ސުނާމީ - ކިޔާލަން ފަސޭހަ، އަސަރުގަދަ ލަފުޒެއް — Ihavandhoo.com

ސުނާމީ - ކިޔާލަން ފަސޭހަ، އަސަރުގަދަ ލަފުޒެއް

26 ޑިސެމްބަރު 2013 0

" ސުނާމީ " ކިޔާލަން ފަސޭހަ ލަފުޒެކެވެ. ނަމަވެސް، އަސަރަކީ ވަރުގަދަ އަސެރެކެވެ. ލަފުޒު ކިޔާލުމުގައި ހުރި ލުއިގޮތެއް ކަމުގައި ނެތް ލަފުޒެކެވެ. "ސުނާމީ" މިލަފްޒަކީ، ޖަޕާން ބަހުން އުފެދިގެން އައިސްފައިވާ ލަފުޒެކެވެ. ޖަޕާންބަހުން، ބަނދަރުގައި ހިނގާ ރާޅަށް ނިސްބަތްކޮށް ބުނެއުޅޭ ލަފުޒެކެވެ. 1963 ވަނަ އަހަރު އާއްމުކޮށް ބޭނުންކުރަން ފެށުނު ބައިގަރުނު ވެފައިވާ ލަފުޒެކެވެ. ދިވެހިންނަށް ފަރިތަ ލަފުޒަކަށް މިލަފުޒު ވެގެންދިޔައީ ދާދިފަހުންނެވެ. 2004 ޑިސެމްބަރު 26 ވަނަ ދުވަހުގެ ފަހުންނެވެ. ކަންވެ ނިމުނުވެސް ފަހުންނެވެ.

އެއީ ކޮންކަމެއްކަން އެކަކަށްވެސް ނޭންގެއެވެ. ބަނދަރުމަތީގައި އެތައްބަޔަކު އެއްވެ ތިއްބެވެ. ބައިސްކަލުގައި ދުއްވަމުން އައިސް ރަށުގެ ދެކުނުފަރާތު އަތިރިމައްޗަށް މަޑުކޮށްލީމެވެ. ބަނދަރުމަތިން ފެނުނު ރަޚްމަތްތެރި ދެތިން ކުއްޖަކު ކައިރީގައެވެ. ނަމެއް ހަނދާނެއް ނެތެވެ. އަހަރެންނަށް އާދެވުނީ ދާދި ފަހުން ކަމުގައިވާތީ، ވެގެން އުޅޭ ގޮތް ސާފުކޮށްލަން ސުވާލުތަކެއް ކުރިމަތިކުރަން ޖެހުނެވެ.

ސުވާލުކޮށްލުމުން ޖަވާބަކަށްވީ ނޭނގެއެވެ. ބަނދަރުގައިވާ ދޯނިތައް "ނުހިފެއްޓިގެން" އުޅޭތީ ފެނެއެވެ. އިރުމަތީ މަސްކަޑައާ ކައިރީގައި އަޅާފައި އޮތް ދޯންޏެއް އޭރުގައި ފަޅުގެ މެދަށް ގެންގޮސް ވައުތައް ހައްޔަރުކޮށްފައި އޮތެވެ. ދޯނިމަތީގައި ވަރުގަދަ ހައެއްކަ ފިރިހެނުން ތިއްބެވެ. ދިރުނބާ ކޮޅުގައި ޔަޤީނުންވެސް ތިބީ 3 މީހުންނެވެ. ދޯނީގެ ކޮންމެ ހުސެންދަރިއަކަށް ވައުބަނދެ ހައްޔަރުކޮށްފައި ހުއްޓެވެ. އެއްމެ ވަލެއް ނޫނެވެ. ދެވާ ތިންވާ ފައްތަރުކޮށްފައެވެ.

"ވަރުގަދަ ބާނިގަނޑެކޭ ދޯ. ހޯރަފުށީ ރަށުތެރެއަށްވެސް އަރާތްފޭ ކިޔާ އަޑު އެހިން. ފިއްލަދޫއާއި ކެލާގަވެސް ގޭގެއަށްވެސް ފެންވަދެއްޖޯ." ހަރުފުރާގެ ދެތިން މީހަކު ކައިރިން ހިނގާފައި ދިޔައިރު، ވާހަކަދައްކި އަޑު އެހީމެވެ. ކޮންމެ އަކަސް ބަނދަރު ތެރޭގައި ފެންގަނޑު އެނބުރި ގަތްތަން ފެނުނެވެ. އެންމެ ވައްތަރީ ދޮންނަ މެޝިނުގެ ފެންގަނޑު މެޝިނުގެ ތެރޭގައި އެނބުރެމުންދާ ގޮތާއެވެ. ބަނދަރުގެ ނެރާދިމާލުން ފެންގަނޑު އެނބުރެމުން ބަނދަރުގެ ހުޅަނގާ ދިމާލަށް މިސްރާބުޖަހާ ކުރިއަށް ދެއެވެ. އެދާއިރު، ފަޅު ތެރޭގައި ފެންގަނޑު އުފުލެމުން ދާތަން ފެނުނެވެ.

ލަހެއް ފަހެއް ނުވެ، ދޯނީގައި ތިބި މީހުންތައް ހުޝިޔާރުވެލިތަން ފެނުނެވެ. " އަނެއްކައިވެސް އެއްކަލަހެން ވަނީއެ." ކައިރީގައި ހުރި ކުއްޖަކު ބުނެލި ހަނދާ އެބަހުއްޓެވެ. ކޮން ގޮތަކަށް ތޯ ސުވާލުކޮށްލެވުނެވެ. "މިތާ ހުރި މީހާ ބުނި އަޑިން ބޮޑުވަނީއޭ. ދެން ވަރަށް މައްޗަށް ފެންގަނޑު އަރާނެ." އޭރު ދޯނި ނުހިފެއްޓިގެން އުޅޭތަން ފެނެއެވެ. އެހެން ދެ ދޯންޏަކަށްވެސް މީހުން އަރާ ދޯނިފަހަރުގެ ވައުތައް ހައްޔަރު ކުރަމުން ދާތަން ފެނެއެވެ. ދޯނިތަކުގެ ވައުތައް ދެންމެ ދެންމެ ކަނޑާލަފާނެހެން ހީވާ ފަހަރުވެސް އާދެއެވެ. ބޮޑުމަގު ފަރާތަށާ، ކުޑަކަތީބު ކޮށި މަގަށް ލޮނުގަނޑު އަރުވާވާހަކަވެސް އަޑު އިވުނެވެ. ބައިސްކަލް އަނބުރާލީ އެދިމާލަށް ދިއުމަށެވެ. އެކަމަކު ޚިޔާލު ބަދަލުވެ ދިޔައީ ގެއަށެވެ.

ވަމުން ދިޔަގޮތް ކިރިޔާ ރޭކާލާން ފެށީ އެދުވަހުގެ އިރު ފެނަށް އޮއްސުނުވެސް ފަހުންނެވެ. ފެނިގެން ދިޔަ މަންޒަރުތަކަކީ، މިރާއްޖެ ކުރިމަތިވި ނުރައްކާތެރި ކާރިސާގެ ޒައްރެއްގެ މިންވަރުކަން އެނގެން ފެށީ އޭގެ އަނެއް ދުވަހުއެވެ. ޓީވީތަކުން ފެންނަމުން ދިޔަ މަންޒަރުން "ޞުބުހާނަﷲ" އޭ ބުނެވުނެވެ. މިރަށަށް އިރާދަކުރެއްވީތީ އަސަރެއް ނުކުރެއެވެ.

ހިތާމަވެރި ކާރިސާ ނިމިގެން ދިޔަފަހުން، "ސުނާމީ" މިލަފުޒު އެއީ އިވިއިވި ހުރި ލަފުޒަކަށް ވިއެވެ. މިއަދު އެލަފުޒުގެ ބާރުގަދަކަމުގެ ހިތި ހަނދާންތައް ތަހައްމަލް ކުރަމުންދާ ދިވެހިންނެއް އެބަތިއްބެވެ.

ސުނާމީ އަކީ ކޮބާ؟

ސުނާމީ އަކީ، ރާޅުތަކެކެވެ. އާދައިގެ ރަޅުތަކަށްވުރެ ފުޅާކޮށް އުފެދޭ ރާޅުތަކެކެވެ. ރާޅުތަކުގެ ދިގުމިންވެސް ތަފާތެވެ. އާދައިގެ ރާޅުތަކަށް ވުރެ އަތައްގުނައެއް ދިގެވެ. ތަފާތަކީ އުފެދޭ ގޮތެވެ.

އާދައިގެ ރާޅާ ހިލާފަށް ސުނާމީ އުފެދުމުގެ އަސްލަކީ، ބިން ހެލުމެވެ. ނުވަތަ ބިމުން ބައެއް ކަނޑައިގެން ދިއުމެވެ. ބައެއް ފަހަރު އަލިފާން ފަރުބަދައެއް ގޮވުމެވެ. މަދު ހާލަތެއްގައި ޖައްވުން ވެއްޓޭ ހިލަގަނޑެއްގެ ސަބަބުންނެވެ.

ކަނޑުގެ ސަތަހައިގެ އެތައް މޭލު އަޑިން ބިންހެލުން އުފެދެއެވެ. ބިމަށް އަންނަ ލޮޅުމުގައި ބިންގަނޑު ކަނޑައިގެން ދިއުންފަދަ ކަންތައްތަކެއް ހިނގައެވެ. އެކަމުގެ ސަބަބުން އުފެދޭ ލޮޅުމުގައި ކަނޑުގެ ލޮނުގަނޑު ދަށުގައިވާ ލޮނުގަނޑު މައްޗަށް އަދި މަތީގައިވާ ލޮނުގަނޑު ދަށަށް ދަމައިގަނެއެވެ. މިކަމުގެ ސަބަބުން އުފެދިގަންނަ ބާނިގަނޑު ހަލުއިކަމާއެކުގައި ދަތުރުކުރަން ފަށައެވެ. ދުރަށް ދަތުރުކުރަމުން ދިޔަވަރަކަށް ރާޅުގެ ބޮޑުމިން އުފުލެމުން ދެއެވެ. އަދި ދަތުރުގެ މެދާ ހަމައިން އުސްމިން ތިރިވާން ފަށައެވެ. މިގޮތަށް އުފެދޭ ސުނާމީގެ އުސްމިނުގައި 50 ފޫޓާއި 2000 ފޫޓާ ދެމެދަށް އުފުލެއެވެ. އަދި 700 ކިލޯ މީޓަރަށް ބާރު ނުކެނޑި ދަތުރު ކުރެއެވެ. މިހާތަނަށް ރެކޯރޑް ކުރެވިފައިވާ އެންމެ އުސް ސުނާމީ އުފެދިފައި ވަނީ 1958 ޖުލައި 9 ވަނަ ދުވަހުއެވެ. އެސުނާމީގެ އުސްމިނުގައި 1958 ފޫޓް ހުއްޓެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ