އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިހަވަންދޫ ސުކޫލަށް 1 ވަނަ — Ihavandhoo.com

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިހަވަންދޫ ސުކޫލަށް 1 ވަނަ

24 ނޮވެމްބަރު 2019 0

މައުރަޒުގައި އިހަވަންދޫ ސުކޫލުން ބައިވެރިކުރި ސަފާރީ އެއް

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭއްވި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު " ފަންނު އެކްސްޕޯ" ގައި އިހަވަންދޫ ސްކޫލް ބައިވެރިވި ދާއިރާއިން 1 ވަނަ ހޯދައިފިއެވެ.

ތައުލީމުދޭ މަރުކަޒުގެ ދާއިރާއިން އިހަވަންދޫ ސުކޫލު އެއްވަނަ ހޯދާފައިވާއިރު، ލަކުޑީގެ ބާވަތްތައް އުފެއްދުމުން އެ ސުކޫލަށް ވަނީ ދެ ވަނަ ލިބިފައިވެއެވެ.  މިމައުރަޒުގައި އިހަވަންދޫ ސްކޫލުން ބައިވެރިކޮށްފައި ވަނީ ސަފާރީ އުޅަނދަކާއި ދެ ވައްތަރެއްގެ ދޯންޏެކެވެ.  

އޮންލައިން ނޫސް ދަރިވަރު އެމްވީން އިހަވަންދޫ ސުކޫލާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އިހަވަންދޫ ސްކޫލުން މައުރަޒުގައި ބައިވެރިކުރީ އެ ސްކޫލްގެ ދަރިވަރުންގެ އުފެއްދުންތަކެވެ. މައުރަޒުގައި ބައިވެރިކޮށްފައި ވަނީ އިހަވަންދޫ ސުކޫލަށް 50 އަހަރު ފުރުމާ ގުޅުވައިގެން ހިންގި ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި މައުރަޒުގައި ބައިވެރިކުރި ތަކެތީގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ތަކެއްޗެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި މިފަދަ މައުރަޒެއްގެ ބޭނުމަކީ އަމިއްލަ ފަރުދުންގެ ގޮތުގައި ތަކެތި އުފައްދާ ފަރާތްތަކާއި އެސްއެމްއީ ތަކަށް ރަނގަޅު ޕްލެޓްފޯމެއް ތައާރަފުކޮށް ދިނުމާއި ރާއްޖޭގައި އުފައްދާ ކޮންމެ ޕްރޮޑަކްޓެއް ވާދަވެރި މާހައުލެއްގައި ވާދަކޮށް މާކެޓު ލިބޭނެ މަގު ތަނަވަސްކޮށް ދިނުމެވެ.

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން ލަކުޑީގެ ބާވަތްތައް އުފެއްދުމުގެ ބައިން މުޅިރާއްޖެއިން އެއްވަނަ ލިބިފައިވަނީ ހާއަލިފު އަތޮޅަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ