ތިންބާރުގެ ކޯޅުން — Ihavandhoo.com

ތިންބާރުގެ ކޯޅުން

13 މާރިޗު 2014 1

ނިޒާމީ ނުކުތާޔާއެކު ހަލަބޮލި އެވަނީ ރައްޔިތުންގެ ބަސް ބުނުމަށް ހޮއްވަވާފައި ތިއްބެވި މަންދޫބުންގެ އިއްޒަތްތެރި މަޖިލީހެވެ.ތަޅު އެޅުވުނީ ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފާއެކު އިސްލާމީ ޝަރީޢަތް ޢަދުލުވެރި ގޮތެއްގައި ތަންފީޒުކުރާ ފަނޑިޔާރު ގެ ތަކުގައެވެ .ބުނެވެނީ ޤައުމުގެ ރައީސްގެ އަމުރަށެވެ. ސިޔާސީ އެކިއެކިފަރާތްތައް ގެއްލުނީ ނިޒާމުގެ ތެރެއިންނެވެ. ހުއްޓާނުލާ "ނާތަހުޒީބީ މުޒާހަރާތައް" ކުރެވެނީ ގައުމުގެ އެންމެ އިސްވެރިންގެ ގެކޮޅުތަކުގެ ކައިރީގައެވެ. ބިޑު ކުރުމެއްނެތި ބަހާލެވެނީ ފަޅު ރަށްތަކެވެ. ސިނާއީ މަސައްކަތްތައް ކުރުމުގެ ނަމުގައެވެ. މިއީ ތިންބާރުގެ ކޯޅުމެވެ.         

ޒަމާނީ ޑިމޮކްރަސީގެ ސިޔާސަތުގައި ޗެކްސް އެންޑް ބެލެންސް (އެއްބާރުން އަނެއް ބާރަށް ފާރަވެރިވާ ނިޒާމް) އަކީ ހުޅަނގުގެ ގައުމުތަކުގައި ވަރަށް ހާއްސަ އަހައްމިއްޔަތެއް ދީގެން ކުރިއަރުވާ ނިޒާމެކެވެ. އެބައިމީހުން މި ނިޒާމުގެ ތެރެއިން ބޭނުންވަނީ މުތުލަޤަށް ދޫކުރެވިފައިވާ މިނިވަންކަމެވެ. އެހެން ނަމަވެސް މިނިވަންކަމުގެ ހައްދެއް ވާކަން ކަށަވަރެވެ. މިނިވަންކަމުގެ ނަމުގައި ތިމާއަށް ހިންގޭ ހަރަކާތުގައި އަނެކާގެ ހައްޤަށް އެއްވެސް އުނިކަމެއް އަންނަނަމަ އެއީ މިނިވަންކަން ރަނގަޅު ގޮތުގައި ބޭނުންކުރީ ކަމުގައި ނުބެލެވޭނެއެވެ. ޤައުމެއްގެ އަޖަލުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންޞާފު ގާއިމު ކުރުމުގެ ބާރު މިނިވަން ދައުލަތެއްގެ ސިފަ ގައުމެއްގައި ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. މި ދައުރު އަދާކުރެވޭނީ އެއްބާރު އަނެއް ބާރަށް ކޯޅުމުގެ ނަޒަރަކަށްވުރެ ބޮޑަށް ފާރަވެރި ކަމުގެ ނަޒަރަކުން ބަލައިގެންނެވެ. ދެންފަހެ، އަޅުގަނޑުމެން އެންމެންވެސް މިނިވަން ދަޢުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ތާއަބަދު އޮންނަން ބޭނުންވެއެވެ.                        

ތިންބާރުގެ ކޯޅުން އުފެދެން މެދުވެރިވާ ހަގީގީ ސަބަބަކީ ކޮންމެވެސް އެއް ބާރަކުން އަނެއް ބާރުގެ މައްޗަށް ގަދަވެގަތުމަށްޓަކައި ހަތަރުވަނަ ބާރެއް އުފައްދާތީއެވެ. އެއީ ސިޔާސީ ބާރެވެ. ނާޒުކު އިޤްތިޞާދަކާއެކު މަދު މީސްކޮޅެއް ދިރިއުޅޭ މިރާއްޖޭގައި މިދެންނެވި ސިޔާސީ ބާރު އުފެދެން މެދުވެރިވަނީ މި ތިން ބާރުގެ މައްޗަށް ރައްޔިތުން ބަރޯސާވާ މިންވަރާއި މާޒީގައި ކަންހިނގާފައި ހުރި ގޮތާއި ނިއުޅެމުންދާ އިތުބާރާއެކު އުފެދޭ ރައްޔިތުންގެ ޕުރެސަރެވެ. މި ދެންނެވި ރައްޔިތުންގެ ޕުރެސަރަ ކެކި އުތުރި އަރަނީ އެކި ދައުރުތަކުގައި ރިޔާސީ ކެނޑިޑޭޓުންނަށް ކުރިމަތިލާ ބޭފުޅުން މެކުހަށް ޖަހާ، ބަޖެޓަށް ބުރަ ބޮޑު ނުސިޔާނަ ސިޔާސީ ވަޢުދުންނެވެ. ތިންބާރުގެ ތެރޭގައި ވައިރޯޅިއަށްވެސް ސިއްރުން ހިންގާ ސިޔާސީ އަމަލުތައް ވައިސޫރިއެއް ހެން ގޮސް އަރަނީ ގައުމުގެ ޙަބަރު ފަތުރާ ވަޞީލަތް ތަކުގެ ފަލަ ސުރުޙީއަށެވެ. ވާނީވެސް އެހެންތާއެވެ. މަދަނީ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަން ތިބޭ ބޭފުޅުން ތިއްބަވަނީ ހަމަ ރަނގަޅަށްވެސް ޖަޒުބާތުން ފުރި އެބައެއްގެ ސިޔާސީ ޕާރޓީއާ ނުހަނު ބޮޑަށް ފިކުރާ ވެވިފައެވެ. މި ޖަޒުބާތުގައި ރައްޔިތުންނައް ފުރިހަމައަށް ޙިދުމަތް ދެވިދާނެ ކަމަށް ތިބޭފުޅުންނަށް ގަބޫލު ކުރެވޭތޯއެވެ.

މާޒީގައި ކަންހިނގާ ދިޔަގޮތަށް، ތިން ބާރުގެ ކޯޅުން ހުއްޓުމެއްނެތި  މި ބާރުތަކުގެ ވެރިން ކުރިޔައް ގެންދަން ބޭނުންވާ ކަމުގައި ވަނީނަމަ ސީދާ ގޮތެއްގައި އެ ހިންގެނީ ދަޢުލަތުގެ މިނިވަންކަމަށް ލޮޅުން އަރާނެ ކަމެއް ކަމުގައި ބުނެވިދާނެއެވެ. ވީމާ މިވެރިންނަށްވެސް ދެން ކިޔަންވީ އިޙްލާސްތެރި ހިދުމަތްތެރިން ތޯއެވެ. ތިންބާރަށް ފާޑުކިޔުމުގެ ބަދަލުގައި ބުނެލަން ބޭނުންވަނީ ހުރިހާ ބާރެއްވެސް ވަނީ ނުފޫޒުން ތަޤައްޔަރުވެފައެވެ. ރައްޔިތުންނަށް ޙިދުމަތް ކުރުމަށް ނުކުޅެދިފައެވެ. އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ތަޞައްރަފު ނުފުދިފައެވެ. ސަރުކާރުން ބޭނުން ވަނީ ދަޢުލަތުގެ ބަޖެޓު އަރަނި ކުރުމަށްޓަކައި އެންމެ ކުރު ފަސޭހަ ގޮތެވެ. ޒަމާނީ ޓެކުހެވެ. ދައުލަތުގެ ބޮޑުން ފިނި ކޮޓަރިކޮޅުގައި ހޭހަން ކުރައްވަމުންގެންދަވާއިރު ރައްޔިތުމީހާ ހަނާވަނީ ދޭގަދަ އަވީ މަގުމަތީގައި މަޖޫރީކުރުމުގައެވެ. "ބޫންބޫން" ލާއްވާފައި ކުރިޔަށް ގެންދަންވީ މިލޮބުވެތި ވަތަނެވެ. ގާނޫނު ހަދާ ބާރުން ހޯދައިދޭންވީ ރައްޔިނުންނަށް ފުރިހަމަ ރައްކާތެރިކަމެވެ. ދައުލަތަށް ބަޖެޓެވެ. އާމްދަނީ އިތުރުކުރާނެ ގޮތްތަކުގެ ޒަރީއްޔާއިންނެވެ. ވެރިކަން ކުރާ ބާރު ރައްޔިތުންނަށް ލިއްބައިދޭންވީ އެންމެ އަސާސީ ހިދުމަތްތަކެވެ.

މިރާއްޖޭގެ ސިޔާސީ މާޒީ ޞަފްޙާތައް ބަލާލުމުން ފެންނަނީ ތިންބާރުގެ ކޯޅުމެވެ. އޮޅުންބޮޅުމެވެ. އިހުތިސާސް ކަނޑަނޭޅި ވެދިޔަތަނެވެ. ކޯޓުން ބާތިލް ކުރެވުނު ގާނޫނު ތަކާއި އެގާނޫނު ތަކުގެ މާއްދާތަކެވެ. ގާނޫނު މާނަ ކުރުމަށް ހޭދަކުރި މުއްދަތު ތަކެވެ. އެއްކޯޓުން އަނެއް ކޯޓަށް މައްސަލަ އިސްތިއުނާފުކުރި މަންޒަރުތަކެވެ. ގާނޫނު ތަކާއި ގަވާއިދު ތަކުގައި ހުރި ފުށު އެރުން ތަކެވެ. ޤަބޫލުކުރަން ބޭނުންނުވިޔަސް ތިންބާރުގެ ކޯޅުމުގެ ސަބަބުން ވެރިކަން ބަދަލުވީ މަންޒަރު މިރާއްޖޭގެ ތާރީހުން އަޅުގަނޑުމެން ދުށީމެވެ. މިއީ ހައްލެއް ހޯދަން ބޭނުންނުވާ ކަމެއް ކަމުގައި ވަނީނަމަ ގައުމުގެ އެތެރޭގެ ސިޔާސީ މަޝްރަހު ހަމައިން ނެއްޓި އިޤްތިޞާދުގައި ރެނދުލައި ގައުމުގެ ދާޙިލިއްޔަތަށް ދާދި އަވަހަށް އެކުވެރި ދަޢުލަތް ތަކުގެ ގައުމުތައް ކަމުގައި ބުނާ ފަރާތްތަކުންނާއި އަވައްޓެރި ގައުމުތަކުން ނުފޫޒު ފޯރުވާން ފަށާނެއެވެ. ހަންފެތުރުމުގެ އަމަލުތަކުން ދައުލަތް އިސްތިއުމާރުކުރަން ފަށާނެއެވެ. މިއީ ދައުލަތުގެ ސިޔާދަތާއި އިސްތިޣުލާލަށް ބިރުހުރި ނުރައްކާތެރިކަމެއް ކަމުގައި ބަލަން ޖެހެއެވެ.

މިއިން ކޮންމެ ބާރެއްވެސް ހަމައިން ނެއްޓި ޤައުމު މިޝްރާބުން ކަސިޔާރުވުމުން ދެން ތިލަވަނީ ރައްޔިތުންގެ ބާރެވެ.މިދެންނެވުނު ރައްޔިންގެ ބާރު ދިވެހި ދަޢުލަތުގެ ދިދަޔާއި ޤައުމިއްޔަތު ފަޙްރުވެރިކަމާއެކު ހިމާޔާތް ކުރާނެކަން ކަށަވަރެވެ. މިޤައުމުގެ ސިޔާސީ ނައު އަބަދުވެސް ދަތުރުކުރާނީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށެވެ. މިތިންބާރުގެ ކޯޅުމަށް އޮތް ހަމައެކަނި ހައްލަކީ ސިޔާސީ ބާރު ހޯދުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުމަކަށް ގެނެސް އެބާރަކާއި ގާނޫނީ ގޮތުން މަތިކުރެވިފައިވާ މަސައްކަތްތައް ކުރުމައިގެން ކުރިޔަށް ދިއުމެވެ. ހަނދާންކުރަންވީ މަތިވެރި ބާރެއްވާކެމެވެ. އެއީ އަޅަމެން ޙަލްގް ކުރެއްވި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ވަޤްފު ކުރެވިފައިވާ ބާރެވެ.

ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިލޔުން ވަރަށް ފައްކާ...މިކަހަލަ ގިނަ ލިޔުން ތަކެއް ލި ސައިޓުގައި ހިމެނުން މުހިއްމު.

– 14 މާރިޗު 2014 1