ސިޔާސީ ލީޑަރުންގެ ސަބަބުން އެތައް ކަމެއް ބީވެގެން ހިނގައްޖެ: ރައީސް — Ihavandhoo.com

ސިޔާސީ ލީޑަރުންގެ ސަބަބުން އެތައް ކަމެއް ބީވެގެން ހިނގައްޖެ: ރައީސް

19 ނޮވެމްބަރު 2017 0

މި ސަރުކާރުން ކުރިން އިއުލާނުކުރި މަޝްރޫޢު ތަކަށް ޝައުގުވެރިކަން ފާޅުކުރި ބޭރުގެ އިންވެސްޓަރުން ބީވެގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ ފެށި ހިޔާ މަޝްރޫއު ފައްޓަވާ ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2015 ވަނަ އަހަރު މިނިވަން ދުވަހާ ދިމާކޮށް ސަރުކާރުން އެތައްހާސް ހައުސިންގ ޔުނިޓެއްގެ ބިންގާ އެޅި ކަމަށެވެ. "އުއްމީދު ތަކަކާއި އެކީ ބޮޑެތި ކުންފުނިތައް" އެ މަޝްރޫއަށް ލިބުނު ކަމަށާއި އެއީ ސަރުކާރުން ކުރާ މަސައްކަތާއި، ދިވެހިރާއްޖޭގައި މުސްތަގުބަލު އޮތްކަމަށް އެކުންފުނިތަކަށް ގަބޫލު ކުރެއްވީތީ ކަމަށެވެ. އަދި ހަމަ އެއާއެކު ބޮޑެތި އަތޮޅުތައް ނަގައިގެން ބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގާނެ ފަރާތްތައްވެސް ސަރުކާރަށް ވީކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ "މީކީ އެއްގޮތަކަށްވެސް ފައިސާ ނެތިގެން އެކަމާ ކުރިމަތިލީ ފަރާތްތަކެއް ނޫން. އެކަމު ދިވެހިރާއްޖޭގެ އުއްމީދެއް އެބައޮތްކަމާއި ދިވެހިރާއްޖޭގެ ސަރުކާރުން މަސައްކަތް ކުރަނީ ވިޔަފާރިތަކާ އެކީ ކަމާ ދިވެހިރާއްޖޭގައި އޮތީ ފަހި ވެއްޓެއްކަމާ އަދި ދިވެހިރާއްޖޭން ކުރާ އެގުރިމެންޓުތަކަށް އިތުބާރު އޮންނާނެ ކަމާ އިހްތިރާމް ކުރާނެ ކަން ގަބޫލު ކުރެވޭތީ" ކުރިމަތިލީ ފަރާތްތަކެއް ކަމަށެވެ.

އެހެން ނަމަވެސް ސިޔާސީ ލީޑަރުން "އެކުރެއްވި ބުރަ މަސައްކަތާ، ސަރުކާރާ ދޭތެރޭ އުފެއްދި ފިތުނަޔާ، ރާއްޖެއަށް އަންނަ އިންވެސްޓަރުންގެ ހިތްތަކަށް ލަކުނު ޖައްސާ ލައްޖެއްސުމަށް ކުރެއްވި މަސައްކަތްތަކުގެ" ނަތީޖާ އެއްގެ ގޮތުން މިކަހަލަ އެތައް ކަމެއް އަޅުގަނޑުމެންނާ ބީވެގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައީ ފެއްސާއި ރަތާ ހުދުގެ އެއްވެސް މައްސަލައެއް އަޅުގަނޑާއި ހަމައަކަށް ނާދެއޭ، ފ. އަތޮޅުގައި އަޅަން އަޅުގަނޑުމެން ނިންމި ބިޔަ މަޝްރޫއު އަޅުގަނޑުމެންނާ ބީވެގެން ދިޔައީ ކޮންބައެއްގެ މަސައްކަތުންތޯ، ކީއްވެގެންތޯ އެ މަސައްކަތްތަކަށް ސޮއިކުރި އެތައް ބަޔަކު ފަހުން ނާންނަން ނިންމީ، އެއީ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން ދައްކަވާފައި ހުރި ވިޔާނުދާ ވާހަކަތަކެއްގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.

އިންވެސްޓަރުންނަށް މަރުހަބާ ނުކިޔާ ތަނަކަށް އިންވެސްޓަރުން ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.  

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ