މި ވެރިކަމުގެ ފޮނި މީރުކަން ހޯދަން ބޭނުންވޭ ހެއްޔެވެ؟

ރައްޔިތުންގެ މަޖްލީހަށް ކެމްޕެއިން ފެށުމަށް ޕީޕީއެމް ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ފެބްރުއަރީ 13، 2014 ގައި ބޭއްވި ކެމްޕެއިން ޖަލްސާ. ފޮޓޯ: ހަވީރު ގެލެރީ
އަޅުގަނޑަކީ އެހާ ސިޔާސީ މީހެއް ނޫނެވެ. ސިޔާސީ ވުމުގެ މާނައެއްވެސް ނެތެވެ. އެހެންނަމަވެސް މިހާރު ހިނގަމުންމިދާ ކޯލިޝަން ވެރިކަމުގެ ފޮނި މީރުކަން އަޅުގަނޑުވެސް ބޭނުމެވެ. ދިވެއްސަކަށް ވިތީއެވެ. ކޯލިޝަނަށް ރައްޔިތުން ވެރިކަން ހަވާލުކުރީ އުއްމީދާއެކުގަ އެވެ. އެންމެން "ގުޅިގެން" އެކޯލިޝަނަށް އަހަރެމެން އާނބަސްބުނީ އެމީހުން ވަމުންދިޔަ ވަޢުދުތަކާ ހިތާ ވެގެންނެވެ.
ބަޔަކާ ސަރުކާރެއް ހަވާލުކުރިއަސް އަދި އެނިމުނީ ނޫންކަން ސިޔާސީ ދާއިރާއަށް ބީރަށްޓެހި އަޅުގަނޑަށްވެސް އެނގެއެވެ. ސަރުކާރެއް ސަރުކާރެއްގެ ގޮތުގައި ހިންގުމަށް އެހީތެރިކަން ބޭނުންވާ އެހެން މުއައްސަސާތައް ހުންނަކަން އަޅުގަނޑަށް އެނގެއެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް އިންތިހާއަށް އެއްބާރުލުން ބޭނުންވާ މުއައްސަސާއެއްކަން މިހާތަނަށް އަޅުގަނޑަށް ލިބިހުރި މައުލޫމާތުން ވިސްނެއެވެ.
އަޅުގަނޑަށް ވިސްނުނީ މުޅިން ރަނގަޅަށްކަން ޔަޤީންވީ ރޭ ދަންވަރު ހަވީރު އޮންލައިންގައި އޮތް ޚަބަރެއް ކިޔާލުމުންނެވެ. އެއީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ސަރުކާރު ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާކަމަށް ދިވެހިރާއްޖޭގައި މިވަގުތު އެންމެ ބޮޑު ސިޔާސީ ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެކަމަށް ބުނެ ލިޔެފައިވާ ޚަބަރެކެވެ. އިތުރަށް މައުމޫން ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީން އެ މަގާމަށް ހޮވިވަޑައިގެންފައިވަނީ ވަރަށް މުހިންމު މެނިފެސްޓޯއަކާއެކު ކަމަށާއި އެމެނިފެސްޓޯގައިހުރި ކަންކަން ރައްޔިތުންނާ ހަމައަށް ގެނެސްދެވޭނީ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓަށް ތާއީދުކޮށްގެން ކަމަށެވެ.
ކަންމިހެން ހުރިއިރު އަޅުގަނޑު ހައިރާންވަނީ ރިޔާސީ އިންތިޚާބު ދުވަސްވަރު މި އިހަވަންދޫގައި "ސިޔާސީ ވެގެން" އުޅުނު ބައެއް ފަރާތްތަކަށް މިއަދު މިކަން ނުވިސްނޭތީ އެވެ. ވިސްނުނަސް އެކަން ޤަބޫލު ނުކުރާތީ އެވެ. ޤުރުބާންވެގެން ހޮވި ރައީސް ޔާމީން ވެސް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ދޭ 5000 ރުފިޔާގެ އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރަން ބޭނުންވާ ކަމަށެވެ. މުދައްރިސުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާކަމަށެވެ. އިހަވަންދިއްޕޮޅު ތަރައްޤީގެ ނާރެހަކަށް ހަދަން ބޭނުންވާ ކަމަށެވެ. އެކަމަކު އެކަން ކުރެވޭނީ ކޯލިޝަނުން ދެއްކި ކެންޑިޑޭޓަށް ގޮނޑި ލިބިގެން ކަމަށެވެ. އަސްލު އެއީ ވަރަށްބޮޑު ތެދެކެވެ. އެކަމަކު ބައެއް ފަރާތްތަކުން މިވާހަކަތަކަށް ބީރު ކަންފަތެއް ދޭތީ އެފަރާތްތަކުގެ އިޚްލާސްތެރިކަމާމެދު އިންތިހާއަށް ސުވާލު އުފެދެއެވެ. ސަބަބަކީ އިހަވަންދޫ ދާއިރާގެ ގޮނޑި މިހާރުގެ ޢިއްޒަތްތެރި މެމްބަރ އަށް ހަދިޔާކުރުމުގެ އެއްވެސް ބޭނުމެއް އަޅުގަނޑަށް ނުފެންނާތީ އެވެ. އެބޭފުޅާ އަކީ މާޒީއެވެ. އެއްވެސް އުއްމީދެއް ނެތެވެ. އުއްމީދުތައް ގުޅިލާމެހިފައިވަނީ ހަމައެކަނި ކޯލިޝަންގެ ކެންޑިޑޭޓާއެވެ. ވީއިރު އެއްވެސް ސަބަބަކާހުރެ "ބޮޑާހޭކުމުގެ" މާބޮޑު މާނައެއް ނެތެވެ.
އެހެންކަމުން މިވެރިކަމުގެ ފޮނި މީރުކަން ބޭނުން ކޮންމެ އިހަވަންދޫ ދާއިރާގެ ދަރިޔަކުމެ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓުގެ ނަމާ ދިމާގައިވާ ގޮޅީގައި ހެޔޮ ފާހަގައެއް ޖަހަންޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ. މިއީ އަޅުގަނޑުގެ ހިޔާލެވެ. ތިޔަބޭފުޅުންވެސް އެހެން މީހުންގެ ހިޔާލަށް އިޙްތިރާމް ކުރަންޖެހޭނެ އެވެ. އެހެންނޫނީ ތިޔަބޭފުޅުންގެ ހިޔާލަށް އެހެން މީހުން އިޙްތިރާމެއް ނުކުރާނެ އެވެ.
ޚިޔާލު ފައުޅުކުރުން