ތެޔޮ އުފައްދާ މިންވަރު މަދުކުރަން އެއްބަސްވުމާއެކު ތެލުގެ އަގު އުފުލެން ފަށައިފި

1 ޑިސެމްބަރު 2016 0

ތެޔޮ އުފައްދާ މިންވަރު މަދުކުރަން އެތައް ދުވަހެއް ވަންދެން ކުރެވެމުންދިޔަ މަޝްވަރާތަކުގައި އެންމެ ފަހުން އޯޕެކްގެ ގައުމުތަކަށް އެއްބަސްވުމަކަށް އާދެވި ތެޔޮ އުފައްދާ މިންވަރު މަދުކުރަން އެއްބަސްވުމާއި އެކު ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލެން ފަށައިފިއެވެ.

ބުދަދުވަހު ވިއެނާގައި އޮތް އޯޕެކް ގައުމުތަކުގެ ބައްދަލުވުމުގައި ވަނީ އަންނަ އަހަރުން ފެށިގެން ތެޔޮ އުފައްދާ މިންވަރު 4.5 އިންސައްތަ މަދުކުރަން އެއްބަސްވެފައެވެ. އެއީ ދުވާލަކަށް 1.2 މިލިއަން ފީފާގެ ތެލެވެ. މިއީ ފާއިތުވި އަށް އަހަރުތެރޭގައި ތެޔޮ އުފައްދާ މިންވަރު މަދުކުރަން އޯޕެކްގެ ގައުމުތަކުން އެއްބަސްވި ފުރަތަމަ ފަހަރެވެ.

ގަތަރުގެ ތިމާވައްޓާއި ބެހޭ ވަޒީރު ހާލިދު އަލްފާލިހު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ތެޔޮ އުފައްދާ މިންވަރު 4.5 އިންސައްތަ މަދުކުރަން އޯޕެކްގެ ގައުމުތަކުން އެއްބަސްވެފައިވާ ކަމަށެވެ. އަދި މެމްބަރު ނޫން ގައުމުތަކުންވެސް ދުވާލަކު 6 ލައްކަ ފީފާގެ ތެޔޮ މަދުކުރަން އެއްބަސްވެފައިވާއިރު، ކުރިން ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް ދެކޮޅުހަދަމުންދިޔަ ރަޝިޔާއިން ވެސް ވަނީ ދުވާލަކު 3 ލައްކަ ފީފާ މަދުކުރަން އެއްބަސްވެފައެވެ.

ދުނިޔޭގެ ބާޒާރުގައި ފާއިތުވި ދުވަސްތަކުގައި ތެލުގެ އަގު ދަށަށް ދަމުން ގޮސްފައި ވަނީ ތެޔޮ ބޭނުންވާ ވަރަށް ވުރެ ތެޔޮ އުފައްދާ މިންވަރު އިތުރުވުމާއި ގުޅިގެންނެވެ. ތެލުގެ އަގު ދަށްވާން ފެށުމުން ތެޔޮ އުފައްދާ ގައުމުތަކަށް ވަނީ އިޤުތިޟާދީ މައްސަލަތަކާއި ވެސް ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް އޯޕެކް ގައުމުތަކުގެ މެދުގައި އޮތް ޚިޔާލުތަފާތުވުން ތަކުގެ ސަބަބުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން މީގެ ކުރިން އޮތީ އެއްބަސްވުމަކަށް ނާދެވިފައެވެ.

ތެޔޮ އުފައްދާ މިންވަރު މަދުކުރަން އޯޕެކްގެ ގައުމުތަކުން އެއްބަސްވުމާއި އެކު ތެލުގެ އަގު ވަނީ އުފުލެން ފަށާފައެވެ. މިއަދު 47 އެމެރިކާ ޑޮލަރަށް ހުރި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އޯޕެކްގެ ނިންމުމާއި އެކު ވަނީ 48 އެމެރިކާ ޑޮލަރަށް އަރާފައެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއަދަދު އަދި ކުރިއަށް އޮތްތަނުގައި އިތުރަށް މައްޗަށް ދާނެއެވެ. ތަޖުރިބާކާރުން ލަފާކުރައްވަނީ އޯޕެކްގެ ނިންމުމުގެ ސަބަބުން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 56 އާއި 60 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް އުފުލޭނެ ކަމަށެވެ. ބެލެވޭ ގޮތުގައި އޯޕެކްގެ މިނިންމުން ތަންފީޒު ކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހުން ފެށިގެންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ