ވިހަ ދުން ބޯންދޭއިރު އިހަވަންދޫ ރައްޔިތުން މަޑުން ތިބެނީ ކީއްވެބާ؟ — Ihavandhoo.com

ވިހަ ދުން ބޯންދޭއިރު އިހަވަންދޫ ރައްޔިތުން މަޑުން ތިބެނީ ކީއްވެބާ؟

25 ސެޕްޓެމްބަރު 2014 14

2013 ވަނައަހަރުގެ މާޗް މަހު މާލޭގެ ސުކޫލެއް ކަމަށްވާ އިމާދުއްދީން ސްކޫލަށް، ކާރީގައި އޮތް ކުނިގޮނޑުން ދުމުގެ އަސަރުކުރާތީ ބެލެނިވެރިން ރަތަށް އެރިއެވެ. ކިޔަވާދިނުން ހުއްޓާލިއެވެ. ސަރުކާރުގެ ސަމާލުކަމަށްވެސް އެކަން އައީ ނުހަނު އަވަހަށެވެ. އިސާހިތަކު ސަރުކާރުން މަލްޓިމިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ފަށައި ކުނިގޮނޑު ހުސްކޮށް އެމައްސަލައަށް ހައްލު ހޯދައިދިނެވެ.

ނަމަވެސް އިހަވަންދޫ މަދަރުސާއަށް އަދި އިހަވަންދޫ އުތުރުކޮޅުގައި އުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދުމުގެ މައްސަލައާއި އެކު އެމީހުންގެ ދިރިއުޅުން ކުރިއަށް ގެންދާތާ އެތައް އަހަރެއް ވަނީއެވެ. ކުރީގެ ކައުންސިލަށްވެސް އަދި މިކައުންސިލަށްވެސް އެމީހުންގެ ކެކުޅުންތަކަށް ހައްލެއް ހޯދައެއް ނުދެވުނެވެ. އެސަރަހައްދުގައި ދުރިއުޅޭ މީހުން ކައުންސިލަށް މިކަމުގެ ޝަކުވާގެ ހިފާގެން ދިޔަވަރެއް ނޭގެއެވެ. ކައުންސިލަށް މީ ބޮޑުކަމަކަށް ނުވާކަން ސާފުވަނީ އެމައްސަލަ ހައްލުކޮށްދިނުމަށް އެދި ކައުންސިލަށް އާނމުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބިގެން އެކަމާ ތެޅިގަތުމުން ކައުންސިލުން ޖަވާބު ދީފައި ފޮނުވާ ސިޓީގައިވެސް، އެސިޓީ ލިޔުނު މީހާގެ ނަންވެސް ޖަހާފައި ނީންނާތީއެވެ.

މާލޭ ކޮނިގޮނޑު އަނދައިގެން އަރާދުމަށްވުރެ އިހަވަންދޫ ކުނިގޮނޑު އަންދައިގެން އަރާދުން އެތައްގުނައެއް ވިހަވާނެކަމީ ކަށަވަރު ކަމެކެވެ. އިމާދުއްދީން ސްކޫލަށް އުނދަގުވީ މާލޭ އެއް ނަންބަރު ކުނިގޮނޑު އަނދައިގެން އެތަނުން އެރި ދުމުންނެވެ. އެތަނަކީ ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތުގައި އުފެދޭ ކުނި އަޅާތަނެކެވެ. ނަމަވެސް އިހަވަންދޫ ކުނިގޮނޑަކީ ޖެހުނު އެއްޗެއް އަޅާތަނެކެވެ. ދަގަނޑުގެ ބާވަތްތައް ވަކިން ތަނަކަށް އަޅާފައި ހުރެއެވެ. ނަމަވެސް ކުނި އަންދާ ސަރަހައްދުގައި ހުރީ ފައިބަރާއި ޕްލާސްޓިކާއި މިނޫންވެސް އެތައް ބާވަތްތަކެކެވެ.

ދުމުގެ އުނދަގުލާއި ބެހޭގޮތުން މަދަރުސާގެ ބައެއްދަރިވަރުންނާއި ވާހަކަ ދައްކާލީމެވެ. "ދުން އަރަން ފަށާއިރަށް ދޮރުތައް ލައްޕަނީ. އެކަމްވެސް އުނދަގޫވޭ! ބޮލުގައި ރިއްސާ! ލޮލުގައި ރިއްސާ! ކިޔަވާހިތެއްވެސް ނުވޭ! މޫޑް ކަޑަވަނީ!" އިހަވަންދޫ މަދަރުސާގެ އަންހެން ދަރިވަރަކު އޭނެގެ ތަޖްރިބާ ހިއްސާ ކުރިއެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ އިމާދުއްދީނުގެ ދަރިވަރުންނަށް ދުމުން އުނދަގޫވުމުން ހޯދައިދެވުނު އަވަސްހައްލު، އެތައް އަހަރެއްވަންދެން ދުމުގެ ވިހަ ތަހައްމަލު ކުރަމުންދާ އިހަވަންދު ދަރިވަރުންނަށް ސަރުކާރުން ހޯދައިނުދެނީ ކީއެއްވެބާއެވެ؟ ސަރުކާރުގެ ސަމާލުކަމަށް މިކަން ނުގެނެވެނީބާއެވެ؟ ނޫނީ ބެލެނިވެރިންނަށް މީ މައްސަލައެއްކަމަށް ނުވަނީ ބާއެވެ؟

ގިނަ މީހުންނަށް ދުމުގެ މައްސަލަ މައްސަލައަކަށްވަނީ ދުންއަރާ ވަގުތު އެމީހުންނަށް ވާއުނދަގުލެވެ. ނަމަވެސް ދުންއެރުމުން ހަމައެކަނި ވާގެއްލުމަކީ ލޯހިރުވުމާއި ބޮލުގައި ރިއްސުމާއި ކޮށިއެރުން އެކަންޏެއް ނޫނެވެ. އެކަމުގެ ސަބަބުން އެތައްދުވަހެއްގެ ފަހުން ކުރިމަތިވެދާނެ އެތައް ސިއްހީ މައްސަލަތަކަކަށް މީހާ ހުށަހެޅެއެވެ.

ޕްލާސްޓިކާއި ރަބަރު (ޕްލާސްޓިކް ފުޅި،ކޮތަޅު،ޓަޔަރު...) އެންދުމުން އަރާދުމުގައި ކާބަން މުނޮކްސައިޑާއި، ޑަޔޮކްސިން ގެ އިތުން ފިޔުރަންސް ފަދަ ވިހަމާއްދާތައް އެކުލެވެއެވެ. ދުނިޔޭގެ އެކިހިސާބުތަކުގައި ކޮށްފައިވާ އެކިއެކި ތަހުލީތަކުން ސާބިތުވެފައިވާގޮތުގައި ޑަޔޮކްސިން އާއި ފިޔުރަންސް އަކީ ކެންސަރު ޖެހުމާއި ސީދާ ގުޅުންހުރި މާއްދާތަކެވެ. އަދި ނޭވާލުމުގެ ނިޒާމަށްޖެހޭ ތަފާތުބަލިތައް ޖެހުމަށްވެސް މިމައްދާތައް މަގުފަހިކުރެއެވެ. ކުދިން ނުލިބުމާއި ޖިންސީބާރު ދަށްވުމާއި އުރަވަޅިއަށް ކުންސަރު ޖެހުމަށްވެސް މިފަދަ ދުމުގެ ތެރެއަށް ނޭވާލުމުން މަގުފަހިވާކަމަށް ސިއްހީ ތަޖްރިބާކާރުން ބުނެއެވެ.

 މީގެ އިތުރުންވެސް ޕްލާސްޓިކާއި ރަބަރު އެންދުމުން އަރާ ދުމުގެ ސަބަބުން ހޯމޯނަލް އިމްބެލެންސްވުމާއި ފިރިހެނުން އަންހެން ދުޅާވެ، އަންހެނުން ފިރިހެން ދުޅާ ވުމުގެ މައްސަލަތައްވެސް ފާހަގަކުރެވިފައި ވެއެވެ. އެގޮތުން ސައިންޓިސްޓުންވަނީ، އެފަދަ ދުމުގެ ތެރެއަށް ނޭވާލުމުގެ ސަބަބުން ދޫނި ތަކަކަށް އައި ބަދަލު ފާހަގަ ކޮށްފައެވެ. ފިރިހެން ދޫނިތަކުގެ އުޅުން އަންހެން ވިއެވެ. އަދި އަންހެން ދޫނިތަކުގެ އުޅުން ފިރިހެން ވިއެވެ. ސައިންޓިސްޓުން ބުނާގޮތުގައި މިމައްސަލަ ހަމަ މިގޮތަށް އިންސާނުންނަށްވެސް ކުރިމަތިވާނެއެވެ.

ޕްލާސްޓިކާއި ރަބަރު އެންދުމުގެ ސަބަބުން އުފެދޭ އަޅި އަކީވެސް ވަރަށް ނުރައްކާތެރި އެއްޗެކެވެ. އެއަޅި ފަސްގަނޑާއި އެއްވުމުން ފެނުގެ ފަށަލައަށް ވިހަމާއްދާތައް ދަތުރުކުރެއެވެ. އެފަދަ މާއްދާތަކުގެ އަޅިހުންނަ ފަސްގަނޑުގައި ނުވަތަ ކާރިސަރައްދުތަކުގައި ހުންނަ ގަސްގަހުގައި އަޅާތަކެތި ކެއުމަކީވެސް ނުރައްކާތެރިކަމެއްކަމަށް ކަމާބެހޭ ތަޖުރިބާކާރުން ބުނެއެވެ.

ކުނިގޮނޑުގައި ފައިބަރު އަންދާ މައްސަލާގައި އިތުރުއެއްޗެއް ލިޔާކަށް ނެތީމެވެ. އެތާ ހަމައެކަނި އަންދަނީ މިލިޔެވިދިޔަ ތަކެތި އެކަންޏެއް ނޫނެވެ. ނުވީތާކަށް ބައެއްކަހަލަ މެޑިކަލް ސާމާނުވެސް އަންދާ ސަރަހައްދުގައި ހުރެއެވެ. މިތަކެތި އަންދާގެން އަރާދުމުގެ ތެރެއަށް ނޭވާލާން ތިބާ އަދިވެސް ތިހުރީ ތައްޔާރައްތޯއެވެ؟

ކުނިގޮނޑުން ދުމުގެ އަސަރުކުރާ ސަރަހައްދުގައި ހުންނަ ގޭގޭމީހުން ބޯންނަގާ ވާރޭފެން ބޯންވާނެ ބާއެވެ؟ އިހަވަންދޫ މަދަރުސާގެ ފެންހަންތަކަށް ނަގާފައިހުރި ވާރެފެން ބޯންވާނެ ބާއެވެ؟ ކުނިގޮނޑު ސަރަހައްދުގައި ހުރި ގަސްތަކުގައި އަޅާތަކެތި ކާންވާނެ ބާއެވެ؟ އަދިވެސް ހަމަ މިކަމާ މަޑުން ތިބޭނީތޯއެވެ؟

މިއީ ތިމާވެށީގެ މައްސަލައެވެ! ސިއްހީ މައްސަލައެކެވެ! އިޖްތިމާއީ މައްސަލައެކެވެ! ނަފްސާނީ މައްސަލައެވެ! އިގްތިސާދީ މައްސަލައެކެވެ! މިނިވަން ކަމާއި ގުޅުންހުރި މައްސަލައެވެ! ހައްގުތައް ގެއްލެމުންދާ މައްސަލައެވެ!

ކުނިގޮނޑު, އިހަވަންދޫ ކައުންސިލް, ޚާއްސަ ރިޕޯޓު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ބެލެނިވެރިންނަށް ދަންނަވަން... ދަރިންގެ މުސްތަޤުބަލަކީ އެކުދިންނަށް ޢިލްމެއް ހަމައެކަނި ހޯދައިދިނުމެއް ނޫން.. އެކުދިންގެ ސިއްޙަތައްވެސް ބަލަންޖެހޭނެ... ބެލެނިވެރިން މިކަމާ އިސްނަގައި މިކަން ހުއްޓުވުމަށް ތެދުވަންނަންވީ... އިހަވަންދޫގެ ސިއްޙީ މަރުކަޒާއި، ކައުންސިލް އިިދާރާ، މެޖިސްޓްރޭޓް ކޯޓް އަދި ޕޮލިސް ސްޓޭޝަން ބަންދުކޮށް ހިސޯރުކުރި މީހުން، މިކަން ވަކި ކޮޅެއްގައި ޖެއްސުމަށް ކުރެވެންހުރި ކޮންމެ ކަމެއް ކުރުމަށް ގޮވާލަން.. ރަށުގެ ދެކުނު އަދި މެދު ސަރަހަށްދުގައި އުޅޭ ރައްޔިތުންވެސް މިކަމާ ބައިވެރިވުމަށް އެދެން. ދުމުގެ އަސަރު ނުކުރިޔަށް ދައުރުވަމުންދާ ދައިގެ ފަޝަލައާއި ބޯފެނުގެ ގޮތުގައި ބޭނުންކުރާ ވާރޭ ފެނުގެ ޒަރިއްޔާއިން ހަމަ ގެއްލުން ލިބޭނެ. މިއީ ހުރިހާ ރައްޔިތުން ވިސްނަންވެއްޖެ މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވެފައިވާ މައްސަލައެއް.

– 25 ސެޕްޓެމްބަރު 2014 1

ވިހަ ދުންތަށް އިހަވަންދޫގެ ޖައްވުގެ ތެރެއަށް ފަޒާއަށް އަރަމުން ދާން މި ފެށީ 2014. ފެބުރުއަރީ 26 ހުން ފެށިގެންނެވެ. މި މައުލޫމާތު ލިއުމުގައި ނެއްކަން ހިތާމައާއެކު ފާހަގަކުރަން.

– 25 ސެޕްޓެމްބަރު 2014 5

އިންޖީނުގޭގެ ވެރިންނާ ކައުންސިލްގެ ވެރިންނަށް ބަދު ދުޢާ ކުރަންޖެހޭ ދަރަޖައަށް ތިއޮތީ ތިކަން ގޮސް. އެމީހުން ފައިބަރާ ޕުލާސްޓިކު ދުން ރައްޔިތުންނަށް ބޯންދީގެން ގަސްތުގާ ރައްޔިތުން ހަލާކު ކުރަނީ. ޕޮލިހުން މިކަން ނުހުއްޓުވާކަމީ ޕޮލިހުންނަށް ދެދުނިޔޭގައި ގެއްލުމާ ކުރިމަތިލާންޖެހޭނެ ކަމެއް. ކަލޭމެންނަށް ހަލާކު ހުރި. ތިމާގެ އަމިއްލަ ނަފުސަށާ އެހެންމީހުންނަށް ގެއްލުން ދިނުމަށް ﷲ ތަޢާލާ ނަހީކުރައްވާފަވާއިރު ކަލޭމެންނަށް ކޮންހައްގެއް ލިބިގެން ރައްޔިތުން މަރަނީ. ﷲ އަކްބަރު، މާދަމާއަށްޓަކައި ބިރުވެތިވެ ރައްޔިތުންނަށް ތިދޭއަނިޔާ ވަގުތުން ހުއްޓާލާ ރައްޔިތުންގެ ކިބާން މާފަށްއެދި އެމީހުންގެ ހިތްހަލާލު ނުހޯދާފި ނަމަ ތިކަން ތިކުރާ ބަޔަކަށް ލިބޭނެ އަޒާބާ ދޭތެރޭ ނިކަން ވިސްނާލަ ބަލަ. ފައިބަރަކީ އަންދާގެން ނައްތާލަން ޖެހޭ އެއްޗެއް ނޫން. ޕުލާސްޓިކަކީ އަންދާގެން ނައްތާލަން ޖެހޭ އެއްޗެއް ނޫން. ކަލޭމެން ތިދަނީ ފައިބަރާ ޕުލާސްޓިކުގެ ވިހަ ކެމިކަލްތައް އިހަވަންދޫގެ ރައްޔިތުންނަށް ބޯންދެމުން. ކަލޭމެންގެ އާއިލާގެ މީހެއް އެސަރަހައްދުގަ ނޫޅުނެއްކަމަކު، އެތަނުގަވެސް އުޅެމުން އެދަނީ ކަލޭމެންކަހަލަ އިންސާނުންކަން ދަނެބަލަ. ﷲ އަކްބަރު. ކަލޭމެންނަށް ﷲ ލަޢުނަތްލައްވާނެ. ނިކަން ވިސްނާލަބަލަ ތަންތަނުގެ ވެރިންނަށް ޢިލްމެއް ޙިލްމެއް ނެތްބަޔަކު ލީމަ ވާގޮތް. ނިކަން ވިސްނާލަބަލަ ރައްޔިތުންނޭ. ރައްޔިތުން ހޮވި ވެރިންތައް ރައްޔިތުންގެ ކަރަށް ފިތަމުން ފިތަމުންގޮސް މަރާލަން ދިމާކޮށްފަ އެތިބީ. ހުރި ހިތާމައެއްގެ ބޮޑުކަމާ.

– 25 ސެޕްޓެމްބަރު 2014 2

އެހުރީ ހަމަ ކުނިގޮނޑުން ނަގާފަ ހުރި ފޮޓޯތަ؟ އެހެންވެއްޖެނަމަ ހަމަ މިހާރުން މިހާރަށް ކައުންސިލަރުންނާ އިންޖީނުގޭ ވެރިން އިސްތިޢުފާދިނުމަށް ގޮވާލަން.

– 25 ސެޕްޓެމްބަރު 2014 0

ރަށުގެ ވެރިންނަށް (ކައުންސިލަރުން، ސުކޫލުގެ ވެރިން، ހެލްތު ސެންޓަރުގެ ވެރިން، އިންޖީނުގޭގެ ވެރިން، ފުލުހުން) އަދި ކުނިގޮނޑޫ އަންދާ އިންޖީނުގޭގެ މުވައްޒަފުންނަށް:::: އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ "މުއުމިނު މީހާއަށް ދިމާވެފައިވާ ދުނިޔަވީ ހިތާމައެއް އޭނަގެ ކިބައިން ފިލުވައިދީފި މީހާއަށް، އެމީހާގެ ކިބައިން ޤިޔާމަތް ދުވަހުގެ ހިތާމަތަކުގެ ތެރެއިން ހިތާމައެއް ﷲ ފިއްލަވައި ދެއްވަވާނެތެވެ. އަދި ދަތި ޙާލެއްގައިވާ މީހެއްގެ މައްޗަށް ފަސޭހައެއް ކޮށްދީފި މީހާއަށް ދުނިޔެއާއި އާޚިރަތުގައި ފަސޭހަ ކުރައްވަވާހުއްޓެވެ. އަދި މުސްލިމެއްގެ ޢައިބެއް ފޮރުވައިދީ ނިވާ ކޮށްދީފިމީހާއަށް ދުނިޔެއާއި އާޚިރަތުގައި ނިވާކުރަށްވާނެތެވެ. އަޅަކު އޭނަގެ މުސްލިމު އަޚާއަށް ވާގި ދިނުމުގައި ދެމިގެންވާހައި ހިނދަކު، މާތް ﷲ އެއަޅާއަށް ވާގި ދެއްވުމުގައި ވޮޑިގެން ވެއެވެ." - .

– 25 ސެޕްޓެމްބަރު 2014 0

ގަހާރެސްޓްގެ ބޮޑުމީހާ ހަދާޕެޓިޝަނުގެ ވަހަކަ ކޮބާ؟

– 25 ސެޕްޓެމްބަރު 2014 0

މީ ދެން ބޮޑު ވަރު އިނގޭ!!!! މި ލިޔުން ލިޔެފައި މިއޮތްތީ ސަރުކާރުށް މަލާމަތް ކުރަން !!!

– 25 ސެޕްޓެމްބަރު 2014 8

މިހާރު ދެން ގޯސްކޮށްދާ ކަމެއްގެ ވާހަކަ ބުނެފިއްޔާވަނީ ސަރުކާރާ ޖެއްސުމަށްކަމަށްދޯ؟

– 25 ސެޕްޓެމްބަރު 2014 0

މިހާރުދެން ސަރުކާރަށްޓަކައި ރައްޔިތުން ދޯ؟؟؟ ރައްޔިތުންނަށްޓަކައި ސަރުކާރެއް ނޫން.....

– 25 ސެޕްޓެމްބަރު 2014 0

ތިއީ އަކްރަމްމެން ހިންގާ ބޮޑު ޖަރީމާއެއް،އިހަވަންދޫ ސިއްހީ މަރުކަޒުގެ އަގު ވައްޓާލަން ޖަހާގެން އުޅޭ މަޅިއެއް، އިހަވަންދޫ ސިއްހީމަރުކަޒުން ކުނިގޮނޑަށް ކުނިނާޅާތާ ވީދުވަހެއްވެސް ނޭގެ، އެހެންވީމާ މި އިންޖެކްޝަންތަކަކީ ފޮޓޯ ނެގުމުގެ ބޭނުމުގައި މަރުކަޒުގެ މުވައްޒަފަކު ބޭނުން ކޮއްގެން އެތަނަށް ގެންގޮސް ފައިވާ ތަކެތިކަމައް ލަފާކުރެވޭ!

– 26 ސެޕްޓެމްބަރު 2014 3

ރައްޔިތުންނަށް ވިހަ ދުން ޔަޤީން ކޮށްދިިން ސަރުކާރު. ޒުވާނުން ނަށް ޖެއްސުންކުރާ ސަރުކާރު. މިއޮތީވާ ސަރުކާރެއް އިނގޭ.

– 26 ސެޕްޓެމްބަރު 2014 2

ވަރަށް ރަގަޅު ލިޔުމެއް. މި ކަމައް އަވަސް ހައްލެއް ބޭނުން.....

– 26 ސެޕްޓެމްބަރު 2014 1

އަކްރަމް ރަށުގައި ދެ އަތް އުރާލައިގެން ހުރެގެން މުއަށްސަސާތަކުގެ އަގުވަށްޓަން ވެގެން ތި އުޅެނީ. ކޮންތާކުތަ ދެން ކުނި އަންދަން ވީ.

– 27 ސެޕްޓެމްބަރު 2014 6

ވަރަށް ރަނގަޅު މައުލޫމާތުތަކެއް

– 29 ސެޕްޓެމްބަރު 2014 0