ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި — Ihavandhoo.com

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

14 ސެޕްޓެމްބަރު 2017 0

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން 2015 ވަނައަހަރު ތައާރަފްކުރި ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް މިއަހަރުވެސް ދޭންނިންމައި، އެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. ހއ އަތޮޅު ކައުންސިލުން މިކަމާއި ގުޅިގެން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން މި އިނާމަށް އެދި ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 15 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 14:00 އިގެ ކުރިން އެފަރާތަކުން ބޭނުންވާ ދާއިރާއަކުން ފޯމް ހުށަހަޅަން ޖެހެއެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފުވެރި ހިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކާއި އަދި އެނޫންވެސް ތަފާތު އެކިއެކި ދާއިރާތަކުން އަތޮޅަށް ފާހަކަކުރެވޭ ހިދުމަތްތަކެއް ކޮށްދީފައިވާ ފާރާތަކާއި ހއ.އަތޮޅުގެ ސްކޫލްތަކުން ފަހުރުވެރި ވަނަތައް ހޯދާ ފަރާތްތަކާއި އަތޮޅަށް އެންމެ ހިދުމަތްތެރި ރިސޯޓާއި އަދި އަތޮޅުގެ އެންމެ ހިންގުތެރި ކައުންސިލްގެ އިތުން އަންހެނުންގެ ކޮމިޓީ ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންދޭ އިނާމެކެވެ.

ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދެނީ ހަ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެ ކެޓަގަރީ ތަކުގެ ތެރޭގައި ހިމެނެނީ ޝަރަފުވެރިކަމުގެ އިނާމު، ހިތްވަރުދިނުމުގެ އިނާމު، ކައުންސިލުންދޭ ހާއްސަ އިނާމު، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުންދޭ ހާއްސަ އިނާމު، ޚާއްޞަ ޙިދުމަތުގެ އިނާމު އަދި ހިންގުންތެރިކަމުގެ އިނާމެވެ.

ހއ އަތޮޅު ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި މިފަދަ އިނާމުތަކެއް ދިނުމުގެ ބޭނުމަކީ ޤައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ފާހަގަކުރެވޭ ފަދަ ޚިދުމަތްތަކެއް އަތޮޅަށް ކޮށްދެއްވަމުން ގެންދަވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި، ޢިލްމީގޮތުން ޤާބިލް ޖީލެއް ހއ. އަތޮޅުގައި  އުފެއްދުމާއި ޢިލްމު ހޯދުމަށް ދަރިވަރުން ކުރައްވާ މައްސައްކަތުގެ އަގުވަޒަން ކުރުމާއި، ކުޅިވަރު ކުރިއެރުވުމާއި އަދި އިޖްތިމާޢީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގުވަޒަން ކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.

މިއިނާމަށް އެދި ހުށަހަޅަންޖެހޭ ފޯމް ހއ އަތޮޅު ކައުންސިލްގެ ވެބްސައިޓު (http://halifatoll.gov.mv) އިން އަދި ދިވެހި ސަރުކާރުގެ ގެޒެޓުންވެސް  ޑައުންލޯޑްސް ކުރެވޭނެއެވެ. އަދި މީގެ އިތުރުން ރަށުކައުންސިލްތަކުންވެސް ލިބޭނެކަމަށް ހއ އަތޮޅުކައުންސިލުން މައުލޫމާތުދެއެވެ.

ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ