތަކީ މިފަހަރު އިންތިޚާބުގައި ވާދަކުރި 8 މީހުންގެ ތެރެއިން ހުޅަނގު އަވަށަށް ނިސްބަތް ކުރެވެނީ ސަމީރާއި މަންސޫރު އެކަނި ކަމެވެ. ކޮންމެ މީހަކަށް ވެސް ލެވެނީ 5 ވޯޓުކަމުގައި ވާތީ އަވަށު މީހުން އަވަށު ދަރިންނަށް ދީފައި ބާކީބައި އަނެއް އަވަށު މީހުންނަށް ދިނުމުގެ ފުރުޞަތު އޮތުމުން އިރުމަތިން ނިކުތް ކެނޑިޑޭޓުންނަށް ވޯޓު ގިނަވުމަކީ އިންތިޚާބީ ވަރަށްބޮޑު ހަގީގަތެކެވެ. މި ހަގީގަތާއެކު ދެ މީހުންނަށް ވެސް ލިބުނު ވޯޓު ދާދި ހަމަހަމަ ވުމުން ދެ ފަރާތަށް ވެސް ކުރިމަތިވީ އެއް ސަބަބެއްކަން ޔަގީނެވެ. ކައުންސިލްގެ ވެރިންކަމުގައި ވާތީ ވީގޮތެއް ކަމަށް ވުންވެސް ގާތެވެ. ކޮންމެއަކަސް އެ ދެ ފަރާތުން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރަން ގަސްދުކޮށް އެކަން އާންމު ކުރެއްވި އެވެ.

ހިތާމަ ޖެހެނީ މިހާ ހިސާބުންނެވެ.

ގަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް މުޙައްމަދު ސަމީރަކީ އިހަވަންދޫގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަމިއްލަ މަސްލަހަތު ދުރައްޖައްސަވައި އިހަވަންދޫ ރައްޔިތުންގެ މަސްލަހަތުތަކަށް އިޖާބަ ދެއްވި ހިތްވަރު ގަދަ ބޭފުޅެކެވެ. ޕާޓީގެ އެދުންތަކާއި އާއިލީ ބޭނުންތަކަށް ނުބައްލަވައި އިންސާފުވެރި ވެރިކަމެއް އިހަވަންދޫ ރައްޔިތުންނަށް ކޮށްދެއްވި ހިކުމަތްތެރި ބޭފުޅެކެވެ. ޒަމާންތަކަށް ދެމިގެންގޮސްފައިވާ ނުކިއްސަރު ކިތަންމެ ކަމެއް ހުއްޓުވައި އަވަސް ފިޔަވަޅުގައި ބާރަށް ވަޑައިގެންނެވި ވެރިއެކެވެ. ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަށް އިސްކަންދެއްވި ބޭފުޅެކެވެ. އެއްވެސް ބޭފުޅަކާ މެދު ޒާތީ ގޮތް ނުގެންގުޅުއްވި، ރައްޔިތުންގެ ލޯބި ހޯއްދެވި ގާބިލް ބޭފުޅެކެވެ. ނަތީޖާ އަކީ ސަމީރަށް ޖެއްސުމެއް ކުރާނެ އެއްވެސް ރައްޔިތެއް އިހަވަންދޫގައި ނެތުމެވެ. ދެއްކޭނެ ވާހަކައެއް ވެސް ވާދަވެރިން އަތުގައި ނެތުމެވެ.

ސަމީރުގެ މަގުބޫލްކަމުގެ ސިއްރަކީ ޢަބްދުﷲ މަންސޫރެވެ. މަންސޫރުގެ ހިކްމަތްތެރި ފިލާވަޅުތަކެވެ. ކޮންމެ ދަނޑިވަޅެއްގައި ވެސް ސަމީރަށް ދެއްވި އިރުޝާދެވެ. މަންސޫރުގެ ލަފާވެރިކަމަކީ ޕާޓީއަށް ވެސް ލިބުނު ރަނުގެ ފުރުސަތެކެވެ. މިއީ ދެބަސްވެވޭނެ ވަރަށްވުރެ މާ ސާފުކޮށް ފެންނަން ހުރި ކަންކަމެވެ. ނައިބު ރައީސެއްގެ ޒިންމާ މަންސޫރު އަދާކުރެއްވީ ނައިބު ރައީސެއްގެ ގޮތުގައި ބުއްދިވެރިކަމާ އެކުގަ އެވެ.

ރީނދޫ ޓިކެޓް ދެ ބޭފުޅުންނަށް ގެއްލުމަކީ ޕާޓީގެ މެމްބަރުން ދެ ވަނަ ވިސްނުމަކަށް ދާންޖެހުނު ކަމެކެވެ. ޕާޓީގެ އެތައް މެމްބަރުންނެއް މާޔޫސް ކުރުވި ކަމެކެވެ. ނަމަވެސް ޖަޒުބާތުގައި ޖެހިވަޑައިގެން ތިއްބަވާފައި، ޖަޒުބާތުގައި ޖެހެވިގެން އައި މީހުން ދިން ލަފަޔާއެކު ނަފްސުގެ މައްޗަށް ބުއްދި އިސްވުމުގެ ކުރިން ދުލުން ބޭރުކުރެވުނު ބަސްތަކާއި ނިންމުނު ނިންމުތަކަކީ އެ ދެ ބޭފުޅުންގެ ވެސް ސިޔާސީ ހަޔާތުގައި އެޅުނު ޅަ އެއްޗެއްކަން ރޭކާލީ އިހަވަންދޫ ކައުންސިލަށް 7 މެމްބަރުންގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ދެއްވުމުންނެވެ. އެހިނދު އެ ދެ ބޭފުޅުންވެސް ތިއްބެވީ ވަގުތު ބަލާފައި ވާދަވެރިން ޖެހި މަޅިތަކުގައި ރަނގަޅަށް ބަނދެވިފަ އެވެ. ދެކެވުނު ވާހަކަތަކުގެ ސަބަބުން ޕާޓީގެ މެމްބަރުންގެ މެދުގައި އިންތިހާ އަށް ނުތަނަވަސްކަން އުފެދިފަ އެވެ. ގުޅިގެން އިތުބާރާއެކު މަސައްކަތް ކުރުމުގެ ރޫހު ގެއްލިފަ އެވެ. ޓީމެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ އަޒުމް ގެއްލިފަ އެވެ.

މި ހަގީގަތް ޕާޓީގެ ވެރިން ބަލައިގަންނަން ޖެހެ އެވެ. ކެމްޕެއިން ފެށުމުގެ ކުރިން ގޯސްވެފައިވާ ގުޅުންތައް ބަދަހި ކުރަން ޖެހެ އެވެ. ދެކެވުނު ވާހަކަތަކަށް ޖަވާބެއް ލިބެން ޖެހެ އެވެ. އިތުބާރު ހިފެހެއްޓޭނެ މާހައުލެއް ގާއިމުކޮށްދެވެން ޖެހެ އެވެ.

ޕާޓީގެ ހަރަކާތް އިހަވަންދޫގައި ފެތުރިގެން ގޮސްފައި ވަނީ އެތައް ބައެއްގެ ގުރުބާނީތަކަކުންނެވެ. ދަތި ވަގުތުގައި ޕާޓީގެ ތާއީދު ދަމަހައްޓާފައި ވަނީ މާލީގޮތުންނާއި ޖިސްމާނީގޮތުން ދޭން ޖެހުނު ކޮންމެ އަގެއްވެސް ދައްކައިގެންނެވެ. ވީހިނދު ޕާޓި ގެއްލި ފަނާވެގެން ދިއުމަށް ޕާޓީގެ އެއްވެސް މެމްބަރަކު ނޭދޭނެ އެވެ.

ހަމަ ހަގީގަތުގައި ވެސް ޕާޓީގެ ކެނޑިޑޭޓުންގެ މެދުގައި ހަގީގީ އެކުވެރިކަމެއް މިހާރަކު ނެތެވެ. އެއްކެނޑިޑޭޓަކު އަނެއް ކެނޑިޑޭޓަކަށް އިތުބާރު ނުކުރެ އެވެ. އެއް ކެނޑިޑޭޓަށް ލިބޭ ވޯޓު އަނެއް ކެނޑިޑޭޓާ ޙިއްސާ ކުރާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ވީމާ މި ހަގީގަތްތައް ގަބޫލުކޮށް އިންތިޚާބުގެ ކުރިން، ޕާޓީގެ ކެނޑިޑޭޓުންގެ މެދުގައި އުފެދި ސިއްރުކުރެވިފައިވާ ނުތަނަވަސްކަން ފިލުވާލަން ޖެހެ އެވެ. ކެނޑިޑޭޓުން އެއް ވިސްނުމަކަށް އެ ފިކުރަކަށް ރުޖޫޢަވާން ޖެހެ އެވެ.

ގޯސް މަގަކުން ނުވަތަށް ގޮސް ރަނގަޅު ގޯޅި އެޅޭނީ ހިތްވަރެއް ހުރެގެންނެވެ. ލޯމަރާފައި ދާން ޖެހޭ ހިސާބުގައި ލޯވެސް މަރައިގެންނެވެ. ފަސޭހަ ކުރުމުގެ ގަސްދެއްވެސް ނެތެވެ. ތަކުރާރުނުކުރުމަށްތަކަ އެވެ.

ސިޔާސީ ވާދަކުރުމާއި، ޕާޓީ ހިންގުމުގައި އަވަށު ވާދަކިޔުން ހުއްޓާލަން ޖެހެ އެވެ. ޕާޓީގެ ނިސްބަތަށް ވުރެ އަވަށު ރޫޙު ދަށްކުރަން ޖެހެ އެވެ. ސިޔާސީ ބޭނުންތަކުގައި ޕާޓީ ގުރުބާން ކުރުން ހުއްޓާލަން ޖެހެ އެވެ. ސިޔާސީ ބޭނުންތަކުގައި ޒާތީ ވުން ނައްތާލަން ޖެހެ އެވެ. ޚާއްސަވެ އެއް ފިކުރުގައި އެ އަސާސެއްގައި ތިބޭ ބައެއްގެ މެދުގައި ގުޅި ލާމެހުމުގެ ސިފަ އޮންނަން ޖެހެ އެވެ.

ސިޔާސީ މަސައްކަތުގައި އުޅޭ ފަރާތްތަކަކީ ހިތްވަރުގަދަ ހިތްތިރި ބަޔަކަށް ވާންޖެހެ އެވެ. ޕާޓީއަށްޓަކައި ސިޔާސީގޮތުން ކޮންމެ އަގެއް ދައްކާން ތައްޔާރަށް ތިބި ބަޔަކަށް ވާންޖެހެ އެވެ. ކޮންމެ ނިންމުމަކަށް ފަހު އަނބުރާ އައުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެކަން ހަނދާންކޮށް ކުރިމަތިވާ ޗެލެންޖްތަކަށް ކުރިމަތިލާން ތައްޔާރު ވާން ޖެހެ އެވެ. އުނދަގޫ އިމްތިހާނުގައި ބައިވެރިވުމުން އުނދަގޫ ވާނެކަން ދަންނާންޖެހެ އެވެ. އުންމީދުކުރަނީ ހޯމްވޯރކް ހަދައިގެން އިމްތިހާނުން ފާސްވުމުގެ ހިތްވަރު ހުންނާނެ ކަމަށެވެ.

އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އިތުބާރު ޕާޓީގެ ހުރިހާ ކެނޑިޑޭޓުންނަށް އެބަ އޮތެވެ. ނަމަވެސް ހޯމްވޯކް ހަދަން ޖެހެ އެވެ. ސިޔާސީ ގޮތުން ތަސައްރުފް ފުދެން ޖެހެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު, ކިހައްޑިޔަ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ލިއުމަށް މުޅިއަކުން އެއްބަސްވެވޭކަށް ނެތް. ހަގީގަތަކީ އަވަށުވާދައަށްވުރެ މަޖިލީހުގެ ގޮޑިއަށް އެދުންވެރިވެ ތިބެ އަކަމަށް މަގުފަހިކުރުމަށްޓަކައި ބަޔަކުރާވާގެން އެދެމީހުން ކަޓްވާލުން. މިކަންސާބުތުވަނީ އެދެމީހުން ކެޓުމުން މިކަމުގެ އަޑީގަތިބިމީހުން ނަސްރު އިޢުލާންކޮށް އަމިއްލަ ދުލުން އެވާހަކަތަށްހާމަކުރުން.

– 7 ޑިސެމްބަރު 2013 2

އެހެނެއް ނޫން ވީކީ.. ސަމީރުމެން ބަލިވީމަ ބަޔަކު މީހުން އެ މީހުންގެ ސިކުނޑިއަށް ވަދެ މޮޔަ ކޮށްލީ.. ސިޔާސީ ގޮތުން ގުރުބާން ކުރީ.. ތަނަކަންދޫ އަހްމަދަށް ކޮންޓްރޯލް ނުކުރެވޭ ބަޔަކު ޕްރައިމަރީ ކާމިޔާބު ކުރީމަ ހަޖަމް ނުވީ.. ސަމީރުމެންނަށް ފަހުން އަދި ވިސްނޭނެ.. ތެދުވާހަކައެއް މީގައި މި އުޅެނީ އަވަށު ރޫހެއް ނޫން.. މަޖިލިސް ވާދަ.. ހަގީގަތަކީ ސަމީރުމެން ކެޓީ ކެމްޕެއިން ނުކުރެވިގެން.. މާ ފޮނި ބޮޑުވީ.. ސީޔާސީ ބޭނުމަށް ޕާޓީ ގުރުބާން ކުރުމާއި އެ ފަދަ ކަންކަމަށް ތާއީދު ކުރުމަގެ އަގު އެ ފަދަ ބޭފުޅުންނަށް ނިކަން ރަނގަޅަށް މި ފަހަރު ދައްކާލާނެ..

– 8 ޑިސެމްބަރު 2013 0