ވަޒީފާ ބަދަލުކުރި މުވައްޒަފުންގެ ހައްގުގައި އިހުތިޖާޖުކޮށްފި

7 ސެޕްޓެމްބަރު 2018 0

ހއ. އިހަވަންދޫ ފެނަކައިގައި މަސައްކަތް ކުރަމުން ދިޔަ ތިން މުވައްޒަފުން އެހެން ރަށްރަށަށް ވަޒީފާ ބަދަލުކުރުމުން އެމީހުންގެ ހައްގުގައި އެ މުއައްޒަފުންގެ އާއިލާއާއި ރަށްޓެހިންނާއި ހެޔޮއެދޭ އެންމެން އިހުތިޖާޖުކޮށްފިއެވެ.

މިއަދު ހަވީރު އިހަވަންދޫގައި ކުރި އިހުތިޖާޖުގައި މިމުވައްޒަފުންގެ އާއިލާތަކާއި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވިއެވެ. އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކުން ވަނީ އެ މުއައްޒަފުންނަށް ހިތްވަރުދީފައެވެ.

އިހަވަންދޫ ފެނަކަ ބްރާންޗްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި މަސައްކަތްކުރަމުން ދާ ޝަހަރުއާބާދު މުހައްމަދު ސަމީރު މ. ނާލާފުށީ ފެނަކަ ބްރާންޗަށް ބަދަލުކޮށް، ހަމަ އެރަށު ފެނަކަ ބްރާންޗްގެ ޓެކްނީޝަން ހަސަން އަޙްސަންގެ ވަޒީފާ ވަނީ ތ. ބުރުނީއަށް ބަދަލުކޮށްފައެވެ.

އެ ދެ މުއައްޒަފުންވެސް މި އިހުތިޖާޖުގައި ބައިވެރވިއިރު އެމީހުން ތިބީ ބަދަލު ކުރި ރަށުގެ ނަން ލިޔެފައިވާ ބޯޑެއް ގައި "ނުދާނަން" މިހެން ލިޔެގެންނެވެ. އޮންލައިން ނޫސް ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ސަމީރުއާއި އަހުސަން އާއި ދެމީހުންވެސް ބުނީ، އާއިލާއެއް ބަލަން ޖެހިފައި އޮއްވާ އަނބިދަރިންނާއި އާއިލާ ދޫކޮށް މާދުރު ނުވެސް ދަންނަ ރަށަކަށް އެމީހުންގެ ވަޒީފާ ބަދަލުކުރީ މި ސަރުކާރުން އެމީހުންނަށް ބިރު ދައްކައި ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށް ދެކޭ ކަމަށެވެ. އެހެންނަމަވެސް ގޮތްދޫކުރަން ބޭނުން ނުވާކަމަށާއި، އެރަށްރަށް ނުދާނެކަމަށް އެމީހުން ބުންޏެވެ.

މި ދެމީހުންގެ އިތުރުން އިހަވަންދޫ ފެނަކައިގައި މަސައްކަތް ކުރަމުން އައި އަބުދުލް އަލީމް ވެސް ކުރިން ވަނީ ގދ. މަޑަވެއްޔަށް ބަދަލުކޮށްފައެވެ. އަބުދުލް އަލީމް އާއި އޭނާގެ އާއިލާއާއި ހެޔޮ އެދޭ މީހުން މިއަދުގެ އިހުތިޖާޖުގައި ބައިވެރިވެފައިވާއިރު އޭނާވެސް ހުރީ "ނުދާނަން" ލިޔެފައިވާ ބޯޑެއް ހިފައިގެންނެވެ.

ނާލާފުއްޓަށް ވަޒީފާ ބަދަލުކުރި ސަމީރަކީ އިހަވަންދޫގެ ކައުންސިލްގެ ކުރީގެ ރައީސެވެ. އޭނާ އަށް ފެނަކައިން ވަޒީފާ ލިބުނުފަހުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ނުވާކަމަށް ބުންޏެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިމަހުގެ 5 ވަނަދުވަހު އިހަވަންދޫއަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކުރެއްވި ދަތުރުގައި، އެބޭފުޅާއަށް މަރުޙަބާ ކިޔަން ސަމީރުގެ ބައްޕަ ނުކުމެފައިވެއެވެ.

އިބޫގެ ދަތުރާއި ދިމާކޮށް، އިހަވަންދޫގައި ހަރަކާތްތެރިވަމުންދާ ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންވަނީ، އާއިލާގެ އެއްވެސް މީހަކު އިބޫއަށް މަރުހަބާ ކިޔުމަށް ނުކުމެއްޖެނަމަ އެންސްޕާ އަދި އާސަންދަ ފަދަ އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތަކުން މަޙުރޫމްކުރާނެ ކަމުގެ ބިރާއި، ވަޒީފާއިން ވަކިކުރުމާއި އަދި ވަޒީފާ އަދާކުރާތަން ބަދަލުކުރާނެކަމުގެ އިންޒާރު ބައެއް މީހުންނަށް ދީފައެވެ. އެކަމަކު އަހުސަން ވަނީ ދާދިފަހުން އިދިކޮޅު ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު އިހަވަންދޫއަށް ކުރެއްވި ދަތުރުފުޅުގައި މަރުހަބާ ކިއުމަށްޓަކައި ނުކުމެފައެވެ.

އިހަވަންދޫ ފެނަކައިގެ ތިން މުއައްޒަފަކު އެހެން ރަށްރަށަށް ބަދަލުކުރުމަށް ނިންމާފައިވާއިރު، އިއުލާން ނުކޮށް ކޮންޓްރެކްޓް އުސޫލުން 4 މުވައްޒަފެއްވަނީ އިހަވަންދޫ ފެނަކަ ބްރާންޗަށް ނަގާފައެވެ. މިހާރު ފެނަކައިން އާނމު އުސޫލެއްގެ ދަށުން ވަޒީފާތަކަށް ނަގަނީ ޖީސީއީ އޯލެވެލް ސެޓްފިކެޓް އޮންނަ މުވައްޒަފުންނަށް ވީނަމަވެސް މި ހަތަރު މުވައްޒަފުންގެ ތެރޭގައި ޖީސީއީ އޯލެވެލް ސެޓްފިކެޓްނެތް ފަރާތްތައްވެސް ހިމެނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ