މައި ކަޕް 2015: މާރަންދޫ ޔޫތު ސޮސައިޓީ އަދި ޔުނައިޓެޑް ޔޫތު ކުއާޓަރއަށް — Ihavandhoo.com

މައި ކަޕް 2015: މާރަންދޫ ޔޫތު ސޮސައިޓީ އަދި ޔުނައިޓެޑް ޔޫތު ކުއާޓަރއަށް

20 ޑިސެމްބަރު 2015 0

ކުއާޓަރ ފައިނަލްގެ މެޗުތައް ޝެޑިއުލްކުރެވިފައިވާގޮތް...

މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގައި ކުޅުނު އެއްވެސް މެޗެއްގައި ގޯލެއް ކާމިޔާބުނުކުރެވި ހުރިހައި މެޗަކުން ބަލިވެ މުބާރާތުން ކަޓައިފައޮތް ޖަންގަލް ޑާކު ޕޮއިންޓް 3-0 ން ބަލިކޮށް ގްރޫޕް 4 ގެ އެއްވަނަ ޓީމްގެ ގޮތުގައި މާރާންދޫ ޔޫތު ސޮސައިޓީ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އިއްޔެ ހަވީރު ކުޅުނު މިމެޗުގައި މާރަންދޫގެ ގޯލްތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އެޓީމުގެ ޢަލީ ޝާފިއު 10، މުޙައްމަދު ސާޖިދު 8، އަދި މުޙައްމަދު ޙަމީދު 22، އެވެ.

ކުއާޓަރ ފައިނަލްގެ ފަހުމެޗުގައި މާރަންދޫ ޔޫތު ސޮސައިޓީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 20:15 ގައި ނުކުންނާނީ ގްރޫޕް 3 ން ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލަށް ކޮލިފައިވި ސެން ސިޓީ ފޭންސްއާ ދެކޮޅަށެވެ. އެދުވަހުގެ ހަވީރު އޮންނަ ކުއާޓަރ ފައިނަލްގެ ތިންވަނަ މެޗުގައި ބައްދަލްކުރާނީ ގްރޫޕް 3 ގެ އެއްވަނަ ޓީމް ނިކަ ޗެއިން އަދި އެންމެ ފަހުގެ ރަނަރަޕް ސެން ސިޓީ ކަޓުވާލުމަށްފަހު ގްރޫޕް 4 ގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ އިން ޖާގަހޯދި ޔުނައިޓެޑް ޔޫތެވެ.

ފޯރިގަދަ ކުޅުމަށްފަހު ރޭ ކުޅުނު ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި ސެން ސިޓީގެ މައްޗަށް ޔުނައިޓެޑް ޔޫތު ކުރި ހޯދީ 1-0 ންނެވެ. މެޗުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޔުނައިޓެޑް ޔޫތުގެ ކެޕްޓަން އަޙްމަދު ސަބީން 3، އެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ދެމެޗު މާދަމާ ހަވީރާއި މާދަމާރޭ އޮންނާނެއެވެ. މާދަމާ ހަވީރުގެ މައްޗަށް އައި.ކުލަބާއި ހޯރަފުށި އެޑްވާންސްމެންޓް ސޮސައިޓީ ބައްދަލްކުރާއިރު މާދަމާ ރޭގެ މެޗުގައި އަރާދުވާ ނުކުންނާނީ މާރަންދޫ ޔޫތު ކޯޕަރޭޝަނާ ދެކޮޅަށެވެ.

އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބްދުﷲގެ އެހީތެރިކަމާއެކު ކުލަބު ޕޯލްސްޓަރއިން އިންތިޒާމުކުރާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް) ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 15000 (ފަނަރަ ހާސް) ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ 20:15 ގައެވެ.

މައިކަޕް 2015, ޔުނައިޓެޑް ޔޫތު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ