ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ފެބުރުވަރީ 4 ގެ ނިޔަލަށް

30 ޖެނުއަރީ 2017 0

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އިހަވަންދޫގައި ބެހެއްޓި ވޯޓު ފޮއްްޓެއްގެ ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ.އިހަވަންދޫޑޮޓްކޮމް ފައިލްފޮޓޯ

ލޯކަލް ކައުންސިލް އިންތިހާބު 2017 އަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓްކޮށް އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އިއުލާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި، މިމަހުގެ 15 ވަނަ ދުވަހު ޝާއިއުކުރެވުނު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017 އަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ގެޒެޓްކޮށްފައިވާ ކަމަށެވެ.

ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި އަދި ކޮމިޝަނުގެ ވެބްސައިޓްގައި ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެ ލިސްޓް މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން އާންމުކޮށް ފެންނަން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 4 ފެބުރުވަރީ 2017 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 8:00 އިން މެންދުރުފަހު 3:00 އަށް ވަނީ ހުޅުވާލައިފައެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެދުނު 9.00 އިން މެންދުރުފަހު 03:00 އަށް ޝަކުވާ ހުށައެޅޭނެ ކަމަށާއި ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށްއިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ ބާ ޖަމާލުއްދީން ގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒުންނެވެ. މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާއިންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ.

ލޯކަލް ކައުންސިލް އިންތިހާބު, އިލެކްޝަން ކޮމިޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ