ވެއްޔާނުލާ ގަސްހެއްދުން 2 — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

93 ދުވަސް

ވެއްޔާނުލާ ގަސްހެއްދުން 2

ހައިޑްރޯޕޯނިކްސްގެ ވައްތަރުތައް

މީޑިއާ ޓެކްނިކް

މޫތައް އެއްޗެއްގައި ހަރުލާގޮތަށް ހުންނަ ނިޒާމުތަކަށް ނުވަތަ އެފަދަ އެއްޗެއްސަށް ކިޔާނީ ރޫޓީން މީޑިއާ ޓެކްނިކްއެވެ. މިއީ ގައު، އަކިރި، ކޮށި ބޮނބި، ކީހުކުނޑި، ބޮނބިކުނޑި ފަދަ އެއްޗެއްގައި މޫތަށް ހަރުލާގޮތަށް ހުރުމެވެ. މި ގޮތަށް ގަސްހައްދާއިރު ގަހަށް އަޅާ ފެނާއި ކާނާ ދައުރެއް ނުވާނެއެވެ. ކާނާ އާއި ފެން އަޅާނީ ގަހަށް ބޭނުންވާ މިންވަރަށް އެކަންޏެވެ. ނުވަތަ ޑްރިފްޓް އިގިރޭޝަން ސިސްޓަމެއް ބޭނުންކޮށްގެންނެވެ. ގަސްއިންދުމަށްޓަކައި ޕްލާސްޓިކް ކޮތަޅު، ސިމެންތިހުސްކުރި ގޯނި، ޓައްޕު، ކައްކާތެޔޮ ހުސްކުރި ހަން، ބާލިދީ، އުނބުގަނޑު ފަދަ ޕްލާސްޓިކް ނުވަތަ ރަބަރު ތަކެތި ބޭނުންކުރެވިދާނެއެވެ. ދޮންނަކުނޑި (އޯމޯ) ހުސްކުރާ އުރަ ރަނގަޅަށް ސާފުކޮށްލުމަށްފަހު އެތެރެފުށް ބޭރަށް، ބޭރުފުށް އެތެރެއަށްވާ ގޮތަށް ފުށުން ޖަހާލުމަށްފަހު ބޭނުންކުރެވިދާނެއެވެ. ގަސްއިންދަން ބޭނުންކުރާ އެތީގައި ފެން ހަރު ނުލާނޭހެން ލޯވަޅުތަކެއް އެޅުމަށް ސަމާލުވާންވާނެއެވެ. ލޯވަޅުތައް އަޅާއިރު ސީދާ ފުލުން އެޅުމުގެ ބަދަލުގައި ކޮތަޅުގެ ފުޅުގެ ކުޑަ ތަންކޮޅެއް މަތިން ލޯވަޅު އެޅުމަށް ސަމާލުކަންދޭން ވާނެއެވެ. އެހެންނޫނީ ކޮތަޅުގެ ތެރެއަށް ކިލާފަނި ޒާތުގެ ސޫފިތައް ވަދެ ގަހުގެ މޫތަކަށް ހަމަލާ ދީފާނެއެވެ. މިފަދަ ނިޒާމެއްގެ އެހީގައި މިރުސް، ބަށި، ޓޮމާޓޯ، ކެބެޖް، ސްވީޓް މިލަން ފަދަ ތަކެތި ކާމިޔާބުކަމާއެކު ހެއްދިދާނެއެވެ.

ވޯޓަރ ކަލްޗަރ ނުވަތަ ފެނުގައި ގަސްހެއްދުން

1.    ޑީޕް ވޯޓަރ ކަލްޗަރ

މިއީ ފެންހަރުލާނެ ފަދަ ކަންވާރަކަށް ފެންއަޅައިގެން އޭގައި ގަސް އިންދޭނެ އިންތިޒާމުތައްކޮށްގެން ގަސް ހެއްދުމެވެ. މިސިސްޓަމުގައި ގަސްހުންނާނީ ގަހުގެ ބުޑު ފުޅިމަދު މަތިގަނޑެއް ފަދައެއްޗެއްގައި މޫތައް ފެންގަނޑުގެ ތެރޭގައި ފެތުރިފައި އޮންނަ ގޮތަށެވެ. އަދި ފެންގަޑަށް އިރުގެ އަލި ނޭޅޭނެހެން ރަނގަޅަށް ބަންދުކުރުމަށް ސަމާލުވާންވާނެއެވެ. އެހެންނޫނީ، ފެންގަނޑުގައި ފެހި ޖަހާފާނެއެވެ. މިވައްތަރުގެ ސިސްޓަމްގައި ރަނގަޅަށް ހެއްދޭނީ ފަތުގެ ބާވަތްތަކެވެ. މިގޮތުން، ލެޓިއުސް، ކަންކުން، ކުދީނާފަތް ފަދަ ތަކެއްވާއި ކިއުކަންބާ ހެއްދިދާނެއެވެ.

2.    ނިއުޓްރިއެންޓް ފިލްމް ޓެކްނިކް (އެން އެފް ޓީ) ނުވަތަ ހޮޅި ނިޒާމު

 މިއީ އެސްލޯނު ހޮޅި ފަދަ އެއްޗެހީގައި ޕަންޕު ބޭނުން ކޮށްގެން ފެންދައުރުވާ ގޮތަށް ހުންނަ ސިސްޓަމްގައި ގަސް ހެއްދުމެވެ.  މިސިސްޓަމްގައި ފެންހުންނާނީ ވަރަށް ކުޑަކޮށެވެ. އެއީ ފެން އެއްކޮޅުން އެޅިގެންގޮސް މޫތަކުގައި ޖެހިގެން އަނެއްކޮޅުން ފައިބައިގެންދާ ގޮތަށެވެ. މިވައްތަރުގެ ސިސްޓަމް ބޭނުން ފަރުމާއަކަށް ބޭނުން ސައިޒަކަށް ހެދިދާނެއެވެ. މިވައްތަރުގެ ސިސްޓަމުގައި ގިނަބާވަތްތަކުގެ ތަރުކާރީ އާއި މޭވާ ފުޅާ ދާއިރާއެއްގައި ވިޔަފާރި އުޞޫލުން ކުރިއަށް ގެންދެވިދާނެއެވެ. މިގޮތުން، ކިއުކަންބާ، ކަރާ ނުވަތަ މެލަން، ލެޓިއުސް،  ފަދަ ބާވަތްތައް ފަސޭހަކަމާއެކު ހެއްދިދާނެއެވެ.

3.    ވިކް ސިސްޓަމް ނުވަތަ ފީތާ ބޭނުންކުރާ ނިޒާމް

 މިއީ ގަހަށް ބޭނުންވާ ކާނާ އާއި ފެން ފީތާ އެއްގެ އެހީގައި ނެގޭނެ އުޞޫލަކަށް ފަރުމާ ކުރެވޭ ނިޒާމެވެ. މިފަދަ ނިޒާމުގައި ފެން އަޅާނެ ޓައްޕެއް ނުވަތަ ބާލިދީ އެއްގެ އިތުރުން ގަސް އިންދާނެ އެއްޗެއް ބޭނުންކުރެވިދާނެއެވެ. ގަސްއިންދާ އެތީގެ ތިރިން ލޯވަޅުތަކެއް ކަނޑާ އެލޯވަލުތަކުން އުއި ފޮތިން ފީތާ ހެދުމަށް ފަހު ފެންގަނޑުގެ ތެރެއަށް ދޫކޮށްލާނީއެވެ. މިފަދަ ނިޒާމުގެ ފުރިހަމަ މިސާލަކީ ފުޅިބައްތި އެވެ. މި ފަދަ ނިޒާމެއް އަމިއްލަފުޅަށް ތައްޔާރު ކުރެވިދާނެއެވެ. މިގޮތުން ތަޖުރިބާ ކުރުމަށްޓަކައި ކުރެވިދާނެ ފަސޭހަ މަސައްކަތެއް ދެން އަންނަ ބައިގައި ހިމަނާނަމެވެ.  (ނުނިމޭ)

ވެއްޔާނުލާ ގަސްހެއްދުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ