ދުނިޔޭގެ މުވާސަލާތާ ބެހޭ ދުވަސް — Ihavandhoo.com

ދުނިޔޭގެ މުވާސަލާތާ ބެހޭ ދުވަސް

މިއަދަކީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ދުވަހެވެ. 20 ވަނަ ޤަރުނުގައި ތަރައްޤީވާންފެށި އައިސީޓީ ގެ ސަބަބުން ދުނިޔެ މިވަނީ އެއާނުލާ ނޫޅެވޭ ވަރުވެފައެވެ. ސީއައި އޭއިން އެއްކުރާ ދިވެހިރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2012 ވަނައަހަރުވެސް ރާއްޖޭގައި ފަސްލައްކައަށްވުރެ ގިނަ މޯބައިލް ފޯން ގެންގުޅޭކަމީ މިކަމުގެ ހެއްކެކެވެ.

މިއަދުގެ މުނާސަބާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވި ހިތާބުގައި ވިދާޅުވީ މުވާސަލާތީ ގޮތުން ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުދި އާބާދީތަކަށް ހަލުއި ސްޕީޑުގައި އިންޓަނެޓް ނުލިބުން ކަމަށެވެ. ރަނގަޅު ވާހަކައެކެވެ. ހަލުއި އިންޓަނެޓާއި ނުލައި އަސާސީ ބައެއްކަންކަން ކުރުންވެސް މިވަނީ ދަތިވެފައެވެ. މިސަރަހައްދުގެ ޤައުމުތަކަށް ބަލާއިރު އާބާދީގެ އެންމެބޮޑު ނިސްބަތެއް، އިންޓަނެޓްގެ ހިދަމަތްހޯދާ ގައުމަކީ ރާއްޖެއެވެ. މިހާ މުހިއްމު އަސާސީ ހިދުމަތެއް ރައްޔިތުންނަށް ލިބެންވާނީ ހަމަ އަގުގައި ކަމަށް ޤަބުލުކުރެވެއެވެ. އިޤުތިސާދުގެ ހަކަތައަކީ ތެލޭބުނާއިރު މިސަރަހައްދުގެ ޤައުމުތަކާއި އެއް އަގެއްްގައި ރާއްޖޭން ތެޔޮގަންނަން ލިބެއެވެ. ނަމަވެސް އިންޓަނެޓް ދިވެހިންނަށް މިލިބެނީ ހަމައަޤުގައި ބާވައެވެ؟

3ޖީ ގެ އަގު ސަރަހައްދީ ޤައުމުތަކަށްވުރެ ރާއްޖޭގައި މާބޮޑެވެ. ސަރަހައްދީ ގައުމުތަކުގެ މުއާސަލާތީ ކުންފުނިތަކުން އިންޓަނެޓް ވިއްކާ އަގުތަކަށް ބަލާއިރު އެހެން ހުރިހާ ގައުމުތަކަށްވުރެ ރާއްޖޭގައި 3ޖީ އިންޓަނެޓް ގަންނަންލިބޭ އަގު އުޅެނީ 60 އިންސައްތަ މަތީގައެވެ.

އަވަށްޓެރި ލަންކާގައި 5.1ރ އަށް އަދި އިންޑިއާގައި 5.92ރ އަދި ނޭޕާލުގައި 24.1ރ އަށް އަދި ބަނގުލަދޭޝްގައި 13.18ރ އަށް އަދި ޕާކިސްތާނުގައި 12.6ރ އަށް އަދި ބޫޓާނުގައި 19ރ އަށް 3ޖީ އެއްޖީބީ ޑޭޓާ ގަންނަން ލިބޭއިރު ރާއްޖޭގައި 3ޖީ އެއްޖީބީ ޑޭޓާ ގަންނަން ލިބެނީ 63ރ އަށްވުރެ މަތިންނެވެ.

އާބާދީ ބޮޑު އިންސައްތަ އިންޓަރނެޓް ބޭނުންކުރާ ޤައުމުގައި އޭގެ އަގުބޮޑުވުމަކީ ޤަބޫލުކުރެވޭ ކަމެއްނޫނެވެ. މިކަމަށް ހައްލެއް ލިބޭނީ އަދިވެސް އިތުރު މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް ފުރުސަތު ދީގެންބާއެވެ؟

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ